16 Mar 2022, 18:37
ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރީމަންޓް (ޑީއޯއޭޖީ) އަށް ހަތް ވަނަ އިސްލާޙު ގެނައުމުގެ އެއްބަސްވުމުގައި ރާއްޖެއާއި އެމެރިކާއާ ދެމެދު މިއަދު ސޮއިކޮށްފިއެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ. އެމެރިކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޔޫ.އެސް.އޭ.އައި.ޑީގެ މިޝަން ޑިރެކްޓަރ ރީޑް އެޒްޗިލިމަންއެވެ.
ޑީއޯއޭޖީ އަކީ ރާއްޖެއާއި އެމެރިކާއާ ދެމެދު މާޗް، 12، 2019 ގައި ސޮއިކުރެވުނު ތަރައްޤީގެ ރޮނގުން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެކެވެ. މިހާތަނަށް އެ އެއްބަސްވުމަށް ހަ އިސްލާހެއް ގެނެސްފައިވާއިރު، އެމެރިކާއިން ދިން ޖުމްލަ އެހީ 22.2 މިލިއަން ޑޮލަރަށް އަރައެވެ. މިއަދު ނިމުނު ހަތްވަނަ އިސްލާހުގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމުގެ ގާބިލްކަން އިތުރުކޮށް، އިގްތިސާދީ އަދި ޑިމޮކްރެޓިކް އިސްލާހީ ބަދަލުތައް ތަންފީޒުކޮށް، ހަރުދަނާ މަދަނީ މުޖުތަމައެއް ބިނާކުރުމަށް އެމެރިކާ ސަރުކާރުން ރާއްޖެއަށް އިތުރު 3.2 މިލިއަން ޑޮލަރު ދިނުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން ސްޓޭޓް މިނިސްޓަރ ޚަލީލް އާއި މިޝަން ޑިރެކްޓަރ އެޒްލިމަން ވަނީ ޔޫއެސްއޭއައިޑީގެ ފަންޑުގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ މަޝްރޫޢުތަކާ ބެހޭގޮތުން ވެސް މިއަދު މަޝްވަރާކުރައްވާފައެވެ.
އަދި ޔޫއެސްއޭއައިޑީގެ ޕޯޓްފޯލިއޯގެ ދަށުން ރާއްޖޭގައި ހިންގާ ތަރައްޤީގެ އެހީގެ ޕްރޮގްރާމްތަކަށް އެމެރިކާ ސަރުކާރާއި ޔޫ.އެސް.އޭ.އައި.ޑީއަށް ޝުކުރު އަދާކުރައްވާކަމަށާއި، ވަކިން ޚާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި، އިޤްތިޞާދީ އަދި ޑިމޮކްރެޓިކް ގަވާނަންސް ހަރުދަނާކުރުމަށާއި، ރާއްޖޭގައި ދެމެހެއްޓެނިވި އިޤްތިޞާދީ ދުވެލި ކުރިއެރުވުމަށް އެމެރިކާ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާ، އެކަމަށް ޚަލީލް ޝުކުރު އަދާކުރެއްވިއެވެ.
ޑީއޯއޭޖީގެ ހަތްވަނަ އިސްލާހުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ފޮރިން މިނިސްޓްރީ އާއި ޔޫއޭއައިޑީ މިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.