16 Mar 2022, 11:34
ރައްޔިތުންގެ މަޖިލީހުގައި ކުރާނެ އިތުރު އެހެން މަސައްކަތެއް ނެތިގެން މަޖިލީސް ފެށިތާ ގަޑިއިރެއް ނުވަނީސް މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.
މިއަދުގެ ޖަލްސާ ފެށިވަގުތު ހާޒިރުވެތިއްބެވީ 30 މެންބަރުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގެ އެޖެންޑާގައި ވަނީ ކުރިން ބޭއްވި ތިން ޖަލްސާއެއްގެ ޔައުމިއްޔާ ފާސްކުރުމާއި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު، ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމާ ސުވާލު ކުރުމެވެ.
ސައީދަށް ދިން ފުރުސަތުގައި މިނިސްޓަރާ ދެ ސުވާލެއް ކުރެއްވިއެވެ. އެއީ ލ. ހިތަދޫ ނަރުދަމާ އެޅުމުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީޚާއި އަދި ލ. ހިތަދޫއާއި ކުނަހަންދޫއާ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ކޯޒްވޭގެ ޑިޒައިން އެންޑް ކޮންސަލްޓެންސީގެ މަސައްކަތް ނިމި އަމަލީ މަސައްކަތް ފެށޭނީ ކޮން ތާރީޚެއްގައިތޯއެވެ.
ސައީދުގެ ސުވާލު ތަކަށް ޖަވާބު ދެއްވުމުން، ވަޒީރާ އިތުރު ސުވާލު ކުރުމުގެ ފުސަތު ރިޔާސަތު ހުޅުވާލިއެވެ.
ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ވަނީ އިންޑިއާ އައުޓް މައްސަލައިގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ހައްޔަރު ކުރުމަށް ގޮވާލައި ކުއްލި މައްސަލައެއް މިއަދުގެ ޖަލްސާއަށް ހުށަހަޅައިފައެވެ. ނަމަވެސް މެމްބަރުން ވަނީ އެ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް ނިންމައިފައެވެ.
އެއަށްފަހު މިއަދު ޖަލްސާގެ އެންމެފަހު ކަމެއްގެ ގޮތުން ކުރިއަށް ގެންދިޔައީ މަޖިލީހުގެ ކުރީގެ މެންބަރުކަން ކުރައްވާފައިވާ ޢަބުދުއްރަޝީދު ޢަލީގެ ހަނދާނުގައި ސުކޫތުގެ ވަގުތުކޮޅެއް ނެގައުމެވެ.
ސުކޫތުގެ ވަގުތުކޮޅަށްފަހު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މިއަދުގެ ޖަލްސާގައި ކުރާނެ މަސައްކަތެއް ނެތުމުން ޖަލްސާ ނިންމާލީ ކަމަށެވެ.
"މިއަދުގެ މަޖިލީހުގައި ދެން އިތުރު މަސައްކަތެއް އަޅުގަނޑުމެންނަކަށް ނެތް. ނަމަވެސް ކޮމެޓީގެ ތަކުގެ މަސައްކަތް ކުރިއަށް ދާނެ. މިހިސާބުން މަޖިލީސް ނިމުނީ،" ނަޝީދު ވިދާޅުވިއެވެ.