15 Mar 2012, 20:36
ރާއްޖެއަށް އެތެރެކުރެވޭ ތަކެތީގައާއި ރާއްޖޭގައި އުފައްދާ ތަކެތީގައި ޕެސްޓިސައިޑް ރެސިޑިއު ހިމެނޭތޯ ތަހުލީލުކުރަން ޑަބްލިޔުއެޗްއޯ އެހީގައި މުވައްޒަފުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ ޕެސްޓިސައިޑް ރެސިޑިއުއަކީ އިންސާނުންނާއި ގަސްގަހާގެއްސަށް ގެއްލުންދޭ ޖަނަވާރާއި ސޫފާސޫފި އަދި އެހެނިހެން ދިރޭ ތަކެތި މަދުކޮށް، ކޮންޓްރޯލް ކުރުމަށް ނުވަތަ ނައްތާލުމުގެ ގޮތުން ބޭނުންކުރާ ކެމިކަލްގައި ހިމެނޭ "ޕެސްޓިސައިޑް" ނަމަކަށް ކިޔާ މާއްދާ އެއްގެ ސަބަބުން އޭގެ އަސަރު ގަސްތަކަށް ކޮށް ބައެއް ފަހަރު އޭގެ ކޮންމެވެސް ވަރެއް ގޮވާމުގައި ހަރުލާ މިންވަރަށް ކިޔާ ނަމަކެވެ. އަދި މިތަކެއްޗަކީ ކެންސަރު ފަދަ ބަލިތަކަށް މަގުފަހިކޮށްދޭ މާއްދާއެއް ކަމަށްވެސް ބެލެވިފައި ވެއެވެ.
މިނިސްޓަރީން މިއަދު ބުނިގޮތުގައި އެ ތަމްރީން ޕްރޮގްރާމަކީ ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) ގެ އެހީގައި އިންޑިއާ، މައިސޫރުގެ ސީއެފްޓީއައިއާރް ގެ ކަމާ ބެހޭ މާހިރަކު ގެނެސްގެން ހިންގާ 45 ދުވަހުގެ ޕްރޮގްރާމެއް ކަމަށާއި ޕްރޮގްރާމްގައި ބެރިވެރިކުރަން ހަމަޖެހިފައިވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ނެޝަނަލް ހެލްޓް ލެބޯޓަރީގައި މަސައްކަތްކުރަމުން އަންނަ މުވައްޒަފުން ކަމަށެވެ.
އަދި އެޕްރޮގްރާމުގެ ދަށުން "ގޭސް ކްރޮމެޓްގްރަފީ ޔުނިޓް" ބޭނުން ކޮށްގެން ކާބޯތަކެއްޗާއި ފެނުގައި "ޕެސްޓިސައިޑް ރެސިޑިއު" ގެ ޓެސްޓުތައް ކުރުމަށް މުވައްޒަފުން ތަމްރީން ކުރެވޭނެ ކަމަށާއި އެގޮތުން ޕްރޮގްރާމުގައި 25 ޓެސްޓް އެތަނުގެ މުވައްޒަފުން ބޭނުންކޮށްގެން ތަހުލީލު ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ހެލްތް މިނިސްޓަރީން މައުލޫމާތު ދެއެވެ.
ހެލްތް މިނިސްޓަރީން އިތުރަށް ވިދާޅުވީ ރާއްޖެއަކީ ދަނޑުވެރިކަމުން އުފައްދާ ތަކެތި މަދު ގައުމެއް ކަމުން، ރާއްޖެއަށް އެތެރެކުރެވޭ ތަކެއްޗަކީ ކެއުމަށް ރައްކާތެރި ތަކެތިތޯ ބެލުމަށްޓަކައި ގަވާއިދުން ކެމިކަލް ތަހުލީލުތައް ކުރުމަކީ މުހިއްމު ކަމެއްކަމަށާއި ރާއްޖޭގައި އުފައްދާ ކާބޯތަކެއްޗަށް މިންގަނޑު ކަނޑައަޅާ ރާއްޖޭގެ އުފެއްދުންތައް އެހެނިހެން މާކެޓްތަކުގައި ވިއްކުމުގެ ފުރުސަތު ފުޅާކުރުމަށްޓަކައި އެފަދަ ތަހުލީލުތައްކޮށް އޭގެ މައުލޫމާތު އެއްކުރުމަކީވެސް މުހިއްމު ކަމެއް ކަމަށެވެ.