ޔުނައިޓެޑް ސްޓޭޓްސް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއޭއައިޑީ) އިން 10.5 މިލިއަން ޑޮލަރުގެ، ފަސް އަހަރުގެ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް ރާއްޖޭގައި މިއަދު އިފްތިތާހުކޮށްފިއެވެ.

އެ ޕްރޮޖެކްޓަކީ ދިވެހި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި އެކުލެވޭ ވިލުންވެރި މުޖުތަމައުތަކެއް ބިނާކުރުމުގެ ސިޔާސަތަށް އެއްބާރުލުންދީ، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ހުރި ފުރުސަތުތަކާއި ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް އެހީވެދޭނެ ހިލޭއެހީއެކެވެ. އަދި މިހާރާއި މުސްތަގުބަލުގައި ދިމާވެދާނޭ ނާޒުކު ހާލަތްތަކުން ރައްކާތެރިވެފައިވާ، މޫސުމީ ބަދަލުތަކަށް ވިލުންވެރިވެފައިވާ މުޖުތަމައުތަކެއް ބިނާކުރުމަށް އެ ޕްރޮޖެކްޓްގެ ދަށުން އެހީވެދޭނެއެވެ.

އެ ޕްރޮޖެކްޓް އިފްތިތާޙުކުރުމާ ގުޅިގެން ޔޫއެސްއޭއައިޑީ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މިޝަން ޑައިރެކްޓަރު ރީޑް އެއިޝްލިމަން ވިދާޅުވީ މިއަދު އިފްތިތާހުކުރި ޕްރޮޖެކްޓަކީ އެމެރިކާއާއި ރާއްޖެއިން މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ގޮވާލާފައިވާ ކަންތައްތަކަށް ސީދާގޮތެއްގައި އިޖާބަދޭނެ ޕްރޮޖެކްޓެއްކަމަށެވެ.

"އަޅުގަނޑުމެންގެ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓްގެ ތެރެއިން މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ސަރުކާރާއި، އަމިއްލަ ވިޔަފާރިތަކާއި، މުޖުތަމައުން ކުރާ މަސައްކަތްތަކުން ދިވެހިރާއްޖޭއަށް ދެމެހެއްޓެނެވި، އިންކްލޫސިވް އަދި މާކެޓް ބޭސްޑް ކުރިއެރުންތަކެއް ގެނެސްދިނުމަށް އެހީތެރިވެދޭނެ." އޭނާ ދިވާޅުވިއެވެ.

ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓްގެ ތެރެއިން މޫސުމީ ބަދަލުތަކާހުރެ ކުރިމަތިވާ ހުރަސްތަކަށް ހުރި އީޖާދީ ހައްލުތައް ފާހަގަކޮށް، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރަންހުރި މަސައްކަތްތަކުގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން ހިމެނުމަށް ޔޫއެސްއޭއައިޑީއިން އެހީތެރިވެދޭނެއެވެ. ލޯކަލް ޕާޓްނަރުންގެ އެހީގައި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކުރިމަތިވާ ހިރާސްތަކަށް އިޖާބަދިނުމަށް ގަވާނަންސް ހަރުދަނާކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކުރިމަތިވާ ނާޒުކުކަން ކުޑަކުރުމަށް ކަންކަން ނިންމުމަށް ރަނގަޅު ފެންވަރުގެ މައުލޫމާތު ފޯރުކޮށްދިނުމަށް އެ ޕްރޮޖެކްޓުން އެހީތެރިވާނެއެވެ. މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް އެ ޕްރޮޖެކްޓްގެ ދަށުން ސަމާލުކަންދޭނެ ދާއިރާތަކަކީ އެބަދަލުތަކުން އަސަރުކުރުން ގާތް ދާއިރާތަށް ކަމުގައިވާ މަސްވެރިކަމާއި ދަނޑުވެރިކަމާއި ފަތުރުވެރިކަމެވެ.

އެ ޕްރޮޖެކްޓާ ގުޅިގެން އެންވާރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ ރާއްޖެ ފަދަ މޫސުމަށް އަންނަ ބަދަލުތަކަށް ނާޒުކު ގައުމެއްގައި އެކި ދާއިރާތަށް ޝާމިލްވާނެހެން، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަކީ މުހިއްމުކަމެއް ކަމަށެވެ.

"މުޖުތަމައުގެ ވިލުންވެރިކަމާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ސަރުކާރާއި، ބައިނަލްއަގްވާމީ ފަރާތްތަކުންކުރާ މި މުހިއްމު މަސައްކަތަށް އަމިއްލަ ވިޔަފާރީގެ ދާއިރާއިން އެއްބާރުލުންދޭންޖެހޭ." ޝައުނާ ވިދާޅުވިއެވެ.