16 Mar 2022, 10:54
އިސްލާމް ދީނާމެދު ނަފްރަތު އުފެއްދުމާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަޤްވާމީ ދުވަހެއް ފާހަގަކުރުމަށް އދ.ގެ އާންމު މަޖިލީހުން ފާސްކުރުމާއެކު، އެ ޖަމިއްޔާއިން މުސްލިމުންގެ އަޑު އަހާފައިވާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެއެވެ.
އދ.ގެ އާންމު މަޖިލީހުން އިއްޔެ ފާސްކޮށްފައި ވަނީ، އިސްލާމް ދީނާމެދު ނަފްރަތު އުފެއްދުމާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަޤްވާމީ ދުވަހަކީ މާޗް މަހުގެ 15 ވަނަ ދުވަސް ކަމަށެވެ.
"އިސްލާމޮފޯބިއާއާ ދެކޮޅަށް މަސައްކަތް ކުރާ ބައިނައަލްޤުވާމީ ދުވަހަކީ 15 މާޗު ކަމަށް ކަނޑައެޅުމަށް އޯއައިސީގެ ފަރާތުން، ޕާކިސްތާނުން އދ.އަށް ހުށަހެޅި ގަރާރު ފާސްކޮށް، އިސްލާމޮފޯބިއާއާ ދެކޮޅަށް މުސްލިމް އުއްމަތުން ދައްކާ ވާހަކަ އަޑު އަހާފައިވާތީ، މި އުއްމަތަށް މަރުހަބާ ކިޔަން،" އިމްރާން ޚާން ޓުވީޓު ކުރެއްވިއެވެ.
ޚާން އިތުރަށް ވިދާޅުވީ، އދ.ގެ އެ ވޯޓާ އެކު އެޖަމިއްޔާއިން އިސްލާމޮފޯބިއާގެ ނުރައްކާ ބަލައިގަނެފައިވާ ކަމަށެވެ. އަދި ދެން އޮތް ފިޔަވަޅަކީ އެ ގަރާރު ތަންފީޒު ކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.
އދ.ގެ އެ ނިންމުމާ ބެހޭ ގޮތުން ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ޝާހު މަޙުމޫދު ގުރޭޝީ ވިދާޅުވީ އިސްލާމޮފޯބިއާ އިތުރުވަމުންދާ ކަމަށާއި އެކަން ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި ހުޅަނގުގެ ގައުމުތަކުން ފިޔަވަޅު ނާޅައިފި ނަމަ ހާލަތު އިތުރަށް ގޯސްވެ، މުޖުތަމައު ބައިބައިވެ، ނަފްރަތާއި ހަމަނުޖެހުމަށް މަގުފަހިވާނެ ކަމުގެ ކަންބޮޑުވުން ގުރޭޝީ ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ އެމްބަސީން ވަނީ، އިސްލާމޮފޯބިއާގެ ނުރައްކަލާ ބެހޭ ގޮތުން ބައިނަލްއަޤުވާމީ ފެންވަރުގައި ހޭލުންތެރިކަން އިތުރު ކުރުމުގައި އިމްރާން ޚާން އިސް ދައުރެއް އަދާ ކުރައްވާފައިވާ ކަމަށް ބުނެފައެވެ.
މީގެ އިތުރުން، ތަފާތު ދީންތަކުގެ މީހުންނަށް ސުލްހަވެރިކަމާއެކު ދިރިއުޅުމަށް މަގުފަހި ކޮށްދޭން، ބޮޑުވަޒީރު ޚާންގެ ވެރިކަމުގައި ޕާކިސްތާނުން އެކި ހަރަކާތްތައް ފަށާފައިވާކަން އެ އެމްބަސީން ފާހަގަކުރިއެވެ.