މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދަޢުވާތަކެއް އުފުލާފައިވާ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުޙައްމަދު (ޕެސްޓު) ބޭސްފަރުވާއަށް ގޭ ބަންދަށް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލްކޮށް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ހައި ކޯޓުން އަންގައިފިއެވެ.

މިދިޔަ އަހަރު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ހުރި ޕެސްޓު ގޭ ބަންދަށް ބަދަލު ކުރީ 60 ދުވަހަށެވެ. އޭނާއަށް ޝަރުތު ކުރީ ބޭސްފަރުވާއަށް ނޫން ގޮތަކަށް ބޭރުގައި ނޫޅުމަށެވެ.

ކްރިމިނަލް ކޯޓުން ޕެސްޓް ދޫކޮށްލުމަށް ނިންމި ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރިއެވެ. އެ މައްސަލައިގައި މިއަދު ހައި ކޯޓުން ބޭއްވި އަޑުއެހުމުގައި ވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލްކޮށްފައެވެ. އެހެން ކަމުން އޭނާ ކުރިން ހުރި ބަންދަށް ރުޖޫއަވާނެއެވެ.

ޕެސްޓްގެ އިތުރުން އެ މައްސަލާގައި ހައްޔަރުކޮށް ދަށު ކޯޓުން ދޫކޮށްލަން އަމުރުކުރި ލ. ގަން ތުނޑީ، އަބަދަށްއުފާ މުޙައްމަދު ސުއައިދު ވެސް އަލުން ބަންދުކުރުމަށް ހައި ކޯޓުން ވަނީ މިއަދު އަމުރުކޮށްފައެވެ.

އެ ދެ މީހުން ދޫކޮށްލުމަށް ކުރި އަމުރު ހައި ކޯޓުން ބާތިލްކުރީ, އެމީހުން ދޫކޮށްލަން ނިންމި ސަބަބު ދަށު ކޯޓުން ސާފުކޮށްދީފައި ނެތުމުންނެވެ. އަދި ބަލި ހާލަތާ ގުޅޭ ގޮތުން ދަށު ކޯޓުން ބެލި ކަންކަން އެނގެން ނެތް ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައި ވަނީ ބުނެފައެވެ.

ޕެސްޓުގެ މައްޗަށް ކޮށްފައިވަނީ ކެނަބިސް ޓްރެފިކް ކުރުމުގެ ދަޢުވާ އާއި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދަޢުވާގެ އިތުރުން ކެނަބިސް ބޭނުން ކުރުމުގެ ދަޢުވާ އާއި ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދަޢުވާ އާއި މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާއެވެ.

އެ މައްސަލާގައި ދެން ހައްޔަރުކުރި މުޙައްމަދު ސުއައިދުގެ މައްޗަށް ވަނީ ހަތަރު ދަޢުވާ އެއް އުފުލައިފައެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ކެނަބިސް ޓްރެފިކް ކުރުމުގެ ދަޢުވާ އާއި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދަޢުވާ އާއި މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު އެކެއްގައި ބުނާ މަސްތުވާ އެއްޗެއް ޓްރެފިކް ކުރުމުގެ ދަޢުވާގެ އިތުރުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދަޢުވާއެވެ.

ރެޕް އާޓިސްޓެއްގެ ގޮތުގައި މަގުބޫލުކަން ހޯދާފައިވާ ޕެސްޓުގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް ސާބިތުވެއްޖެ ނަމަ އުމުރު ދުވަހުގެ ހުކުމެއް އޭނާގެ މަައްޗަށް އަތުވެދާނެއެވެ.

"ރީތި ކުދިން"ގެ ނަމުގައި ނެރުނު ރެޕް ލަވައަކުން 2011 ވަނަ މަޝްހޫރުކަން ހޯދި ޕެސްޓަކީ މިހާރު މަގުބޫލު މިއުޒިކް ލޭބަލް، ސިމްބޮލިކް ރެކޯޑްސްގެ އެންމެ މުހިންމު އެއް ފަންނާނެވެ.