ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފ. އަތޮޅުގެ އަންހެން ޑިވިޝަންގައި މިރޭ ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީ (އެފްޑީއެސް) ބަލިކޮށް ބިލެއްދޫން މުބާރާތުގައި ކުރިއަށް ދިޔުމުގެ އުންމީދު ހޯދައިފިއެވެ.

މަގޫދޫ ރަސްމީ ވޮލީ ކޯޓުގައި އޮތް މި މެޗު ބިލެއްދޫން ކާމިޔާބުކުރީ 3-1 އިންނެވެ.

މެޗަށް ނިކުތްއިރު ބިލެއްދޫ ވަނީ މަގޫދޫ އަތުން ބަލިވެފައެވެ. އަދި އެފްޑީއެސް ވަނީ ނިލަންދޫ އަތުން މޮޅުވެފައެވެ. އެހެންކަމުން މި މެޗަކީ ބިލެއްދުއަށް ޕްރެޝަރު މެޗެކެވެ.

މެޗުގެ ފުރަަތަމަ ސެޓު ބިލެއްދޫން ކާމިޔާބުކުރީ 25-18 އިންނެވެ. އަދި ޖެހިގެން އައި ދެ ވަނަ ސެޓު ބިލެއްދޫން ކާމިޔާބުކުރީ 25-21 ގެ ހަނި ނަތީޖާއަކުންނެވެ.

ތިން ވަނަ ސެޓުގެ ކުޅުން ރަނގަޅުކޮށް އެފްޑީއެސް އިން މި ސެޓު ކާމިޔާބުކޮށް އުންމީދެއް ހޯދިއެވެ. މި ސެޓު އެފްޑީއެސް އިން ކާމިޔާބުކުރީ 25-14 ގެ ބޮޑު ނަތީޖާއަކުންނެވެ.

ނަމަވެސް ހަތަރުވަނަ ސެޓު ކާމިޔާބުކޮށް ބިލެއްދޫން ވަނީ އެފްޑީއެސްގެ މައްޗަށް ކުރި ހޯދާފައެވެ. ފަހު ސެޓު ބިލެއްދޫން ކާމިޔާބުކުރީ 25-22 ގެ ހަނި ނަތީޖާއަކުންނެވެ.

މިރޭގެ މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ބިލެއްދޫން ވަނީ މުބާރާތުގައި އިތުރަށް ކުރިއަށް ދިޔުމަށް ފުރުސަތު ތަނަވަސްކޮށްފައެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބިލެއްދޫގެ ރިފްދާ އިބްރާހީމްއެވެ.

މުބާރާތުގެ ފިިރިހެން ޑިވިޝަންގައި މާދަމާ ހަވީރު މަގޫދޫ ނިކުންނާނީ ނިލަންދުއާ ދެކޮޅަށެވެ. އަންހެން ޑިވިޝަންގައި އެރޭ ނިލަންދޫ ނިކުންނާނީ މަގޫދޫއާ ދެކޮޅަށެވެ.