ކޮލަންބޯ (16 މާޗް 2022): ސްރީލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ މައްސަލަތަކާ ގުޅިގެން އެގައުމުގެ ސަރުކާރާ ދެކޮޅަށް އިދިކޮޅުން އިއްޔެ ބޮޑު މުޒާހަރާއެއް ބާއްވައި ވަރުގަދަ މެސެޖެއް ދީފިއެވެ.

އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސާ އިސްކޮށް ހުންނަވައިގެން ކުރިޔަށް ގެންދިޔަ މި މުޒާހަރާގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވެފައިވާއިރު މީގެތެރޭގައި އިދިކޮޅު ސިޔާސީ މީހުންގެ އިތުރުން ދަނޑުވެރިން، މަސްވެރިން، ސިވިލްސާވަންޓުން، މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކުގެ މެންބަރުން އަދި ޓްރޭޑް ޔޫނިއަންތަކަށް ނިސްބަތްވާ ގިނަ ފަރާތްތައް ބައިވެރިވިއެވެ.

ސްރީލަންކާގެ މީޑިއާ ބުނާގޮތުން މި މުޒާހަރާ ބޭއްވީ ވެރިރަށް ކޮލަންބޯގައި ހުންނަ ސްރީލަންކާގެ ރިޔާސީ ސެކްރެޓޭރިއަޓްގެ ކުރިމަތީގައެވެ. ޝިއާރަކީ "ގައުމު ހަލާކުވެއްޖެ، ކެތް ކުރެވިއްޖެ" އެވެ.

ސްރީލަންކާގެ އިޤްތިޞާދު އިނދަޖެހުމުގެ ސަބަބުން ރައްޔިތުން ތަހައްމަލް ކުރަމުންގެންދާ ނިކަމެތި ހާލަތު ސިފަކުރުމަށްޓަކައި މުޒާހަރާގެ ބައިވެރިންވަނީ ސަންދޯއްތަކެއްވެސް އުފުލާފައެވެ. މުޒާހަރާ ރޫޅާލުމަށް ސަލާމަތީ ބާރުތަކުން މަސައްކަތްކުރުމުން މުޒާހަރާގެ ބައިވެރިންވަނީ ރިޔާސީ ސެކްރެޓޭރިއަޓްގެ ކުރިމަތީގައި ތިބެ އެ ސަންދޯއްތަކުގައި ހުޅުޖަހައި އަންދާލާފައެވެ.

ސްރީލަންކާ ސަރުކާރަ ދެކޮޅަށް އިއްޔެ ބޭއްވި މުޒާހަރާ

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ޓަކައި ސްރީލަންކާ ސަރުކާރުން 2020 ވަނަ އަހަރު އެގައުމުގެ ސަރަހައްދީ ރޮނގު ބަންދުކޮށް އެޅި ހަރުކަށި ފިޔަވަޅުތަކަށް އެއްވެސް ލުއެއްނުދީ ވަރަށް ބޮޑަށް ދިގު ދަންމާލުމުން ސްރީލަންކާގެ ފަތުރުވެރިކަން ވަނީ މުޅިން ކަހަލަ ގޮތަކަށް ހަލާކުވެގެން ގޮސްފައެވެ.

ފަތުރުވެރިކަމުގައި އިންވެސްޓްކުރި ބޭރުގެ ފަރާތްތައްވެސް ވަނީ އެގައުމު ދޫކޮށް ގޮސްފައެވެ. އެދާއިރާގައި މަސައްކަތްކުރާ އެގައުމުގެ ރައްޔިތުންގެ ވަޒީފާތައް ގެއްލި މުޅިން ހާލުގައި ޖެހުނެވެ. އެތެރޭގެ އިންވެސްޓަރުން ދަރަނިވެރިވެ އިނދަޖެހުނެވެ. ސްރިލަންކާގައި އޮތް ބޮޑު ކޭޓަރިންގެ ދާއިރާގެ މީހުންވެސް މިހާލަތަށް ވެއްޓުނެވެ.

ސްރީލަންކާއަށް ބޭރުފައިސާ އެންމެ ބޮޑަށް ވަންނަނީ ފަތުރުވެރިކަމުން ކަމަށްވާތީ ސަރަހައްދީ ރޮނގު ދިގުމުއްދަތަކަށް ބަންދުކުރުމުގެ ސަބަބުން ސްރީލަންކާގެ އިޤްތިޞާދު އިނދަޖެހިގެން ދިޔައެވެ. ދަނޑުވެރިކަމަށް ބޭނުންކުރާ އާލާތްތަކާއި ގަސްކާނާ ލިބުން ދަތިވުމުން ދަނޑުވެރިކަންވެސް ފަހުގެ ތާރީޚެއްގައި ދަށަށްނުދާވަރަށް ދަށްވެ އެކްސްޕޯޓް އިންތިހާއަށް ދަށަށް ދިޔައެވެ.

ނަތީޖާއަކީ އެންމެ އަސާސީ ތަކެތި ކަމަށްވާ ބައެއް ބާވަތުގެ ކާބޯތަކެއްޗާ އަދި ތެލާއި ގޭސް އިންޕޯޓް ކުރުމަށް ބޭނުންވާ ބޭރު ފައިސާ ލިބުންވެސް ސްރީލަންކާއަށް ދަތިވެގެން ދިޔުމެވެ. ބޭރުގެ ލޯނުތައް ދެއްކޭނެ ގޮތެއްވެސް ނެތި އިފްލާސްވާ ހިސާބަށް ދިޔުމެވެ. މިހާލަތުން ސަލާމަތް ވުމަށް ޗައިނާއާއި އިންޑިއާއިން އެތައް ސަތޭކަ މިލިޔަން ޑޮލަރުގެ ހިލޭ އެހީތަކާ އަދި ބޮޑެތި ލުއި ލޯނުތައްވެސް ސްރީލަންކާއަށް ދިނެވެ. ނަމަވެސް ރައްޔިތުން ހާލުގައި ނުޖެހޭ ގޮތަށް ސްރީލަންކާ ސަރުކާރަށް އިޤްތިޞާދު މެނޭޖް ކުރެވޭގޮތެއް ނުވިއެވެ.

ބޭރުފައިސާގެ ރިޒާވް ދަށްކަމުން ސްރީލަންކާއަށް ބޭނުންވާ ހަކަތައިގެ ބާވަތްތައް އިންޕޯޓް ނުކުރެވި ތެލާއި ގޭހުގެ އަގު އާދަޔާ ޚިލާފަށް ބޮޑުވެ އެތަކެތި ލިބުންވެސް ދަތިވިއެވެ.

ކަރަންޓުގެ އަގުވެސް ބޮޑުވެ ކޮންމެ ދުވަހަކު އެތައް ގަޑިއިރަކަށް ކަރަންޓު ކަނޑާލަންވަނީ ޖެހިފައެވެ. މީގެ އިތުރުން ކާބޯތަކެތީގެ އަގުތައްވެސް އިންތިހާއަށް މައްޗަށްގޮސް ކާބޯތަކެތީގެ އަސާސީ ބާވަތްތައް ސަރުކާރުން ކޮންޓްރޯލް އަގެއްގައި ރައްޔިތުންނަށް ޚާއްޞަ ގޮތަކަށް ފޯރުކޮށްދޭން ޖެހޭ ހިސާބަށް ސްރީލަންކާގެ ހާލަތު ދަށަށްދިޔައެވެ.

ވެރިކަން ކުރާ ކޯލިޝަނާ އަދި ސަރުކާރަށް "މެސެޖެއް ދިނުމަށް" މި މުޒާހަރާ ރޭވީ ސްރީލަންކާގެ އިދިކޮޅު އިއްތިހާދު ކަމަށްވާ ސަމާގީ ޖަނާ ބާލަވެގަޔާ (އެސްޖޭބީ) އިންނެވެ. "އެސްޖޭބީ"ންވަނީ މުޒާހަރާއިން ސްރީލަންކާ ސަރުކާރަށް "ވަރުގަދަ މެސެޖެއް" ދެވުނު ކަމަށް ބުނެފައެވެ.