އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް, މޭރީ ގްރޭސް އޮނެޑް ޕިނެޑާ މަރާލިކަމަށް ތުހުމަތު ކުރެވޭ އޭނާގެ ފިރިމީހާ މާވީން އެސްވައި ވާގަސްއަށް ދަޢުވާ ސާފުވުމުގައި ހުރަސްތަކެއް ހުރުމުން ތަރުޖަމާނު ބަދަލުކޮށްދިނުމަށް ދައުލަތުން އެދިއްޖެއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ހެނދުނު ކުރިއަށް ގެންދިޔަ އެ އަޑުއެހުމުގައި އޮތީ ދައުލަތުން ދަޢުވާ އިއްވައި އެ ދަޢުވާއަށް ދިފާޢުން ޖަވާބުދާރީވުމެވެ.

ނަމަވެސް ދިފާޢުން އެދުނީ ދައުލަތުން ފޯރުކޮށްދޭން ޖެހޭ ހުރިހާ ލިޔެކިޔުމެއް ފޯރުކޮށްދީ ނިމުމުން ދަޢުވާއަށް ޖަވާބުދާރީވުމަށް ފުރުސަތު ދެއްވުމަށެވެ.

އެކަމަށް ދައުލަތުން އިއުތިރާޒް ކުރެއްވިއެވެ. އަދި މި މަރުހަލާގައި ހުރިހާ ލިޔެކިޔުމެއް ލިބިފައި ނެތް ނަމަވެސް ދަޢުވާއަށް ޖަވާބުދާރީ ވުމަށް ހުރަހެއް އޮންނާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ޝަރީއަތުން ނިންމީ އެ ރިޕޯޓް ލިބިފައި ނެތް ނަމަވެސް މާވިންގެ ފަރާތުން ދަޢުވާއަށް ޖަވާބުދާރީ ވުމަށެވެ.

މާވިން އަކީ ފިލިޕީންސްގެ ރައްޔިތަކަށް ވުމުން އޭނާއަށް ރަނގަޅަށް ދިވެހި ބަހެއް ނޭންގެއެވެ. އެހެންކަމުން ޝަރީއަތް ކުރިއަށް ގެންދަނީ ތަރުޖަމާނެއްގެ އެހީގައި ޝަރީއަތުގައި ދައްކާ ވާހަކަތައް އިނގިރޭސި ބަހުން ކިޔައިދެމުންނެވެ.

އޮންލައިންކޮށް ކުރިއަށް ގެންދިޔަ ޝަރީއަތަކަށް ވުމުން, ތަރުޖަމާނުގެ އަޑު ވެސް މަޑެވެ. އަދި އަޑުލިބުމުގައި ވެސް ދަތިތަކެއް ހުއްޓެވެ.

ދައުލަތުން މިއަދު މާވިންގެ މައްޗަށް އުފުލާފައިވާ ދަޢުވާ އިއްވަމުން ވަކީލް ވިދާޅުވީ, މޭރީ މަރާލާފައިވަނީ ބޮލާއި ކަރަށް ހަމަލަދީ ނޭވާ ހާސްކޮށްލައިގެން ކަމަށެވެ. އެކަމުގެ މާބޮޑު ތަފްސީލެއް ނުދިން ނަމަވެސް ހުލާސާގޮތެއްގައި ދަޢުވާ އިއްވައި ކުށް ސާބިތުވެއްޖެ ނަމަ ދެވޭނެ އަދަބު ވެސް ކިޔައިދިނެވެ.

ތަރުޖަމާނު ތަރުޖަމާ ކޮށްދީ ނިމުމުން ކޮންމެ ފަހަރަކު ވެސް މާވިން ބުނީ ސާފުވެއްޖެ ކަމަށެވެ. ނަމަވެސް ޝަރީއަތުގެ މަޖިލީހުގައި ދައްކާ ވާހަކަ މާވިންއަށް ސާފުވާ ކަމާމެދު ސުވާލު އުފައްދައި ދިފާޢީ ވަކީލް އިސްމާޢީލް މުޙައްމަދު އެދުނީ އެކަން ޝަރީއަތުން ކަށަވަރު ކުރުމަށެވެ.

އެހެން ކަމުން ދައުލަތުން އިއްވި ދަޢުވާއިން ސާފުވީ ކޮންކަމެއްކަން ކިޔައިދިނުމަށް މާވިންއަށް ފުރުސަތު ދިނެވެ. އަދި މާވިންއަށް ސާފުވި ކަންކަން އޭނާ ކިޔައިދިނުމުން ދައުލަތުގެ ވަކީލް ވިދާޅުވީ, އިއްވި ދަޢުވާއާ އޭނާއަށް ފަހުމްވި އެއްޗަކާ ތަފާތުތަކެއް ހުރިކަމަށެވެ.

"ދިފާޢީ ވަކީލްވެސް ވިދާޅުވި ފަދައިން އެންމެ ރަނގަޅަށް ތަރުޖަމާކުރެވެމުންދާކަމަށް ދައުލަތަކަށް ވެސް ގަބޫލެއް ނުކުރެވޭ. އެހެން ކަމުން ކޯޓުން އެހެން ތަރުޖަމާނެއް ހަމަޖައްސައިގެން ނަމަވެސް. ނޫނީ އެހެން އިންތިޒާމެއް ހަމަޖައްސައިދެވެން އޮތްކަމުގައި ވަނީ ނަމަ އެގޮތަށް ކުރިއަށް ގެންދިއުމަކީ ދަޢުވާ ލިބޭ ފަރާތުގެ ޙައްޤު އެންމެ ރަނގަޅަށް ރައްކާތެރިކުރެވޭނެ ގޮތް ކަމަށް ދައުލަތުން ވެސް ދެކެނީ," ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ދެ ފަރާތުގެ ވާހަކަތަކަށް ރިއާޔަތް ކުރުމަށްފަހު ގާޒީ ޙުސައިން ފާއިޒް ރަޝާދު ވިދާޅުވީ ތަރުޖަމާ ކުރުމުގެ އިތުރުން އަޑުދިއުމުގައި ވެސް މައްސަލަތެއް ހުރިކަމަށާއި އެހެންކަމުން ދަޢުވާ ހުށަހެޅުން އެހެން ދުވަހަކަށް ފަސްކުރާ ކަމަށެވެ.

އޮންލައިންގެ ބަދަލުގައި ދެން އޮންނަ އަޑުއެހުމެއް ކުރިއަށް ގެންދާނީ ކްރިމިނަލް ކޯޓަށް ހުރިހާ ފަރާތްތަކެއް ހާޒިރުކޮށްގެން ކަމަށް ގާޒީ ވިދާޅުވިއެވެ. އަދި މިއަދު ދަޢުވާ ނުއިއްވުމުން ލިޔެކިޔުންތައް ދިރާސާކޮށް ދަޢުވާއަށް ޖަވާބުދާރީވުމަށް ދިފާޢަށް ވެސް އިތުރު ފުރުސަތެއް ދެވުނީ ކަމަށް ގާޒީ ވިދާޅުވިއެވެ.

އެ މައްސަލައިގަައި ދެން ދަޢުވާ އުފުލާފައިވަނީ މާވިންގެ ދިވެހި ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދަޢުވާ އިއްޔެ އިއްވި ނަމަވެސް ޖަވާބުދާރީވެފައެއް ނުވެއެވެ. އެއީ ދައުލަތުން ފޯރުކޮށްދޭން ޖެހޭ ލިޔުންތައް ހަމައަށް ލިބިފައި ނެތުމުންނެވެ.