ބިން ހިއްކުމުގެ މަޝްރޫއުތައް ވަގުތަށް ނިންމުމަށްޓަކައި އެމްޓީސީސީއަށް އިތުރު ޑްރެޖަރެއް ހޯދަމުން ދާކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އަސްލަމް ވިދާޅުވީ ބިންހިއްކުމުގެ މަޝްރޫޢުތައް ލަސްވާ ސަބަބަކީ އެމްޓީސީސީގެ ކެޕޭސިޓީއަށް ވުރެ ގިނަ މަޝްރޫއުތައް ހަވާލުކުރެވިފައި ވުމުން ކަމަށެވެ.

"ރާއްޖޭގައި ބިންހިއްކުމުގެ ގާބިލުކަން ހުރި ހަމައެކަނި ކުންފުންޏަކީ އެމްޓީސީސީ. ދެން އެމްޓީސީސީއަށް މިހާރު ބައިވަރު މަސައްކަތް ދެވިފައި އެބައޮތް ބިން ހިއްކުމަށް،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ގިނަ ކޮންޓްރެކްޓް ތަކެއްގައި ސޮއިކުރި ކަމުގައި ވިޔަސް، އެމްޓީސީސީގެ ކެޕޭސިޓީ އިތުރު ނުވާ ކަމުގައި ވާނަމަ، އެ މަޝްރޫޢުތައް ހިނގާނެކަމަށް ނުބެލެވޭ ކަމަށެވެ.

"އެމްޓީސީސީން މަސައްކަތް ކުރަމުން އެބަދޭ، އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިތުރު ޑްރެޖަރެއް ހޯދުމުގެ މަސައްކަތް. އޭރުން އެމީހުންގެ ކެޕޭސިޓީ މިހާރު ހުރިވަރަށް ވުރެ ބޮޑުވާނެ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އެމްޓީސީސީގެ ކެޕޭސިޓީ އިތުރުވުމުން މިވަގުތު ސޮއި ނުކުރެވޭ ގިނަ މަޝްރޫއުތަކެއްގައި ވެސް ސޮއި ކުރެވި، މަސައްކަތް ފެށޭނެ ކަމުގައެވެ.

އެމްޓީސީގައި މިވަގުތު އޮންނަ ޑްރެޖަރަކީ 2017ވަނަ އަހަރު ރާއްޖެ ގެނައި މަހާ ޖައްރާފެވެ. އެއީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލުކަން ލިބިގެންވާ، 92.95 މީޓަރު ދިގު 16.30 މީޓަރު ފުޅާ ޑްރެޖަރެކެވެ. އަދި އެ ޑްރެޖަރަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވެއެވެ.