16 Mar 2022, 00:22
ސިފައިންގެ ޓްރެއިންނިން ހަދަމުންދަނިކޮށް ހާލު ސީރިއަސްވެގެން އައިޖިއެމްއެޗްގައި ފަރުވާދެމުންދިޔަ އަމާނުﷲ ޝަރީފް ވޯޑަށް ބަދަލުކޮށްފިއެވެ.
ޅ. މާފިލާފުށީގައި ސިފައިންގެ ތަމްރީނު ހަދަމުން ދަނިކޮށް ހާލުދެރަވެ ފަރުވާ ދެމުންދިޔަ އުމުރުން 19 އަހަރުގެ އަމާންގެ އާއިލާއިން ބުނީ ރޭގެ ވަގުތެއްގައި އަމާން ވޯޑަށް ބަދަލުކޮށްފައިވާކަމަށެވެ.
އާއިލާއިން ބުނީ މިހާރު އަމާންގެ ހާލު ރަނގަޅުކަމަށާއި އެފަދަ ބުރަ ތަމްރީނެއް ހަދަމުންދާ މީހަކަށް އެފަދަ ހާދިސާއެއް ދިމާވެދާނެ ކަމަށެވެ.
އަމާންގެ އިތުރުން އެދުވަހުގެ ތަމްރީނުގެ ތެރެއިން ހާލު ދެރަވެގެން ދެ ޒުވާނަކު ވަނީ އައިޖިއެމްއެޗަށް ގެނެސްފައެވެ. އަމާންގެ އިތުރުން ދެން އައިޖިއެމްއެޗްގައި ފަރުވާދެމުންދަނީ 21 އަހަރުގެ ޒުވާނަކަށެވެ.
އެ ޒުވާނާ ވެސް ވޯޑަށް ބަދަލުކޮށްފައިވާކަމަށް އައިޖިއެމްއެޗުން ބުންޏެވެ. އެ ހޮސްޕިޓަލުން ބުނި ގޮތުގައި މިހާރު އެ ޒުވާނާގެ ހާލު ވެސް ރަނގަޅެވެ.
ޓްރެއިނިންގް ހަދަމުންދިޔަ ތިން ހާދިސާ ކައިރީގައި ހިނގާފައި ވާއިރު ސިފައިންގެ ޓްރެއިނިން ހަދަމުންދިޔަ 19، އަހަރުގެ ޒުވާނަކު ވަނީ މަރުވެފައެވެ.
މި މަހުގެ ހަތް ވަނަ ދުވަހު ސިފައިންގެ ތަމްރީނު ފުރިހަމަ ކުރަމުން ދަނިކޮށް ހާލު ދެރަވެގެން މަރުވެފައިވަނީ ޕްރައިވެޓް ރާފިލް ރަބީލްއެވެ.
އޭނާގެ މަރަކީ ސިފައިންގެ އިހުމާލުން ވެފައިވާ މަރެއްކަމަށް ރާފިލްގެ އާއިލާއިން ތުހުމަތުކުރެއެވެ. ރާފިލް ހުން އައިސް ބަލިވެ އުޅޭކަން ބުނަން މެސެޖުކޮށް 11 ފަހަރު ގުޅުމުންވެސް އިމަޖެންސީ ފަރުވާ ނުލިބުނުކަމަށް އާއިލާއިން ތުހުމަތުކުރެއެވެ.
އެ ހާދިސާތަކުގައި ބަލަންޖެހޭ ކަންކަން ބެލުމަށް ޓަކައި އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭހެން ކޮމިޓީއެއް އެކުލަވައިލައި، މިހާރު ދަނީ އެ މައްސަލަ ބަލަމުންކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
އެމްއެންޑީއެފްގެ އޮފިޝަލް ވިދާޅުވީ އެމްއެންޑީއެފުން މިކަމާ މެދު ރަސްމީކޮށް އެއްޗެއް ބުނާނީ ކޮމިޓީގެ މަސައްކަތް ނިމުމުން ކަމަށެވެ.
އަސްކަރީ ތަމްރީނުތަކަކީ އޭގެޒާތުގައި ބުރަ އަދި ރިސްކުހިމެނޭ ތަމްރީނުތަކެއް ކަމަށާއި އެ ތަމްރީނުތަކަށް ނެގޭ ސިފައިންނަކީ، ފިޒިކަލް އަދި މެޑިކަލް ޓެސްޓުތަކެއް ހެދުމަށްފަހު ތަމްރީނުގައި ބައިވެރިވެވޭ ކުދިން ކަން ވެސް މީޑިއާ އޮފިޝަލް ވަނީ ފާހަގަކުރައްވައިފައެވެ.