ބަނޑުގައި ވައި ހެދުން ނުވަތަ ގެސްޓްރިކްގެ މައްސަލައަކީ އާންމު ގޮތެއްގައި އުމުރުން 40 އަހަރު ވުމަށްފަހު ދިމާވާ މައްސަލައެކެވެ.

ހުސް ބަނޑާ ނުކައި ގިނަވަގުތު ހުރުން ނުވަތަ ކުޅި ކާނާ ގިނައިން ކެއުމަކީ ބަނޑުގައި ވައި ހެދުމަށް މަގުފަހިކުރާ ކަމެކެވެ.

ކުއްލިއަކަށް ގޭސްޓްރައިޓިސް ދިމާވުމުން އެކަމަށް ކިޔަނީ އެކިއުޓް ގެސްޓްރައިޓިސް އެވެ. އަދި ލަސްލަހުން އަލާމާތްތަކާ އެކު ފެންނަ ގޭސްޓްރައިޓިސް އަށް ދެވިފައިވާ ނަމަކީ ކްރޮނިކް ގެސްޓްރައިޓިސްއެވެ.

ގެސްޓްރައިޓިސްގެ މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި، މޭނުބައިކޮށް ހޮޑުލުން، އެއްޗެއް ކާއިރު ބަނޑުފުރިފައިވާ ކަމުގެ އިހުސާސް ކުރެވުން، މެއިން ދިލަނެގުން، ވައިލެވުން އަދި އުކުނޑިކޮށްޓުން ފަދަކަންކަން ހިމެނެއެވެ.

ބައެއް ހާލަތްތަކުގައި މި ބަލީގެ އަލާމަތްތައް އެއްވެސް ވަރަކަށް ނުފެނި އަދި ބަލީގެ އުނދަގޫ ބޮޑުނުވެވެސް ހިނގައިދާނެއެވެ.

ގޭސްޓްރައިޓިސްގެ ސަބަބުން ދިމާވާ ނުރައްކާތައްވެސް ގިނައެވެ. އެގޮތުން، ބަނޑާއި ގޮހޮޮރުގައި ފާރު ހެދުން، އެތެރެހަށިން ލޭއައުން އަދި ބައެއް ހާލަތްތަކުގައި ބަނޑުގެ ކެންސަރު ޖެހުން ފަދަ ކަންކަން ހިމެނެއެވެ.

ހަފްތާއެއް ނުވަތަ އެއަށްވުރެ ގިނަ ދުވަސް ވަންދެން ގެސްޓްރައިޓިސްގެ ނިޝާންތަކާއި އަލާމާތްތައް ހުރިނަމަ ޑޮކްޓަރުންގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ.

ގޭސްޓްރައިޓިސްއާއެކު، މާބޮޑަށް ވަރުބަލިވެ ބޮލުގައި ރިއްސާ ނަމަ ވަގުތުން ސިއްހީ ފަރުވާ ހޯދުމަކީ މުހިންމު ކަމެކެވެ.