މިހާރު ކުރިއަށްދާ ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފ. އަތޮޅުގެ އަންހެން ޑިވިޝަންގައި ރޭ ނިލަންދޫ ބަލިކޮށް މަގޫދޫން މޮޅުވުމުގެ ރެކޯޑު ދަމަހައްޓައި ފައިނަލަށް ދިޔުމުގެ އުންމީދު ބޮޑުކޮށްފިއެވެ.

ރޭ ކުޅުނު މެޗު މަގޫދޫން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

މެޗުގެ ސެޓުތައް މަގޫދޫން ކާމިޔާބުކުރީ 25-18، 5-12 އަދދި 25-13 އިންނެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މަގޫދޫ ޓީމުގެ އައިޝަތު ރީމާއެވެ. މިއީ ރީމާ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ދެ ވަނަ މެޗެވެ. މަގޫދޫން ކުޅުނު ފުރަތަމަ މެޗުގެ މޮޅު ކުޅުންތެރިޔާއަކަށް ވެސް ހޮވުނީ ރީމާއެވެ.

މުބާރާތުގައި މަގޫދޫއަށް ބާކީ އޮތީ އެންމެ މެޗެކެވެ. އެއީ ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީ (އެފްޑީއެސް)އާ ދެކޮޅަށް ކުޅޭ މެޗެވެ. އެމެޗުން މޮޅުވެގެން މަގޫދުއަށް ފައިނަލްގެ ޖާގަ ކަށަވަރުވާނެއެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގައި މިއަދު ހަވީރު އެފްޑީއެސް ނިކުންނާނީ ބިލެއްދޫއާ ދެކޮޅަށެވެ. އެފްޑީއެސް ފުރަތަމަ މެޗުގައި މަގޫދޫ އަތުން ބަލިވިއިރު، ދެ ވަނަ މެޗުގައި ވަނީ ދަރަނބޫދޫގެ މައްޗަށް ކުރި ހޯދާފައެވެ. ބިލެއްދޫން ވަނީ ކުޅުނު ދެ މެޗުން ވެސް މޮޅުވެފައެވެ.

އަންހެން ޑިވިޝަންގައި މާދަމާ ރޭ އެފްޑީއެސް ނިކުންނާނީ ދަރަނބޫދޫއާ ދެކޮޅަށެވެ.