ވިލިމާލޭގެ ހާލަތު ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު އެ އަވަށަށް ވަޑައިގަތުމުން އެމްޑީޕީއަށް ތާއީދުކުރާ ބަޔަކު މުޒާހަރާކޮށް ހަމަނުޖެހުން ހިންގުމަށް މަސައްކަތްކޮށްފި އެވެ.

ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފުރަތަމަ ފަހަރަށް މިއަދު މެންދުރުފަހު ރައީސް ވިލިމާލެއަށް ވަޑައިގެންނެވިއިރު ވިލިމާލޭގެ އަތިރިމަތީގައި ތިބި ގިނަ ބަޔަކު އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔަމުންދިޔައިރު އެމްޑީޕީއަށް ތާއީދުކުރާ ބަޔަކުވެސް ވަނީ ބޯޑުތައް ހިފައިގެން އެ ސަރަހައްދަށް އެއްވެ، މުޒާހަރާކޮށްފަ އެވެ.

ވިލިމާލެއަށް ރައީސް ވަޑައިގެންނެވުމަށްފަހު، ސިއްހީ މަރުކަޒަށް ކާރުކޮޅުގައި ވަޑައިގެންނަވަމުން ގެންދަވަނިކޮށް އެމްޑީޕީއަށް ތާއީދުކުރާ ބަޔަކު ވަނީ އެމަނިކުފާނުގެ ކާރުކޮޅު ކުރިމައްޗަށް އަރާ ހަމަނުޖެހުން ހިންގުމަށް މަސައްކަތްކޮށްފަ އެވެ. އަދި އެވަގުތު ދެ ފަރާތުގެ ސަޕޯޓަރުންގެ މެދުގައި ވެސް ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިންގައިދިޔަ އެވެ.

ރައީސް މިއަދު އެއަވަށުގެ ސިއްހީ މަރުކަޒަށް ވަޑައިގެން އެތަނުގެ ކަންތައްތައް ހިނގަމުންދާ ގޮތް ބައްލަވާލެއްވުމަށްފަހު، ސެކިއުރިޓީ ފޯސްތަކުގެ ޖިޕެއްގައި ދެން ވަޑައިގެންނެވީ ޑޮކްޔާޑަށެވެ. އަދި އެއަށްފަހު އެމަނިކުފާނު ވަނީ ވިލިމާލޭގެ ގިރަމުންދާ ސަރަހައްދާއި ހިއްކާފައިވާ ސަރަހައްދަށް ވަޑައިގެން އެތަންތަން ބައްލަވާލައްވާފަ އެވެ. އަދި އެރަށުގެ ޕްރީސްކޫލާއި ވިލިނގިލީ ހުންނަ ކުޑަކުދިންގެ ހިޔަލަށާއި އަވަށު އޮފީހަށް އަދި ޔޫތް ސެންޓަރަށް ވަޑައިގެން އެތަންތަނުގެ ހާލަތުވެސް ބައްލަވާލެއްވި އެވެ.
ސަރުކާރުގެ ގިނަ މަރުކަޒުތަކަށް ރައީސް މިއަދު ކުރެއްވި ޒިޔާރަތުގައި ގިނައިން އުޅުއްވީ ފައިމަގުގަ އެވެ. އަދި އެއަވަށުގެ ކުދި ބޮޑު ގިނަ ބަޔަކާ އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފަ އެވެ.

ރައީސް ވަހީދު މިއަދު ވިލިމާލޭގެ އެކިއެކި ސަރަހައްދުތަކަށް ކުރެއްވި މިޒިޔާރަތުގައި އެމަނިކުފާނު މުހިއްޔުދީން ސްކޫލް ކައިރީގައި ތަނެއް ބައްލަވާލައްވަން ވަޑައިގެންނަވަނިކޮށް، އެސަރަހައްދުގައި އެއްވެ މުޒާހަރާ ކުރަމުން ދިޔަ ބަޔަކު ވަނީ ފުލުހުންގެ ލައިންތައް ފޫއަޅުވާލުމަށްފަހު، ވަންނަން މަސައްކަތްކޮށްފަ އެވެ. އެ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ފުލުހުން ވަނީ އެކިފަހަރު މަތިން ޕެޕާސްޕްރޭ ޖެހުމަށްފަހު އެ ސަރަހައްދަށް އެއްވި މީހުން ދުރަށް ޖައްސާފަ އެވެ. އެހަމަނުޖެހުންތަކުގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަތަން ފެނުނެވެ.

ވިލިމާލެއަށް ރައީސް ވަހީދު މިއަދު ކުރެއްވި ޒިޔާރަތް ނިއްމާލެއްވީ މުހިއްޔުއްދީން ސްކޫލްގައި މިއަދު އޮތް ޖަލްސާއަކަށްފަހު އެވެ. ވިލިމާލޭގައި އަސުރު ނަމާދުކުރެއްވުމަށްފަހު މުހިއްޔުއްދީން ސްކޫލަށް ރައީސް ވަހީދު ވަޑައިގެންނެވީ ފޯރިގަދަ ބޮޑުބެރާއެކު އެމަނިކުފާނަށްޓަކައި ހާއްސަކޮށްފައިވާ ހަތްކޮޅެއްގެ ދަށުގަ އެވެ.

އެޖަލްސާގައި ރައީސް ވަހީދު ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދުގެ ސަރުކާރުން ވިލިމާލޭގެ ތަރައްގީއަށް އެއްވެސް ކަމެއް ކޮށްދީފައިނުވާކަން ފާހަގަކުރައްވާ ވިދާޅުވީ މުޅިންވެސް ފެނިގެން ދިޔައީ ތަންތަން މަރާމާތު ނުކުރެވި ވީރާނާވާން ކައިރިވެފައިވާ ތަން ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން ވިލިގިލީގެ ތަރައްގީއަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވި އެވެ.

އެޖަލްސާގައި ރައީސް ވަހީދުގެ އިތުރުން ވިލިމާފަންނު ދާއިރާގެ މެންބަރު މުހައްމަދު ނިހާނާއި ޔޫތް މިނިސްޓާ މުހައްމަދު ޝަރީފް (މުންދު) އާއި ހެލްތް މިނިސްޓާ އަހުމަދު ޖަމްޝީދު ވެސް ވާހަކަދެއްކެވި އެވެ.