16 Mar 2022, 15:53
ވޮޝިންޓަން (16 މާޗް 2022): ސައޫދީ އަރަބިއާއިން ޗައިނާއަށް ވިއްކާ ތެލުގެ އަގު އެމެރިކާ ޑޮލަރުގެ ބަދަލުގައި ޗައިނާގެ ފައިސާ ކަމަށްވާ ޔުވާން އިން އަދާކުރުމާބެހޭ މަޝްވަރާތަކެއް ފަންނީ ފެންވަރުގައި ސައޫދީއާއި ޗައިނާ އާ ދެމެދު ކުރަމުން ގެންދާކަމަށް އެމެރިކާގެ ނޫހެއްކަމަށްވާ "ވޯލް ސްޓްރީޓް ޖާނަލް" އިން ބުނެފިއެވެ.
މިނޫސް ބުނާގޮތުން މިއީ މާކުރިންވެސް ކުރުމަށް ސައޫދީއާއި ޗައިނާ ވާހަކަދައްކައި ކުރަން ރާވާފައިވާ ކަމެކެވެ. ނަމަވެސް ކުރިން އެ މަސައްކަތް މަޑުޖެހިފައި އޮތީއެވެ. ކުރީ ފަހަރާ ޚިލާފަށް މިފަހަރު މިދެގައުމުގެ ވާހަކަތައް ބިނާކޮށްފައިވަނީ ސީރިއަސް ގޮތެއްގައި މިކަން ކޮޅެއްގައި ޖެއްސުމުގެ މައްޗަށް ކަމަށް މައުލޫމާތު ލިބެއެވެ. ޗައިނާއާއި ސައޫދީ ބޭނުންވަނީ ޗައިނާގެ ބޭންކިން ނިޒާމު ކަމަށްވާ ސީ.އައިޕީ.އެސްގެ ތެރެއިން ޔުވާން އިން މިމުއާމަލާތްތައް ނިންމާ ގޮތަށްކަމަށް ވެއެވެ.
ސައޫދީ މިކަން މިކުރަނީ އެގައުމާއި އެމެރިކާގެ ގުޅުންތައް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާއަށް ބަރޯސާވުން ކުޑަކުރުމަކީ ސައޫދީގެ އަމާޒެއްކަމަށްވެއެވެ. މީގެއިތުރުން ބައިނަލްއަޤްވާމީ މާލީ މުއާމަލާތްތަކުގައި ޔުވާން ބޭނުންކުރުމަށް ޗައިނާ މިހާރު ގެންގުޅޭ ސިޔާސަތުގެ ސަބަބުން މިކަން މިގޮތަށްކުރަން ސައޫދީއަށް މުސްތަގްބަލްގައި މަޖްބޫރުވާނެކަމަށްވެސް އެމެރިކާގެ ނޫސް އެޖެންސީއެއް ކަމަށްވާ "ބްލޫމްބާގް" ބުނެއެވެ.
ބްލޫމްބާގުން ވެސް ވަނީ ސައޫދީން ޗައިނާއަށް ވިއްކާ ތެލުގެ އަގު އެމެރިކާ ޑޮލަރުގެ ބަދަލުގައި ޗައިނާގެ ފައިސާ ކަމަށްވާ ޔުވާން އިން އަދާކުރުމާބެހޭ މަޝްވަރާތައް އެދެގައުމުން ކުރިޔަށް ގެންދާކަން ކަށަވަރުކޮށްދީފައެވެ.

ޗައިނާގެ ފައިސާ، ޔުއާން
ޗައިނާއަކީ ސައޫދީ ތެޔޮ އެންމެ ގިނައިން ގަންނަ ގައުމެވެ. އެމެރިކާއަކީ ތެޔޮ އުފައްދައި އަދި އެކްސްޕޯޓް ކުރާ ގައުމަކަށްވާތީ އެމެރިކާ ގަންނަނީ ސައޫދީ އެކްސްޕޯޓްކުރާ ތެލުގެ ގާތްގަނޑަކަށް ދިހައެއް އިންސައްތައެވެ. ޗައިނާއިން ސައޫދީ ތެލުގެ ބޮޑުބައި ގަންނައިރު ސައޫދީ ތެލުގެ އަގު އެމެރިކާ ޑޮލަރުގެ ބަދަލުގައި ޗައިނާގެ ޔުއާން އިން އަދާކުރާގޮތަށް ހަމަޖެއްސުމަކީ އެމެރިކާ ޑޮލަރުގެ އަގު ދުނިޔޭގެ ބާޒާރުގައި ވެއްޓި ޑޮލަރުގެ ޑިމާންޑް ދަށްވެ އެމެރިކާގެ މާލީ ނިޒާމަށް ބޮޑެތި ގެއްލުންތަކަކާއި ހީނަރުކަމެއް ލިބޭނެ ކަމެއްކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ.
ސައޫދީގެ އެންމެ ބޮޑު ވިޔަފާރި ޕާޓްނަރަކީވެސް ޗައިނާއެވެ. އެހެންކަމުން ތެޔޮ ވިއްކައިގެން ސައޫދީ އަށް ލިބޭ ޔުވާން އިން ޗައިނާގެ އުފެއްދުންތައް ގަތުން ސައޫދީއަށް ފަސޭވަވެގެންދާނެއެވެ.
ދުނިޔޭގެ ގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު އެމެރިކާއަށް ލިބެނީ އަދި އެމެރިކާގެ ޚާރިޖީ ސިޔާސަތު ތަންފީޒު ކުރުމުގެ ހަތިޔާރެއްގެ ގޮތުގައި ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާ ބޭނުންކުރަނީ ވަރަށް އަނިޔާވެރި ގޮތެއްގައެވެ. މިފުރުސަތު އެމެރިކާއަށް ލިބެނީ ދުނިޔޭގެ ގައުމުތަކުގެ މަދުގައި ހިންގާ ވިޔަފާރީގެ މުއާމަލާތްތައް އެމެރިކާ މާލީ ނިޒާމުކަމަށްވާ ސްވިފްޓް ނިޒާމުގެ ތެރެއިން އެމެރިކާ ޑޮލަރުން ކުރާތީއެވެ.
ސްވިފްޓް ނިޒާމުގެ ތެރެއިން އެމެރިކާ ޑޮލަރުން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 40 މިލިޔަނަށްވުރެ ގިނަ ޓްރާންސެކްޝަންގެ މުއާމަލާތް ކުރާކަމަށް ވެއެވެ. މިއިން ކޮންމެ މުއާމަލާތަކީ އެއިން ކޮންމެވެސް ޕަސެންޓެއް ޗާޖުގެ ގޮތުގައި އެމެރިކާއަށް ލިބޭނެ މުއާމަލާތެކެވެ. އެހެންކަމުން ދުނިޔޭގެ ވިޔަފާރިއާއި މާލީ މުއާމަލާތްތައް އެމެރިކާ ބައްޓަން ކޮށްފައިވަނީ މަސައްކަތެއް ނުކޮށް ޗާޖުގެ ގޮތުގައި އެމެރިކާއަށް ބޮޑު ފައިދާތަކެއް ލިބޭގޮތަށެވެ.
މީގެއިތުރުން މިއީ އެމެރިކާގެ ސިޔާސީ މަގްސަދުތައް ހާސިލްކުރުމަށްޓަކައި ގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށްވެސް އެމެރިކާއަށް ލިބިފައިވާ ވަރަށް ބާރުގަދަ ހަތިޔާރެކެވެ.
ނަމަވެސް ޑޮލަރުގެ ބަދަލުގައި އެހެން ފައިސާތަކުން ގައުމުތަކުން ވިޔަފާރީގެ މުއާމަލާތް ކުރަންފަށައިފިނަމަ މިގޮތަށް ލިބޭ އާމްދަނީ އެމެރިކާއަށް މަދުވުމުގެ އިތުރުން ސިޔާސީ ބޭނުންތަކުގައި ގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ފުރުސަތުވެސް އެމެރިކާއަށް ކުޑަވެގެންދާނެއެވެ. އަދި އެމެރިކާ އަޅާފިޔަވަޅުތަކުގެ ބާރުވެސް ކުޑަވެ އެފިޔަވަޅުތައް ބަލިކަށިވެގެން ދާނެއެވެ.
އެމެރިކާއިން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅީވެސް މައިގަނޑު ގޮތެއްގައި ސްވިފްޓް ނިޒާމުގެ ދަށުންނެވެ. ނަމަވެސް އެކަމުގެ ނަތީޖާއަކަށް ވެގެންދިޔައީ ޗައިނާ ވާހަކަދައްކައިގެން ޗައިނާގެ މާލީ ނިޒާމުގެ ތެރެއިން ޔުވާން ބޭނުންކޮށްގެން ޗައިނާއާ ވިޔަފާރި ކުރަން އީރާން ފެށުމެވެ. މިކަމުގެ ސަބަބުން އީރާން އިގްތިސާދީގޮތުން އިދަޖައްސާލުމަށް އެމެރިކާ ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.
ޔުކްރޭން ހަނގުރާމައާއެކު އެމެރިކާ ރަޝިއާ އާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ރަޝިއާވެސް އެގައުމުގެ ފައިސާ ކަމަށްވާ ރުބެލް އާއި ޗައިނާގެ ފައިސާ ކަމަށްވާ ޔުވާން ބޭނުންކޮށްގެން ވިޔަފާރީގެ މުއާމަލާތްތައް ފަށަން ތައްޔާރުވަމުން ދާކަމަށް ރިޕޯޓްތައް ބުނެއެވެ.
ރަޝިއާއަކީވެސް އަމިއްލަ މާލީ ނިޒާމެއް އޮންނަ ގައުމެކެވެ. ރަޝިއާގެ މާލީ ނިޒާމަކީ އެސްޕީއެފްއެސް އެވެ. ރަޝިއާގެ މާލީ ނިޒާމާއި ޗައިނާގެ މާލީ ނިޒާމު ގުޅިގެން ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގައި ކައިރި މުސްތަގްބަލެއްގައި ދުނިޔޭގެ އެތައް ގައުމެއްގެ ބޭންކްތަކާއި މާލީ މުއައްސަސާތައް ބައިވެރިވާނެކަމަށްވަނީ ބެލެވިފައެވެ.
މިކަން މިގޮތަށްވުމަކީ އެމެރިކާގެ ބުރަކައްޓަށް ފަހަތުން ޚަންޖަރު ޖެހުން ފަދަ ކަމެއްކަމަށް މާލީ ކަންތައްތަކާބެހޭ ތަޖްރިބާކާރުން ވިދާޅުވެއެވެ.