16 Mar 2022, 14:01
ކިޑްނީ ބައްޔަކީ އުމުރުން ދުވަސްވީ ގިނަ އަދަދެއްގެ މީހުންނާއި ޒުވާނުންވެސް ތަހައްމަލު ކުރަމުންދާ ބައްޔަކަށްވާއިރު، ރާއްޖޭގެ ކިޑްނީ ބަލީގެ މައްސަލަތައް ވެސް ދުވަހަކަށްވުރެ ދުވަހެއް ދަނީ އިތުރުވަމުންނެވެ.
ކިޑްނީގެ މަސައްކަތްތަކުގެ ތެރޭގައި ލޭގައި ހިމެނޭ ވިހަ މާއްދާތައް ފުރާނައި، އެބައިތައް ބޭރުކުރުމަށް އެހީތެރިވުމާއި ހަށިގަނޑުގައި ފެނާއި ލޮނު ހުންނަ މިންވަރު އެއް ހަމައެއްގައި ބެހެއްޓުމާއި ކުޑަކަމުދާ ތަކެތި އުފެއްދުން ހިމެނެއެވެ.
ކިޑްނީއަށް ދިމާވާ މައްސަލަތުގެ ތެރޭގައި ކިޑްނީ ދުޅަވުން، ކުޑަކަމުދާ ނިޒާމްގައި ޖަރާސީމް އުފެދުން، ކިޑްނީގައި ހިލައުފެދުން، އަދި ކިޑްނީ މަސައްކަތް ނުކުރުން ހިމެނެއެވެ.
ކްރޮނިކް ކިޑްނީ ޑިޒީޒް (ސީކޭޑީ) އަކީ ދިގު މުއްދަތަކަށް ކިޑްނީގެ މަސައްކަތްތައް ދަށްވުމެވެ. ކިޑްނީ މަސައްކަތް ކުރާ މިންވަރު ދަށްވުމުން، ހަށިގަނޑުން ވިހަ މާއްދާތައް ބޭރު ނުކުރެވޭ ގޮތްވެއެވެ.
ސީކޭޑީއަށް ފަރުވާނުކުރެވި ގިނަދުވަސް ވާނަމަ ފުރާނައަށް ގެއްލުންވާ މި ބައްޔަކީ، ބޭސްކޮށްގެން އެއްކޮށް ރަނގަޅުކުރެވޭ ބައްޔެއްނޫނެވެ. ނަމަވެސް ބަލީގެ ކުރީކޮޅުގައި ބަލި ދެނެގަނެވިއްޖެނަމަ ބަލި ހާލަތު ގޯސްވާ މިންވަރު ކުޑަކުރެވިދާނެއެވެ.
ސީކޭޑީ ހުންނަ ގިނަ މީހުންނަށް މި ބަލި ދެނެގަންނަން އުނދަގޫވާ ސަބަބަކީ ބަލީގެ ކުރީކޮޅުގައި ބަލީގެ އަލާމާތްތައް ނުފެންނާތީއެވެ.
ކިޑްނީގެ ބަލިތައް ޖެހުމަށް މަގުފަހިކުރާ ކަންތައްތަކެއް ހުރެއެވެ. އޭގެ ތެރޭގައި ލޭމައްޗަށް ދިޔުން، ހަކުރުބަލި ޖެހުން، އާއިލާގައި ކިޑްނީ ބަލި ޖެހިފައިވާ މީހަކު ހުރުން އަދި އުމުރުން 50 އަހަރަށް ވުރެ މަތިވެފައިވުން ހިމެނެއެވެ.
މީގެ އިތުރުން ދިރިއުޅުމުގެ އާދަކާދަ ހުންނަގޮތުންވެސް ކިޑްނީ ބަލި ޖެހުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. އެގޮތުން ދުންފަތް ލައިގެން ދުފުމާއި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ފިޒީ ޑްރިންކްސް ނުވަތަ އެނާޖީ ޑްރިންކްސް ފަދަ ތަކެތި މާގިނައިން ބޭނުންކުރުމާއި ކެއުމުގައި ތެލާއި ސަރުބީ އެކުލެވޭ ކާނާ މާގިނައިން ބޭނުންކުރުން ހިމެެނެއެވެ.
ކިޑްނީ ބަލި ދެނެގަތުމަށްޓަކައި، މި ބަލީގެ އަލާމާތްތައް ދެނެގަތުމަކީ މުހިންމުކަމެކެވެ. އެގޮޮތުން، ކިޑްނީ ބަލީގެ އަލާމާތްތަކުގެ ތެރޭގައި، ބުރަކަށީގައި ރިހުން، ދަށްބަނޑުގައި ރިހުން، ކުޑަކަމުދާއިރު ތަދުވުން، ލޮލުގެ ބޮނޑި ދުޅަވުން، ގިނަ ދުވަސްތަކެއް ވަންދެން ހުންއައުމާއި ކާހިތްނުވުމާއި ވަރުބަލިވުން ފަދަ ކަންކަން ހިމެނެއެވެ.
ކިޑްނީގެ ބަލިތަކަކީ އަލާމާތްތައް ނުފެނި، ނޭނގި ހުއްޓައި ކުއްލިއަކަށް ފުރާނައަށް ނުރައްކާވެ، ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރުކުރުވާ ބަލިތަކެކެވެ. ނަމަވެސް ކިޑްނީގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކުރެވިދާނެ ތަފާތު ގޮތްތައް ހުރެއެވެ. އެގޮތުން، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރުމާއި ލޭގެ ޕްރެޝަރު ގަވައިދުން ބެލުމާއި ހަށިގަނޑު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް ކަސްރަތުކޮށް ހެލިފެލިވެއުޅުމާއި ހަށިގަނޑަށް ފައިދާހުރި ދިޔާތަކެތި ބޭނުން ކުރުން ފަދަ ކަންކަން ހިމެނެއެވެ.