15 Mar 2012, 17:43
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން އެކުލަވާލާފައިވާ މަގުޗާޓުގައިވާ ގޮތަށް އަވަސް އިންތިހާބަކަށް ތާއީދު ކުރަނީ ސަރުކާރުގެ ގާނޫނީ ހައިސިއްޔަތާމެދު ސުވާލު އުފެދިގެން ނޫން ކަމަށާއި އަވަސް އިންތިހާބަކަށް ތާއީދު ކުރަނީ ސިޔާސީ ހަލޮބޮލިކަން ނައްތާލައި ހަމަޖެހުން ގާއިމް ކުރަން ކަމަށް ޑީއާރްޕީން ބުނެފި އެވެ.
ޑީއާރްޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސަރުކާރުން އެކުލަވާލައިފައިވާ މަގުޗާޓަށް ޑީއާރްޕީއިން ފުރިހަމައަށް ތާއީދު ކުރާ ކަމަށާއި ސިޔާސީ ހަލަބޮލިކަން ހައްލު ކުރުމަށްޓަކައި ހުރިހާ ޕާޓީތަކެއްގެ މެދުގައި ވެސް މަޝްވަރާ ކުރުމަށް އެދޭ ކަމަށެވެ. އަދި އެފަދަ މާހައުލެއްގެ ސަބަބުން ސަރުކާރުން އެކުލަވާލައިފައިވާ މަގުޗާޓަށް ރުޖޫއަވެ، ޕާޓީތަކުގެ މެދުގައި އެއްބަސްވުންތަކަކަށް އާދެވޭނެ ކަމަށް ޑީއާރްޕީއިން އުއްމީދު ކުރާ ކަމަށް އެބަޔާނުގައި ބުނެފައިވެ އެވެ.
"ސަރުކާރުން އެކުލަވާލައިފައިވާ މަގުޗާޓަށް ޑީއާރްޕީއިން ފުރިހަމައަށް ތާއީދު ކުރެއެވެ. އަދި މަގުޗާޓުގައި ބުނެފައިވާފަދަ އަވަސް އިންތިޚާބަކަށް ޑީއާރުޕީ ތާއީދު ކުރެއެވެ. އެއީ ސަރުކާރުގެ ޤާނޫނީ ހައިސިއްޔަތާއި މެދު ސުވާލެއް އޮވެގެނެއް ނޫނެވެ. އެއީ ސިޔާސީ ހަލަބޮލިކަން ނައްތާލާ ހަމަޖެހުން ޤާއިމް ކުރުމަށް މަގުފަހިވެގެންދާނެ ކަމެއްގެ ގޮތުގައި ޑީއާރުޕީއިން ދެކޭތީއެވެ،" ޑީއާރްޕީގެ ބަޔާނުގައިވެ އެވެ.
ސިޔާސީ ހަލަބޮލިކަން ނައްތާލައި ވާހަކަދެކެވޭނެ ފަދަ މާހައުލަކަން އައުމުން އަވަސް އިންތިހާބަކަށް ދެވޭނެ ކަމަށް ޑީއާރްޕީން ބުނެފައި ވާއިރު، ސުލްހައިގެ ވާހަކަތަކުން އެންމެ ފުރަތަމަ ވަކިވީ ޑީއާރްޕީ އެވެ. އަދި އޭގެ ފަހުގައި ސިޔާސީ ގިނަ ޕާޓީތަކުން ވެސް ވަނީ ސުލްހައިގެ ވާހަކަތަކުން އެކަހެރިވެފަ އެވެ.