އިންޑިއާގެ ކޮޗިންއަށް ބޭސްފަރުވާއަށްދިޔަ ދިވެއްސަކު އެކްސިޑެންޓުވެ ބޮޑެތި ޒަޚަމްތަކެއް ލިބިއްޖެއެވެ.

އެ އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ އއ. ބޮޑުފުޅަދުއަށް އުފަން އާދަމް ޝަހީމަށެވެ.

ޝަހީމްގެ އާއިލާގެ މެމްބަރަކު "ސަން"އާ ވާހަކަދައްކަވަމުން ބުނީ އެ ހާދިސާ ހިނގާފައިވަނީ މީގެ ދެދުވަސް ކުރިންކަމަށެވެ.

"މީގެ ދެރޭ ކުރިން ކައިގެން ގުރޫޕު އެއްކޮށް ގެއަށްދަނިކޮށް ދުއްވާފަ އައި ސައިކަލަކުން ޖެހި ވިއްސައިގެންދިޔައީ،" އޭނާ ބުންޏެވެ.

އެ ހާދިސާގައި ޝަހީމްގެ މޫނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. އެގޮތުން ލޮލުގެ މަތީ ކަށިގަނޑު ބިންދައިގެންގޮސް، ތުންފަތް ފަޅައިގެންގޮސްފައިވެއެވެ. އަދި ކަންފަތަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.

"މޫނުމަތީގެ މައްސަލަތައް ހުރީމަ ފެނުމާއި ކެއުމަށް އުނދަގޫތަކެއް ކުރިމަތިވޭ. ނުއެއްކެވޭ މިހާރު އެއްވެސް ގޮތަކަށް ހުސް ދިޔާއެއްޗެހި ބޯންދެނީ،" އާއިލާއިން ބުންޏެވެ.

މީގެ އިތުރުން އާއިލާއިން ބުނީ ޝަހީމަށް އައިސީޔޫގައި ފަރުވާދިނުމަށްފަހު ރޭ ވޯޑަށް ބަދަލުކޮށްފައިވާކަމަށެވެ. އަދި ހާލު މިހާރު ރަނގަޅުވަމުން އަންނަކަމަށާއި ލޮލުގެ ކަށިގަނޑަށް ލިބުނު އަނިޔާއާ ގުޅިގެން ހުކުރު ދުވަހު އޮޕަރޭޝަނެއް ކުރަން ހަމަޖެހިފައިވާކަމަށް އާއިލާއިން ބުންޏެވެ.