ހުޅުމާލޭގައި މިއަހަރު ޑިސްއެބިލިޓީ މެނޭޖްމަންޓް ޓްރެއިނިން ސެންޓަރެއް ގާއިމްކުރަން މަސައްކަތްކުރާކަމަށް ޖެންޑާ މިނިސްޓަރު ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިއްޔެ މީޑިއާތަކަށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޖެންޑާ މިނިސްޓަރު ވިދާޅުވީ ޑިސްއެބިލިޓީ މެނޭޖްމަންޓް ޓްރެއިނިން ސެންޓަރުގެ މަސައްކަތް ފެށުމަށްޓަކައި ބިމާއި ކޮންސެޕްޓް ތައްޔާރުކޮށްފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ބަޖެޓްހޯދުމުގެ މަސައްކަތްކަމާއި ސަރުކާރުން އެ ޕްރޮޖެކްޓަށް ދީފައިވަނީ ހަތަރު މިލިއަން ރުފިޔާކަމަށް ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވިއެވެ.

"އެ ސެންޓަރުގަ ޓްރެއިނިންގެ އިތުރަށް އަޅުގަނޑުމެން ވިސްނަނީ އެކޮމެޑޭޝަންވެސް ހަމަޖައްސަން. އެކޮމެޑޭޝަންއޭ މި ދެންނެވީ މާލެއައިސް ބޭނުންވާ ޚިދުމަތެއް ލިބޭލިބުން ޚިދުމަތް ހޯދުމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރަށް އެ ސެންޓަރަކީ 18 އަހަރުން މަތީގެ މީހުންނަށް ޚާއްސަ ކޮށް ގާއިމްކުރާ ސެންޓަރެއްކަމަށާއި، ސެންޓާ ފޯ މެންޓަލް ހެލްތުން މިހާރު ވެސް 18 އަހަރުން މަތީގެ މީހުނަށް ޚިދުމަށްފޯރުކޮށްދޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެންނަމަވެސް އެއީކީއެއް އެންމެ ސްޕެޝަލައިޒްޑް ޚިދުމަތްތަކެއް ނޫން. އެ ބޭފުޅުންގެ ޚިދުމަތްދެނީ ބޮޑަށް ނަފްސާނީ ޚިދުމަތްތަކަށް،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ 1990އިން ފެށިގެން ރާއްޖޭގައި ޖެންޑާ އީކުއަލިޓީއާމެދު ދެކޭގޮތް ބަދަލުވެފައިވާކަމަށެވެ. އެގޮތުން ހަމަހަމަކަށް ގާއިމްކުރުމަށްޓަކައި ޑިމޮކްރެޓިކް ވެއްޓެއް ގާއިމްކުރަންޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ގޭތެރޭގަ ޑިމޮކްރެޓިކް ވެއްޓެއްތޯ އޮތީ އަމިއްލަ ނަފްސާ ސުވާލުކުރަންޖެހޭ. ސްކޫލުގަ އޮތީ ޑިމަކްރެޓިކް ވެއްޓެއްތޯ ސުވާލުކުރަންޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.