ޒަމާނުއްސުރެ އެއްބަޔަކު އަނެއްބަޔަކާ ވާދަކޮށް ކުރިހޯދުމަށް މަސައްކަތްކުރާ އެއްމައިދާނަކީ ތަރައްގީގެ މައިދާނެވެ. ކޮންމެ ބަޔަކުވެސް ބޭނުންވަނީ ތިމާމެންނަކީ ތަރައްގީގެ ރޮނގުގައި އެންމެ ކުރީގައި ތިބި މީހުންކަމުގައި ވުމަށެވެ. އެކި އިލްމުވެރިން ތަރައްގީގެ މާނަ ތަފާތު ގޮތްގޮތަށް ހުށައަޅާފައި ހުރެއެވެ. އެގޮތުން ތަރައްގީ އަކީ އިގުތިސާދީ ގޮތުންނާއި، މާލީ ގޮތުންނާއި އަދި އުފެއްދުންތެރިކަމުގެ ގޮތުން ގައުމެއް ނުވަތަ ޖަމާއަތެއް ކުރިއަރައި ދިއުން ކަމުގައި ބުނެވެއެވެ.

އިސްލާމީ ތައުލީމުގެ ދާއިރާގައި ތަރައްގީގެ މާނަ، އިސްވެ ދިޔަ މާނައަށްވުރެ މާ ފުޅާވެފައި ތަނަވަސްވެގެން ވެއެވެ. އިސްލާމީ ތަރައްގީގެ ދާއިރާތައް ބަޔާން ކުރެއްވުމުގައި، ޑރ. ފަތުޙީ މުޙައްމަދު ޢިނާޔަތު މައިގަނޑު ދިހަދާއިރާއެއް ގެންނަވާފައި ވެއެވެ. މި މަޒުމޫނުގައި ބަލައިލާނީ މީގެތެރެއިން ތިންދާއިރާ އަކަށެވެ.

އިލްމުގެ ތަރައްގީ:
އިސްލާމް ދީނުގައި އިލްމަށް ވަރަށް މަތިވެރި މަގާމެއް ދެއްވާފައި ވެއެވެ. އެހެނީ ﷲ ތަޢާލާ މަޢުރިފޮށް އެ އިލާހުގެ ސުންނަތްތައް ދެނެގަނެވޭނީ އިލްމުންނެވެ. އުޑާއި ބިމުގައިވާ، ﷲ ގެ ކުޅަދުންވަންތަކަމުގެ ހެކިތަކާމެދު ވިސްނައި ﷲ އަށް ހައްގު ވެގެންވާ ގަދަރު ދިނުމަށް މަގު ދައްކައިދޭ ވަސީލަތަކީ އިލްމެވެ. އިލްމެއް ލިބިފައި ނެތް މީހާގެ މިސާލަކީ ކަނު އަނދިރީގައި ދާނެ ވަކި ދިމާއެއް ނޭނގި ހުއްޓިފައި ހުރި މީހެއްގެ މިސާލެވެ. އެހެންކަމުން ކީރިތި ޤުރުއާނުން އެންމެ ފުރަތަމަ ބާވައިލެއްވި ސޫރަތްވެސް ފައްޓަވާފައިވަނީ އުނގެނުމަށް ގޮވައިލައްވަމުންނެވެ.

އީމާންކަމުގެ ތަރައްގީ:
އީމާންކަމުގެ އެންމެ ފުރަތަމަ އަދި އެންމެ މުހިއްމު ބަޔަކީ ﷲ އަށް އީމާންވުމެވެ. އެއަށްފަހުގައި އީމާންކަމުގެ އެހެނިހެން ރުކުންތަކަށް އީމާންވުމަށް ކޮންމެ އިންސާނަކަށްމެ އަމުރު ވެވިގެން ވެއެވެ. ހަގީގަތުގައި އިންސާނާގެ ހަޔާތުގެ ހުރިހައި ކަމެއް އޭގެ މައްޗަށް ހުއްޓިފައިވާ އަސާސަކީ މި އީމާންކަން ކަމުގައި އިލްމުވެރިން ބަޔާން ކުރައްވައެވެ.

އީމާންކަން ތަރައްގީ ކުރުމުގެ ފުރަތަމަ ފިޔަވަޅަކީ އިލްމު އުނގެނުމެވެ. ދެވަނަ ފިޔަވަޅަކީ ކޮންމެ ކަމެއްގައިމެ ނިޔަތުގައި އިޚްލާޞްތެރި ވުމެވެ. ތިންވަނަ ފިޔަވަޅަކީ އެންމެހައި ވާޖިބުތައް އަދާކުރުމުގައި ދެމިހުރުމެވެ. ހަތަރުވަނަ ފިޔަވަޅަކީ އެންމެހައި ހަރާމް ކަންތައްތަކުން ދުރުވެގެން ހުރުމެވެ. އިންސާނާއަށް ލިބިދޭ މި ތަރައްގީ އަކީ އޭނާގެ ފުރާނައަށް ނުވަތަ ރޫޙަށް ލިބިދޭ ތަރައްގީ އެވެ. މިއަށް ރޫޙާނީ ތަރައްގީ އެވެ ކިޔައެވެ.

އަޅުކަމުގެ ތަރައްގީ:
އިންސާނާ އުފައްދަވާފައިވަނީ ހަމައެކަނި އެ އިލާހަށް އަޅުކަން ކުރުމަށްޓަކައެވެ.(ޒާރިޔާތި: 56) އަދި މީގެއިތުރުން، ބިންމަތީގައި ﷲ ގެ ޚަލީފާއެއްގެ މަސްއޫލިއްޔަތު އަދާކުރުމާއެކު ބިން އިމާރާތްކޮށް ތަރައްގީ ކުރުމުގެ ވަޒީފާ އޭނާއާ ހަވާލުކުރައްވާފައިވެއެވެ.(ބަޤަރާ: 30)

އިންސާނާގެ ގާތަށް މަރު އަތުވެއްޖައުމަށްދާންދެން ﷲ އަށް އަޅުކަން ކުރުމުގައި ދެމި ހުރުމަށް އެކަލާނގެ އަންގަވާފައިވެއެވެ.(ޙަޖުރު: 99) އެހެންކަމުން އަޅުކަމުގެ ތަރައްގީއަކީ އިންސާނާއަށް ތަކުލީފު ލިބުނީއްސުރެ އޭނާގެ އަޖަލު ޖެހިއްޖައުމަށްދާންދެން ކުރިއަށް ދާންޖެހޭ އެއްޗެއްކަން އޮޅުމެއް ނެތި އެނގެއެވެ.

ތަރައްގީއަކީ ހަމައެކަނި މާއްދިއްޔަތެއްނޫނެވެ. އުސް އިމާރާތްތަކާއި ބޮޑެތި ކިއްލާތަކެއްނޫނެވެ. ފެންވަރު ރަނގަޅު ބަނދަރުތަކާއި މަގުތަކެއްނޫނެވެ. އެއާޕޯޓުތަކާއި ނަރުދަމާގެ ނިޒާމެއްވެސްނޫނެވެ.

ޒަމާނީ ތަރައްގީގެ ނަމޫނާ ކަމުގައި ބެލެވޭ އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގައި، އިސްވެ ބުނެވުނު ހުރިހައި ވަސީލަތްތަކެއްވެސް އެންމެ ފުރިހަމައަށް އެބަ ހުއްޓެވެ. މީހުން ސިއްސައިގެންދާ ވަރުގެ މާއްދީ ކުރިއެރުންތައް އެބައިމީހުން ވަނީ ހޯދާފައެވެ. މީގެ ދަލީލެއްގެ ގޮތުން އެ ގައުމުތަކަށް 'ތަރައްގީ ވެފައިވާ' ގައުމުތަކޭ ކިޔެއެވެ. މި މަތިވެރިކަން ހޯދާފައިވާ މުޖުތަމައުތަކުގެ ހާލަތާމެދު އެތަންތަނުގެ މުފައްކިރުން ދައްކާ ވާހަކަތަކަށް ބަލައިލަމާހެއްޔެވެ.

އެމެރިކާގެ އިލްމުވެރިއެއް ކަމަށްވާ ސަމުއޭލް ފިލިޕްސް ވިދާޅުވާ ގޮތުގައި؛ ބަދުއަޚުލާޤިއްޔާތާއި، އަމިއްލައަށް މަރުވުމުގެ ސަގާފަތާއި، ސިޔާސީ ބައިބައިވުންތަކާއި، އާއްމު އިޖުތިމާއީ މިންގަނޑުތަކުން ބޭރުވެގެންވާ ކުށްތައް ކުރުމާއި، މަސްތުވާތަކެތީގެ މައްސަލައާއި، އަމަން އަމާންކަމަށް ބުރޫ އަރާ ފަދަ އަމަލުތައް ހިންގުމާއި، ފުރާވަރުގެ ކުދިން 'ކައިވެނިނުކޮށް' ބަލިވެ އިނުމާއި، 'ނަހަލާލަށް' ވިހާ މީހުން ގިނަވެ އަޅައިލާނެ މީހަކުނެތް ކުދީންތައް ގިނަވުމާއި، ގާނޫނަށް ބޯނުލެނބުމާއި، ރާވައިގެން ހިންގާ ބޮޑެތި ޖަރީމާތައް ފަދަ އެތައް އެތައް މައްސަލަތަކެއް ހުޅަނގުގެ މުޖުތަމައުތަކަށް ވަނީ ކުރިމަތި ވެފައެވެ. ހަމަ މި މޭރުމުން ވާހަކަފުޅު ދެއްކެވުމަށްފަހު، ދުނިޔޭގެ މައްސަލަތަކާމެދު ދިރާސާ ކުރައްވާ އެމެރިކާގެ ލިޔުންތެރިއެއް ކަމަށްވާ ޖޯން އެލް. ސީޒް އޭނާގެ އަމިއްލަ ގައުމުގެ ހާލަތާމެދު އޭނާގެ ނަފްސާ ސުވާލު ކުރައްވާފައި ވަނީ މިފަދައިންނެވެ. ތަރައްގީ އަކީ ކޮބައި ހެއްޔެވެ؟ އެއީ ރަނގަޅު ކަންކަން އިތުރުވުން ހެއްޔެވެ؟ ނޫނީ ނުބައި ކަންކަން އިތުރުވުން ހެއްޔެވެ؟

ތަރައްގީގެ އެންމެ މަތީ ހަރުފަތުގައިވާ ހުޅަނގުގެ ގައުމުތަކުގައި، އިޖުތިމާއީ ހާލަތު އެހާ ދަށު ދަރަޖައިގައި އެވަނީ އެބައިމީހުންގެ ތަރައްގީގައި ކޮން އެއްޗެއް މަދުވެގެން ހެއްޔެވެ؟

އިސްލާމީ ރިވައިވަލިސްޓް މުފައްކިރުން ވިދާޅުވާ ގޮތުގައި، ތަރައްގީއަކީ އަޚުލާގީ، ރޫޙާނީ، އަދި މާއްދީ ގޮތުން އިންސާނާއާއި އޭނާގެ މުޖުތަމައު ތަސައްރުފު ފުދުމެވެ. އަދި އިޖުތިމާއީ ގޮތުންނާއި އިގުތިސާދީ ގޮތުން ފުދުންތެރި، އަދުލުވެރިކަމާއެކު ގާނޫނުތައް ގާއިމު ކުރެވޭ، ހުރިހައި ގޮތަކުންވެސް އިންސާނިއްޔަތަށް ފައިދާ ކުރަނިވި މުޖުތަމައެއް ބިނާ ކުރުމެވެ. އެއީ ދުނިޔެއާއި އާޚިރަތުގެ ހެވާއި ލާބަ ލިބެނިވި ގޮތުގައި ބިނާ ކުރެވޭ މުޖުތަމައެކެވެ.

ހުޅަނގުގެ ތަރައްގީގައި މަދުވަނީ އިންސާނާގެ އަޚުލާގީ އަދި ރޫޙާނީ ތަރައްގީގެ ބައެވެ. އެބައިމީހުންގެ ގާތުގައި ޢަދުލުވެރިކަމަކީ ހުރިހައި ކަމެއްގައިވެސް އެންމެން ހަމަހަމަ ވުމެވެ. އަދި އެބައިމީހުންގެ ތަރައްގީގެ އަމާޒު ހިފައިފައިވަނީ މުޅި އިންސާނިއްޔަތަށް ފައިދާކުރަނިވި ކަމެއްގެ ގޮތުގައެއްނޫނެވެ. މިކަމުގައި އެމީހުންގެ ހަމައަކީ އެބައެއްގެ އަމިއްލަ މަސްލަހަތު އިސްކުރުމެވެ. އަދި ހަމަ މިއާއެކު އެ ތަރައްގީން އެދެނީ ހަމައެކަނި ދުނިޔޭގެ ވަގުތީ ހެވާއި މަންފާ އަށެވެ. އާޚިރަތުގެ ދާއިމީ ހެވާއި ލާބަ އަކީ އޮންނަ އެއްޗެއްނޫނެވެ.

ވީމާ، ހަގީގީ ތަރައްގީއެއް އަންނަ މުޖުތަމައެއްނަމަ، އެތަނުގެ އަހުލުވެރިންނަކީ ދުނިޔެއާއި އާޚިރަތުގެ ހެވަށްޓަކައި މަސައްކަތް ކުރާ ބަޔަކަށް ވާނެއެވެ. ކުރިއަރަމުން އަންނަ މާއްދީ ތަރައްގީ ބޭނުންކުރުމުގައި އިސްލާމީ އިންތަކާއި މިންތަކަށް ތަބާވާ ބަޔަކަށް ވާނެއެވެ. އަގުބޮޑު ރީތި ކާރުގައި ދުއްވާލާފައި ދާއިރު ޓްރެފިކު ގަވާއިދަށާއި އަނެކުންނަށް ވެދާނެ އުނދަގުލަކާމެދު ވިސްނުން ބަހައްޓައިގެން ދުއްވާފައި ދިއުމަކީ މީގެ މިސާލެކެވެ.