17 Mar 2022, 10:15
ޢުމަރުގެ ފާނުގެ ފުރިހަމަ ނަންފުޅަކީ؛ ޢުމަރު ބިން އަލްޚައްޠާބު ބިން ނުފައިލް ބިން ޢަބުދުލް ޢުއްޒާ ބިން ރަބާޙް ބިން ޢަބްދުﷲ ބިން ޤުރުޠު ބިން ރަޒާޙް ބިން ޢަދިއްޔު ބިން ކަޢުބު ބިން ލުއައްޔު އަލްޤުރަޝީ އަލްޢަދަވީ އެވެ. ކުންޔަތަކީ އަބޫޙަފްޞުއެވެ. ލަޤަބުފުޅަކީ އަލްފާރޫޤުއެވެ. ޢުމަރުގެފާނުގެ ބައްޕާފުޅުގެ ނަންފުޅަކީ ޚައްޠާބު ބުން ނުފައިލެވެ. މަންމާފުޅަކީ ޚަންތުމާ ބިންތު ހާޝިމްއެވެ. ޢުމަރުގެފާނުގެ ނަސަބުފުޅާއި، ކީރިތި ރަސޫލާގެ ނަސަބުފުޅާ ގުޅެނީ ޢުމަރުގެފާނުގެ އަށްވަނަ ކާފާފުޅު ކަޢްބު ބުން ލުއައްޔާ ހަމައިންނެވެ. ޢުމަރުގެފާނު އުފަންވެވަޑައިގަތީ ޢާއްމުލް ފީލު ގެ 13 އަހަރު ފަހުންނެވެ. މާނައަކީ ޢުމަރުގެފާނު ކީރިތި ރަސޫލާއަށް ވުރެ ތޭރަ އަހަރު ހަގެވެ.
މުސްލިމުންގެ ދެވަނަ ޚަލީފާ، ޢުމަރުގެފާނުގެ ދަރިކަނބަލުން ޙަފްޞާ އާއި ކީރިތި ރަސޫލާ ކައިވެނި ބައްލަވައިގެންފައި ވެއެވެ. އެކަލޭގެ ފާނާއި ބެހޭ ގޮތުން ރަސޫލާ ޙަދީޘް ކުރެއްވިއެވެ. "އެކިއެކި އުއްމަތްތަކުގައި ދޫހެލޭ ވާހަކަ ދެއްކުންތެރިން ވެއެވެ. ތިމަން ކަލޭގެފާނު ގެ އުއްމަތުގައި އެފަދަ މީހަކުވާނަމަ އެއީ ޢުމަރު އެވެ."
އިބްނި މަސްޢޫދު ވިދާޅުވެފައި ވެއެވެ. "ޢުމަރުގެ ފާނު އިސްލާމްވެ ވަޑައިގަތުމަކީ ފަތަޙަ އެކެވެ. އެކަލޭގެ ފާނު ހިޖުރަކުރެއްވުމަކީ ނަޞްރެކެވެ. އެކަލޭގެ ފާނުގެ ވެރިކަމަކީ ރަޙުމަތެކެވެ. ޢުމަރުގެ ފާނު އިސްލާމްވެ ވަޑައިގަންނަވަން ދެން އަހަރެމެން ވީ ގެފުޅުގައި ނަމާދުކުރުމަށް ނުކުޅެދިފައެވެ. ފަހެ އުމަރުގެ ފާނު އިސްލާމްވެ ވަޑައިގަތުމުން އަހަރެމެންނަށްޓަކައި މުޝްރިކުންނާ ތޮޅިވަޑައިގަތެވެ. އަދި އަހަރެމެންނަށް ގެފުޅުގައި ނަމާދުކޮށް އުޅެވުނެވެ."
އެކަލޭގެ ފާނުން އަވަހާރަވީ ފަތިސް ނަމާދަށް ސަފުތައް ތަރުތީބުކުރަމުން ދަނިކޮށް މުސްލިމް ނޫން މީހަކު އައިސް ޢުމަރުގެ ފާނުގެ ހަށިކޮޅަށް ތިން ފަހަރު ހަންޖަރު ހެރުމުގެ ސަބަބުންނެވެ. އެކަލޭގެ ފާނުން ވިދާޅުވިއެވެ. ''މުސްލިމު ނޫން މީހެއްގެ އަތް މައްޗަށް އަހަރެން ޤަތުލުވިކަންމައްޗަށް ﷲ އަށް ޝުކުރު ކުރަމެވެ." ޢުމަރުގެފާނު ފަސްދާނު ލެވިފައިވަނީ ހިޖުރައިން 23 ވަނަ އަހަރުގެ ޒުލްޙިއްޖާމަހުގެ ތެރޭގައެވެ. އޭރު އުމުރުފުޅަކީ 63 އަހަރެވެ. ޚަލީފާކަމުގައި 10 އަހަރު ހޭދަކުރެއްވިއެވެ.
އިދާރީ ދާއިރާތަކަށް އިސްލާމީ ދައުލަތް ބެއްސެވުން
އިސްލާމީ ދައުލަތުގެ ހިންގުމުގެ ނިޒާމް ހަރުދަނާކޮށް ދައުލަތުގެ ކަންކަން ހަރުދަނާކޮށް އެކަށީގެންވާ ގޮތެއްގައި ހިންގެވުމަށްޓަކައި އިސްލާމީ ދައުލަތް އަތޮޅުތަކަށް ނުވަތަ އިދާރީ ދާއިރާތަކަކަށް ނުވަތަ ޕްރޮވިންސްތަކަކަށް މުޅި އިސްލާމީ ދައުލަތް ބެއްސެވިއެވެ. މިކަން މުޅި އިސްލާމީ ތާރީޚުގައިވެސް އެންމެ ފުރަތަމަ ކުރެއްވީ، ޢުމަރުގެ ފާނެވެ. މިގޮތުން އެގާރަ ޕްރޮވިންސަކަށް މުޅި އިސްލާމީ ދައުލަތް ބައްސަވާ ލެއްވެވިއެވެ. އެއީ؛ މައްކާ، މަދިނާ، ޝާމްކަރަ، ޖަޒީރާ، ބަޞަރާ، ކޫފާ، މިޞްރު، ފަލަޞްޠީން، ޚުރާސާން، އަޒަރުބައިޖާން އަދި ފާރިސްކަރަ އެވެ.
މިއިން ކޮންމެ ޕްރޮވިންސެއްގައި އިދާރީގޮތުން ވަކިން ހިންގަމުންދާ އެތަކެއް ސަރަޙައްދު ތަކެއް ވެއެވެ. އަދި ހަމައެހެންމެ، ކޮންމެ ޕްރޮވިންސަކަށްވެސް ތިއްބަވާނޭ އަދި އިދާރީ ގޮތުން އިންތިޒާމްތައް ހަމަޖައްސަވައި ޚިދުމަތް ދިނުމަށް ތިއްބަވާނޭ ވެރިންގެ މަޤާމްތަކެއް ކަނޑައަޅުއްވައި އެމަޤާމްތަކަށް މީހުން ޢައްޔަން ކުރެއްވިއެވެ. މިގޮތުން އަންނަނިވި މަޤާމްތައް ހަމަޖެއްސެވިއެވެ. ޤަވަރުނަރު، ޤަވަރުނަރުންގެ ސެކްރެޓަރީ، އަސްކަރީ ކަންތައްތަކާއިބެހޭ ސެކްރެޓްރީ، ވާރަށް ލިބޭ ތަކެއްޗާބެހޭ ވެރިޔާ، ފުލުހުންގެ ވެރިޔާ، ބައިތުލްމާލުގެ ވެރިޔާ އަދި ފަޑިޔާރުން ހަމަޖެއްސެވިއެވެ.
ޝަކުވާތައް ބެއްލެވުން
ޢާއްމު ރައްޔިތުންނަށް ޚިދުމަތްދިނުމަށް މަޤާމުތައް ކަނޑައަޅުއްވާ އެމަޤާމްތަކަށް މީހުން ޢައްޔަން ކުރުމަށްފަހު ދޫކޮށްލެއްވެވީކީ ނޫނެވެ. އެމަޤާމްތަކުގައި ތިއްބަވާ ފަރާތްތައް މުރާޤަބާ ކުރުމަށްޓަކައި އަދި ޢާއްމު ރައްޔިތުންގެ ފަރާތުން ލިބޭ ޝަކުވާތައް ބެއްލެވުމަށްޓަކައި ޚާއްޞަ މަޤާމެއް އުފައްދަވާ މުޙައްމަދު ބުން މަސްލަމާ އަލް އަންޞާރީ ރަޟިޔައްﷲ ޢަންހު ޢައްޔަން ކުރެއްވިއެވެ.
ޢާއްމު މަޞްލަޙަތާއި، ޞުލްޙަ މަސްލަސްކަމާއި، އަމާންކަމާއި، ރައްޔިތުންގެ އިތުބާރު ހޯއްދެވުމަށްޓަކައި ރައްޔިތުންނަށް ޚިދުމަތްދިނުމަށް ޢައްޔަންކޮށްފައި ތިއްބަވާ ފަރާތްތަކާމެދު ހުށަހެޅޭ ޝަކުވާތައް ބައްލަވައި އެއްވެސް މައްސަލައެއް ނުވަތަ ޙަޤީޤަތެއްވާނަމަ، އެފަރާތްތަކާމެދު ފިޔަވަޅު އެޅުއްވިއެވެ.
މީގެ މިސާލެއްގެ ގޮތުން އެއްފަހަރެއްގައި ޢުމަރުގެ ފާނުންގެ މުވައްޒަފެއްގެ މުދާވެރިކަމާ ބެހޭގޮތުން މީހަކު ޅެމެއްހަދާފައި ފޮނުއްވުމުން އެމީހާގެ މުދާ އޮޑިޓްކުރައްވާ ހުންނަންޖެހޭ ވަރަށްވުރެ އިތުރަށް މުދާ ހުރުމުން، އެމީހާގެ މުދަލުގެ ދެބައިކުޅަ އެއްބައި ބައިތުލް މާލަށް ލެއްވެވިއެވެ. އެހެން ފަހަރެއްގައި ކޫފާގެ ގަވަރުނަރަކަށް ހުންނެވި ސަޢުދު ބުނު އަބީ ވައްޤާޞްގެ ގެކޮޅުގެ ދޮރާށީގެ ދާލަ މާވަރުގަދަކޮށް ހައްދަވާފައި ހުރުމުމުގެ ޝަކުވާ ކުރުމުން، އެދޮރާށި ނަންގަވައި އަންދަވައިލެއްވިއެވެ. އަދި އެއްފަހަރަކު މިޞްރުގެ ވެރިއަކަށް ހުންނެވި ޢިޔާޟް ބުން ޣަނަމް މާމޮޅު ފޮތީގެ ހެދުން ތުރުކުރައްވާކަމުގެ ޝަކުވާ ލިބުމުން މަދީނާއަށް ގެންނަވައި އެކަން ބައްލަވައި ދެރަ ހެދުންކޮޅެއް ދެއްވާފައި ބަކަރި ހުއި ހެއްޕެވުމަށް އަމުރުކުރެއްވިއެވެ.
ކޯޓުތައް އުފައްދަވައި ނިޔާ ކަނޑައެޅުއްވުމުގެ ނިޒާމް ހަރުދަނާ ކުރެއްވުން
ކޯޓްތައް އުފައްދަވައި ނިޔާ ކަނޑައެޅުމުގެ ނިޒާމް ހަމަޖެހިފައިއޮތުމަކީ ރައްޔިތުންގެ މެދުގައި ޞުލްޙަ މަސްލަސްކަމާއި އަމާންކަން ޤާއިމްވެގެންދާނޭ ވަރަށް ވުހިއްމު އަސާސީ ކަމެކެވެ. އެހެންކަމުން އެކަލޭގެފާނު އިސްލާމީ ދައުލަތް އިދާރީގޮތުން ހިންގުމުގައި ޤާޟާއީ ގޮތުން ނިޔާ ކަނޑައެޅުއްވުމުގެ ބާރު ވަކިކުރައްވާ ހިންގެވިއެވެ. މިއީ މިފަދަ ގޮތަކަށް ބާރުތައް ވަކިކުރައްވާ ދައުލަތެއް ހިންގުމުގެ ބާރު ހިންގެވި ފުރަތަމަ ފަހަރެވެ. ދައުލަތެއްގެ ތަރައްޤީއާއި ތަމައްދުނު ކުރިއަރާ ޞުލްޙަ މަސްލަސްކަން ޤާއިމްކުރުމަށް މިއީ ވަރަށް މުހިއްމުކަމެކެވެ.
އަޅުގަނޑުމެންނަށް ފަހުގެ ތާރީޚުގައި، ބާރުތައް ވަކިވެ ދައުލަތްތައް ހިންގަން ފެށިތަން ފެނުނީ ވަރަށް ފަހުގެ ޤަރުނުތަކުގައެވެ. ނަމަވެސް ޢުމަރުގެފާނުންގެ ޚިލާފަތުގެ ކުރީކޮޅުގައި ބާރުތައް ވަކިކުރެއްވިއެވެ. ދައުލަތުން ޝަރީޢަތްކޮށް ނިޔާ ކަނޑައެޅުމުގެ ޒިންމާ ޢުމަރުގެފާނުންގެ ޚިލާފަތުގެ ކުރީކޮޅުގައި ގަވަރުނަރުން ކުރައްވަމުން ގެންދެވިނަމަވެސް، ފަހުން ކޮންމެ ރަށަކަށްވެސް ޤާޟީން ވަކިން ޢައްޔަންކުރައްވާ ޢަދުލު އިންޞާފު ޤާއިމް ކުރެއްވިއެވެ. މިކަމަކީ އަމަން އަމާންކަން ޤާއިމްކުރެއްވުމަށް ވަރަށް މުހިއްމު ކަމަކަށްވާތީ، ޝަރީޢަތްކޮށް ނިޔާ ކަނޑައެޅުމަށް ބޭނުންވާނޭ އެންމެހައި ކަންތައްތައް ޢުމަރުގެފާނު ފުރިހަމަ ކުރެއްވިއެވެ.
މިހިސާބުން އުފެދޭ ސުވާލަކީ، ޢަދުލު އިންޞާފު ޤާއިމްކުރުމަށް ބޭނުންވާނޭ ކަންތައްތަކަކީ ކޮބައިތޯ ކުރެވޭ ސުވާލެވެ. އާދެ! ރަނގަޅު ޖިނާއީ އަދުލު އިންޞާފުގެ ނިޒާމެއް ޤާއިމްވެ އޮތުމަށްޓަކައި، އަންނަނިވި ކަންތައްތައް ފުރިހަމަ ވެފައި އޮތުމަށް ބޭނުންވެއެވެ. އެއީ؛ ފުރިހަމަ ޤާނޫނީ ނިޒާމެއްގެ އޮނިގަނޑެއް އޮތުމާއި، ނަޒާހަތްތެރި ފަނޑިޔާރުން ތިބުމާއި، މުރާޤަބާކޮށް ޝަކުވާ ބެލޭނެ ނިޒާމެއް ޤާއިމްވެފައިއޮތުމުގެ އިތުރުން އާބާދީގެ ނިސްބަތުން އެކަށީގެންވާ ޢަދަދަކަށް ފަނޑިޔާރުން ތިބުމެވެ. އާދެ! މިދެންނެވުނު ހުރިހާކަމެއްގެ އިންތިޒާމް އެކަލޭގެފާނުގެ ޚިލާފަތުގައި ވަރަށް ފުރިހަމަ ގޮތެއްގައި ޤާއިމްކޮށް ހަމަޖެއްސެވިއެވެ.
ޖިނާއީ އިޖްރާއަތުގެ އުޞޫލު ކަނޑައެޅުއްވުން
އަވަސް ނިޔާ ކަނޑައަޅައި ތަންފީޒު ނުކޮށްފިނަމަ، އެކަމަކުން އަނެކާއަށް ނުވަތަ ބަޔަކަށް ގެއްލުންވާނަމަ، އިސްލާމް ދީނުގައި އެކަމަށް ތަންދެއެވެ. ޢުމަރުގެ ފާނުން، މުޢާވިޔަތުގެ ފާނަށް ފޮނުއްވި ސިޓީގައި މިކަމަށް އިރުޝާދު ދީ ޢަމުރު ކުރައްވާފައި ވެއެވެ.
އަމީރުލް މުއުމިނީން ޢުމަރުގެ ފާނުން، ޢަބްދުﷲ ބުނު ޤައިސް އަށް ފޮނުއްވި ޖިނާއީ އިޖުރާއާތާއި ބެހޭ އެންގެވުމުގައި ވާގޮތުން، ޞުލްޙަ ކުރުމުގެ ފުރުޞަތައްޓަކައި އަދި ދުރުގައި އޮތް ޙައްޤަކާމެދު ދަޢުވާ އުފުލައިފިނަމަ، ނުވަތަ ދުރުގައި އޮތް ހެއްކެއް ހުށަހަޅާން އެދެފިނަމަ، މިފަދަ ކަންކަމަށް ފުރުޞަތު ދިނުމަށްޓަކައި ނިޔާ ކަނޑައެޅުން ލަސް ކުރުމަށްވަނީ އަމުރު ކުރައްވާފައެވެ. ޚާއްޞަކޮށް ޚަޞްމުންނަކީ ތިމާގެ ގޮތުން ކައިރި ބަޔަކަށްވެފައި އެބައިމީހުންގެ މެދުގައި ރަޙިމުގެ ގުޅުން ކެނޑި، ދެކޮޅުވެރި ކަމަކަށް ހިނގައިދާނެކަމަށް ބިރުގަންފިނަމަ، ފަޑިޔާރަށް އެކަން ފަސްކުރުމުން ޞުލްޙަ ވެދާނެކަމަށް ފެންނަނަމަ، ފަސްކުރުން ހުއްދަވެގެންވެއެވެ.
ފުލުހުންނާއި ޖަލުތައް އުފެއްދެވުން
އުމަރުގެ ޚިލާފަތުގެ ދުވަސްވަރު އިދާރީ ގޮތުން އިސްލާމީ ދައުލަތުގެ ކަންކަން ބައްސަވައި ހިންގެވުމުގެ އިތުރުން ދާޚިލީ ހަމަޖެހުމާއި، އަމަން އަމާންކަމާއި، ޞުލްޙަމަސްލަސްކަން ޤާއިމްކުރުމަށްޓަކައި ފުލުހުންނާއި ޖަލުތައް އުފެއްދެވިއެވެ. އަދި ކިއެއްތަ، ފުލުހުންގެ މައިގަނޑު މަޤްޞަދުތަކާއި މަސްއޫލިއްޔަތުތައް ކަނޑައެޅުއްވިއެވެ. އޭގެ ތެރޭގައި މިނެކިރުމުގައި މަކަރުހަދާތޯ ބެލުމާއި، މަގުމަތީގައި ހިނގާ ބިނގާވެ އުޅޭ މިހުންނަށް ދަތި އުނދަގޫވާނެ ގޮތަށް ޢަމަލުކުރޭތޯ ބެލުމާއި، ފާޅުގައި ރާވިއްކާތޯ ބެލުމާއި، ބަރު ތަކެތި އުފުލާ ޖަނަވާރުތަކަށް ތަކެތި އަރުވަނީ އެޖަނަވާރުތަކަށް އެކަށީގެންވާ މިންވަރަށްތޯ ބެލުންފަދަ ކަންކަން ހިމެނެއެވެ. އަދި އެކިއެކި ތަންތަނުގެ ފުލުހުންގެ ކަންތައްތައް ބެލުމަށް ތަފާތު ބޭބޭފުޅުންނާއި ޙަވާލުކުރެއްވިއެވެ.
ޢުމަރުގެފާނު އުފެއްދެވި އަނެއްކަމަކީ، ޖަލުތައް ބިނާކުރުމެވެ. މިގޮތުން މައްކާގައި ޖަލެއް އުފެއްދެވިއެވެ. އަދި ޞަފްވާން ބުން އުމައްޔާގެ ގެ 4000 ދީނާރަށް ބައްލަވައިގަނެ އެގެ ޖަލަކަށް ބަދަލުކުރެއްވިއެވެ. އަދި މައްކާގައި ޖަލުތައް އުފެއްދެވުމަށްފަހު އެހެން ޕްރޮވިންސް ތަކުގައިވެސް ޖަލުތައް އުފެއްދެވިއެވެ.
އަމަން އަމާންކަން ޤާއިމްކުރުމުގެ ގޮތުން ބައެއް ކުށްތަކަށްދެވޭ އަދަބު އަދި އަދަބު ދެވޭގޮތް ބަދަލުކުރެއްވިއެވެ. މިގޮތުން ރާބުއިމުގެ ކުށަށް އަރައިގަންނަމީހުން އެކުށް ތަކުރާރުކޮށްފިނަމަ، ދެފަހަރު ހައްދު ޖެހުމުގެ ބަދަލުގައި ދެވަނަ ފަހަރަށް ރާބޮއިފިނަމަ، ޖަލަށްލުމަށް އަމުރުކުރައްވާ އެކަން ތަންފީޒުކުރެއްވިއެވެ. އަދި މީގެ އިތުރުން އަދަބު ދިނުމުގެ ގޮތުން އަރުވާލުން ތަޢާރަފް ކުރައްވާ އެގޮތް އީޖާދު ކުރެއްވިއެވެ. މިކަމުގެ މިސާލަކީ އުމަރުގެ ފާނު އެއްރެއެއްގައި އާދައިގެމަތީން ރަށުތެރެ ބެއްލެވުމަށްޓަކައި ހިންގަވައި ވަޑައިގަންނަވަނިކޮށް، އަންހެނަކު ވަރަށް އާދަޔާއި ޚިލާފް ޅެމެއް ހަދައިގެން ކިޔަމުން ގެންދިޔައެވެ. އެ ޅެމުގައި ރާބުއިމަށާއި ކޮންމެވެސް ނަމެއްކިޔާ ފިރހެނަކު ލިބުމަށް އެދެއެވެ. އުމަރުގެ ފާނުން ޖެހިގެންއައި ދުވަހު ދަރުބާރަށް ވަޑައިގެން އެފިރިހެނަކީ ކާކުތޯ އާއި އެ ވެގެން އުޅެނީ ކޮންކަމެއްތޯ އަހައި އޮޅުން ފިލުވިއެވެ. އެ ފިރިހެންމީހާއަކީ މަދީނާގެ އަންހެނުންނަށް ބޮޑު ފިތުނައަކަށް ވެގެން އުޅޭ ފިރިހެނެއްކަން ޢުމަރުގެ ފާނަށް އެނގުނުހިނދު، އޭނާ ގެންނަވައި، ބޯ ބޭލުއްވިއެވެ. އަދި އެހިނދު އޭނަގެ ރީތިކަން ބޮޑުވިއެވެ. އެންމެފަހުން އެމީހާ ޝާމްކަރައަށް އަރުއްވާ ލެއްވިއެވެ. މިވާހަކައިންވެސް ޞުލްޙަ މަސަލަސްކަން ޤާއިމްކުރެއްވުމަށް އެކަލޭގެ ފާނުން ދެއްވާ އަހައްމިއްޔަތު އެނގިގެންދެއެވެ. އަދި އެކަލޭގެ ފާނު އަޅުއްވާ ފިޔަވަޅުތަކުގެ ހަރުދަނާކަން ކަށަވަރުވެއެވެ.
ރަށުތެރޭގެ ޚަބަރުތައް ހޯއްދެވުން
ރަށުތެރޭގެއާއި ދައުލަތުގެ އެކި ކަންކޮޅުތަކުގެ މުހިއްމު ޚަބަރުތައް ހޯދުމުގެ އިންތިޒާމް ހަމަޖެއްސެވިއެވެ. އަދި މީގެ އިތުރުން މަޢުލޫމާތާއި އިންޓެލިޖެންސް ހޯއްދެވުމުގެ ގޮތުން ޢިރާޤުގަޔާއި ޝާމްކަރައިގައި ތިއްބެވި ޢަރަބީންގެ ތެރެއިން އަލަށް އިސްލާމްވާ މީހުން އިސްލާމްވިކަން ޢާއްމުކުރުން މަނާ ކުރައްވާ، އެކަން ސިއްރުކުރައްވާ އެމީހުން ޚަބަރު ހޯދުމާއި ޖާސޫސުކުރުމުގެ މަސައްކަތްތަކަށް ޚާއްޞަ ކުރެއްވިއެވެ. މީގެ އިތުރުން މިފަދަ މަޢުލޫމާތާއި ޚަބަރުތައް ޝާމްކަރައިގެ ބައެއް ރައީސުންނާއި ޔަހޫދީން ފޯރުކޮށްދެއްވައެވެ. އޭގެ ބަދަލުގައި އެމީހުންގެ ބިންތައް އެމީހުންނަށް އަނބުރާދެއްވާ ވާރު ކަނޑުއްވާލައްވައެވެ.
ހަމަ ހަމަކަމާއި ޢަދުލު އިންޞާފު ޤާއިމް ކުރެއްވުން
ޢުމަރުގެ ފާނުންގެ ޚަލީފާކަމުގެ ދުވަސްވަރަކީ، ހުރިހާ އިންސާނުންނާއި، ޖަނަވާރުންނަށްވެސް އަމާން ޒަމާނަކަށް ވުމުގެ މައިގަނޑު ސަބަބަކީ އެކަލޭގެފާނުގެ ހަމަހަމަކަމާއި، ޢަދުލު އިންޞާފުގެ ތިލަފަތް ވަކިފަރާތަކަށް ބުރަނުވާތީއެވެ. ރަހުމަތްތެރީންނާއި، ދުޝްމަނުންނާއި، ގާތްތިމާގެ މީހުންނާއި، ޒިންމީންނާއި، މުސްލިމުންނާއި، މުޝްރިކުންނާއި، މުއްސަދިންނާއި، ފަޤީރުން، މިއިން އެއްވެސް މީހެއް ނުވަތަ ފަރާތެއް ތަފާތެއް ނުކުރައްވައެވެ. މިގޮތުން އެއްފަހަރަކު އެކަލޭގެފާނުގެ ދަރިކަލުން އަބޫ ޝަޙްމަތުގެ ފާނާއި އެކަލޭގެ ފާނުންގެ ޅިޔަން ބޭފުޅެއް ކަމުގައިވާ ޤުދާމާ ބުން މަޡުޢޫން ރާފޮދު ހިއްޕެވުމުން ޚުދު އެކަލޭގެ ފާނުންގެ އަތްޕުޅުން 80 އެތިފަހަރު ޖަހައި ތަޢުޛީރު ކުރެއްވިއެވެ.
ރަސޫލާ ޤާއިމްކުރެއްވި އިސްލާމީ ދައުލަތް ޤާއިމް ކުރެއްވުމުގެ ގިނަ މަސައްކަތްތަކުގެ ސިލްސިލާގެ ދެވަނަބައި ކަމުގައިވާ، ޢުމަރު ބުނުލް ޚައްޠާބުގެ ވެރިކަން ވެގެންދިޔައީ ހުރިހާ ގޮތަކުންވެސް ފާގަތި ކާމިޔާބީގެ ވެރިކަމަކަށެވެ. ޚާއްޞަގޮތެއްގައި އެކަލޭގެ ފާނުންގެ ޚިލާފަތް ވެގެންދިޔައީ، އެންމެހައި އިންސާނުންނާއި، ޖަނަވާރުންނަށްވެސް މިނވަންކަމާއި، އަމާންކަން ދުވަހަކުވެސް ނުފެންނަފަދަ ޚާއްޞަ ވެރިކަމެއްގެ ގޮތުގައެވެ. މިޙަޤީޤަތާމެދު، އިޢުތިރާފްވަނީ މިޒަމާނުގެ މުސްލިމުން އެކަންޏެއް ނޫނެވެ. އެޒަމާނުގެ ޣައިރު މުސްލިމުންނާއި، މިޒަމާނުގެ ޣައިރު މުސްލިމުންވެސް މިކަމަށް އިޢުތިރާފް ވެއެވެ.
މައިކަލް އެޗް. ހާޓް "ދި ހަންޑްރެޑް" ގައި ބަޔާންކުރައްވާފައި ވެއެވެ. "ޢުމަރުގެފާނު ހޯއްދެވި އަސްކަރީ ކާމިޔާބީތަކަކީ ވަރަށްވެސް މަތިވެރި ކާމިޔަބީތަކެއް ކަމާމެދު ޝައްކެއްނެތެވެ. ރަސޫލާ މުޙައްމަދުގެ ފާނަށްފަހު އިސްލާމް ދީން ފެތުރުއްވީ ޢުމަރުގެ ފާނެވެ. އެކަލޭގެފާނުގެ ޢަބުޤަރީ ސިކުނޑިފުޅުގެ ސަބަބުން އިސްލާމް ދީން ފެތުރިގެންގޮސް އެހެނިހެން ޤައުމުތަކަށް އިސްލާމް ދީން ވާޞިލްވިއެވެ. ހުޅަނގުގެ މީހުންގެ ތެރޭގައި ޢުމަރުގެ ފާނުންގެ ޝަޚްޞިއްޔަތު ނޭގުމެއްގެ ތެރޭގައި އޮތުމަކީ ޙައިރާންވާންޖެހޭ ކަމެކެވެ. ޝާރލުމާން އާއި، ޖޫލިއަސް ސީޒަރު ފަދަ މަޝްހުރު ޝަޚްޞިއްޔަތުތައް ތިއްބެވިކަމުގައިވިޔަސް އެބޭފުޅުންނަކަށް މިފަދަ ފޮތެއްގައި ޢުމަރުގެ ފާނަށްވުރެ މަތީ މަޤާމެއް ޙައްޤުވެގެންނެއް ނުވެއެވެ. ޢުމަރުގެ ފާނުންގެ ލަޝްކަރުތައް ހޯދި ކާމިޔާބުތަކާއި، އެކަލޭގެފާނު ތާރީޚަށްޓަކައި ދޫކުރެއްވި އަސަރުތަކަށް ބަލާއިރު ޝާރލުމާނާއި، ސީޒަރު ފަދަ ބޭފުޅުންގެ ކާމިޔާބީތަކަށްވުރެ ޢުމަރުގެ ފާނުގެ ކާމިޔާބީ މާމަތިވެރިއެވެ."
އެހެންކަމުން އިންސާނީ ޙަޔާތުގައި ހުރިހާ ދާއިރާތަކަކަށް ބެލިކަމުގައި ވިޔަސް އެންމެ ރީތި، އެންމެ ފުރިހަމަ ގޮތްތަކާއި، ނަމޫނާތައް ދުނިޔެއަށް ދާއްކާފައިވަނީ، އެހެން އެއްވެސް ޞަޚްޞިއްޔަތެއް ނޫނެވެ. ހަމަ އަޅުގަނޑުމެންގެ ރަސޫލާއާއި، އެކަލޭގެ ފާނުންގެ ތެދުމަގު ލިބިވަޑައިގެން ތިއްބެވި ޚަލީފާއިންނާއި، އެކަލޭގެ ފާނުން ދެއްކެވި ސީދާމަގުގައި ހިންގެވި ޞަޙާބީންނެވެ. އެއީ ދުނިޔެ ދުށް އެންމެ ހެޔޮ 3 ގަރުނެވެ.
މިއަދުވެސް އަޅުގަނޑުމެންގެ ޙަޔާތަކީ ކާމިޔާބު ޙަޔާތަކަށް ހެދުމަށްޓަކައި، ހުރިހާކަމެއްގައިވެސް އެބޭކަލުންގެ ނަމޫނާއިން ފިލާވަޅު ލިބިގަތުމަކީ ކޮންމެހެން ބޭނުންކަމެކެވެ. ﷲ ވަޙީ ކުރެއްވިއެވެ. "وَأَطِيعُوا اللَّهَ وَرَسُولَهُ وَلَا تَنَازَعُوا فَتَفْشَلُوا وَتَذْهَبَ رِيحُكُمْ ۖ وَاصْبِرُوا ۚ إِنَّ اللَّهَ مَعَ الصَّابِرِينَ" (އަލް އަންފާލް:46) މާނައީ: " ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް ތިޔަބައި މީހުން ކިޔަމަން ވާށެވެ. އަދި ތިޔަބައި މީހުން ދެބަސްވެ އަރާރުން ނުވާށެވެ. ދެބަސްވެ އަރާރުންވާނަމަ، ތިޔަބައި މީހުން ފިޑިވެ، ތިޔަބައިމީހުންގެ ބާރުނެތި ހިނގައިދާނެއެވެ. އަދި ތިޔަބައިމީހުން ކެތްތެރިވާށެވެ. ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކެތްތެރީންނާއި އެކުގައެވެ."
އާދެ! މިއަދު ފެންނަމުންދަނީ މުޖްތަމަޢުގައި އިހުނަށްވުރެ ބޮޑަށް، ނާމާންކަމާއި، ފަސާދަ ފެތުރިފައިވާ ތަނެވެ. ބަލާލި ކޮންމެ ދިމާލަކުންނެވެ. ތަފާތު ކުށްތައް ޢާއްމުވެ، ކޮރަޕްޝަނާއި، ފަސާދަ ވަނީ ޢާއްމު ވެފައެވެ. އެހެންކަމުން، ލޯތްބާއި، އޯގާތެރިކަމާއި، އަމާންކަން ޤާއިމްކުރަން ބޭނުންނަމަ، އެނބުރި އައުން އޮތީ އިސްލާމް ދީނަށެވެ. އެ ދީނުގެ މަތިވެރި އަޚްލާޤު ތަކަށެވެ. ރަސޫލާއާއި އެކަލޭގެ ފާނުންގެ ޚަލީފާއިންގެ އުޞޫލުތަކާއި، ހަމަތަކަށެވެ.