މުޅި ރާއްޖެ ތަމްސީލު ކުރާ މެންބަރުން ހިމެނޭހެން ރައްޔިތުންގެ މަޖިލީސް އެކުލެވިގެންވާ ގޮތް ބަދަލުކުރަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ސޯޝަލް މީޑިއާގައި އެމަނިކުފާނު އާންމުކުރި ލިއުމެއްގައި ވަނީ މިހާރު ރައްޔިތުންގެ މަޖިލީސް އެކުލަވާލެދިފައިވާ ގޮތަކީ 5000 މީހުންގެ އާބާދީ ހިމެނޭ ސަރަހައްދަކަަށް މެންބަރެއް އިންތިޚާބު ކުރުމެވެ.

ރައީސް ނަޝީދު ވިދާޅުވާ ގޮތުގައި އެގޮތަށް ކޮންމެ ފަސް އަހަރަކުން އެ ސަރަހައްދަށް މީހަކު އިންތިޚާބުކުރާއިރު އެއް އަހަރަށް ވުރެ އަނެއް އަހަރު މަޖިލީހުގެ ގޮނޑީގެ އަދަދު އިތުރުވާކަމަށެވެ.

މީގެ އިތުރުން، ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކުރާ މީހުންގެ އަދަދު ވަކި މިންވަރެއްގައި ހިފެހެޓުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ.

"ޤާނޫނު އަސާސީއަށް ގެނެވޭ ބަދަލުގައި، ގޮނޑީގެ އަދަދު ވަކި އަދަދެއްގައި ހިފެހެއްޓޭނެ އުސޫލެއް ކަނޑައެޅުން ބޭނުން ތެރިއެވެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

މިހާރު މަޖިލިސް އެކުލަވާލެވާލެވެނީ ވަކި ސަރަހައްދެއްގެ ވޯޓުން އެ ސަރަހައްދަކަށް ހޮވޭ މެންބަރު އެ ސަރަހައްދުގެ ފަރާތުން ވަކާލާތު ކުރާގޮތަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ސަރަހައްދީ ވަކާލާތު ކުރުމަށް މަޖިލިސް ބަދަލުވެފައިވުމުގެ ސަބަބުން މުޅި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރާނެ މެންބަރުން ވަނީ މަދުވެފައިކަމަށެވެ.

ރާއްޖޭގެ ސިޔާސީ އެންމެހައި ކަންކަން ހިންގަނީ ޕާޓީތައް އެކުލެވޭ ސިޔާސީ ނިޒާމުގެ ތެރެއިންކަމަށް ވާއިރު ނެޝަނަލް ލިސްޓުގައި މަޖިލީހަށް މެންބަރުން އިންތިޚާބު ކުރުމަކީ ބޭނުންތެރިކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނޭޝަނަލް ލިސްޓުގައި މެންބަރުން މަޖިލީހަށް އިންތިޚާބު ކުރުމަކީ ކޮންމެ ޕާޓީއަކަށް ލިބޭ ގޮނޑިއަށް އެ ޕާޓީގެ ފަރާތުން މެންބަރުން ހަމަޖެއްސުމެވެ.

ނަޝީދު ވިދާޅުވީ މިހާރު މެންބަރުން އިންތިޚާބު ކުރާ ގޮތުގެ ސަބަބުން އިންތިޚާބުވާ މެންބަރުންނަށް އެ ދާއިރާއެއްގެ ފަރާތުން ވަކާލާތު ކޮށްފައި އެހެން ކަމެއް ކުރަން ދަތިވެފައި ވާކަމަށެވެ.

މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލު ކުރާ އިރު ގައުމީ ލިސްޓުގައި ވަކި އަދަދަކަށް އަންހެނުން ކަނޑައެޅުމަކީ ވެސް ކުރެވިދާނެ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެ ކުރިން އެމްޑީޕީގެ ޤާއުމީ މަޖިލީހުގައި ވާހަކަ ދައްކަދައްކަވަމުން ރައީސް ނަޝީދު ވަނީ ޤާނޫނު އަސާސީއަށް ބޮޑެތިި ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ވިދާޅުވެފައެވެ.