16 Mar 2022, 09:02
މިންހާއަށްޓަކައި އަހަރެންގެ ހިތުގައި އުފެދިފައިވާ އިޙްސާސްތަކާ ޖަޒުބާތުތަކުގެ ބާރުގަދަކަން އަހަންނަށް އަންދާޒާކޮށްލެވުނެވެ.
މިންހާގެ މޫނުމަތިން ހައިރާންކަމުގެ ކުލަވަރު އަހަންނަށް ރީތިކޮށް ދެނެގަނެވުނެވެ. އެއާއެކު އަހަރެންގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ހަނީފްގެ އެދުމަށް މިންހާ ހަނީފްގެ އެއްފަރާތުގައި ހުރި ގޮނޑީގައި އިށީނދެލިއެވެ. ބައްޕަ އަހަރެން މިންހާއަށް ތަޢާރަފްކޮށްދިނެވެ. ފޯނެއް އައިސްގެން އަހަރެން ދުރަށް ޖެހިލާފައި ދެން އައިއިރު ބައްޕަ ހުރީ އަހަރެން ހުންނާނެ ތަނެއް ވެސް ހަމަ ޖައްސާފައެވެ. އަހަރެން ގެސްޓް ހައުސްއެއް ހަމަޖެހުނު ވާހަކަ ބުނި ނަމަވެސް، ބައްޕަ އެގޮތާ އެއްބަހެއް ނުވިއެވެ. އެންމެ ފަހުން އަހަރެންވެސް އެގޮތަށް އެއްބަސްވީމެވެ.
ގެއަށް ދާން ވެގެން އަހަންނާ މިންހާއާ ދެމީހުން ހިނގައިގަތީ އެކުއެކީގައެވެ. މިންހާއާ ދާދި އެއްވަރެއްގައި ހުރެ އަހަރެން ހިނގަމުން ދިޔައީމެވެ. އަހަރެމެން ދެމީހުންގެ ދެމެދު ވީ ހަމަހިމޭންކަން ފޫދުއްވައިލާނެ ގޮތަކާ މެދު އަހަރެން ވިސްނަމުން ދިޔައީމެވެ. އެހެންކަމުން ރާއްޖެތެރޭގެ ހިތްގައިމު ވާހަކަ އަހަރެން މިންހާ ކައިރީގައި ބުނީމެވެ. އަހަރެންގެ ފުރަތަމަ ވާހަކައަށް މިންހާ އެއްޗެއް ނުބުނުމުން ދެވަނަ ފަހަރުވެސް ވާހަކަ ދެއްކީމެވެ. އެއާއެކު މިންހާ އަހަންނާ ސުވާލުކޮށްލީ އަހަރެން ރާއްޖެތެރޭ ރަށަކަށް އައީ އަލަށްތޯއެވެ. މިންހާގެ އެ ހިތްގައިމު އަޑު ޖެހުމާއެކު އަހަރެންގެ ހިތަށް ބުނެދޭން ނޭނގޭ ގޮތްތަކެއް ވެގެން ދިޔައެވެ. އިރުއިރުކޮޅަކާ އަހަންނަށް މިންހާއަށް ބަލައިލެވެއެވެ. އަހަރެންގެ ހިތުގެ އިޙްސާސްތައް މިންހާއަށް އެނގޭނެނަމަ ކިހާ ރަނގަޅުހޭ ހިތަށް އެރިއެވެ.
އެ ރަށުގައި އަހަރެން ހޭދަކުރި ކޮންމެ ދުވަހަކީ މިންހާއަށްޓަކައި އަހަރެންގެ ހިތުގައިވި އިޙްސާސްތައް ފުންވަމުން ދިޔަ ދުވަހެކެވެ. މިންހާއަށްޓަކައި އޮތް ލޯބި އިތުރުވަމުންދިޔަ ދުވަހެކެވެ. މިންހާއާ އަހަރެންގެ ކައިވެނީގެ ވާހަކަ ބައްޕަ ދެއްކުމާއެކު އެކަމާ މިންހާ ހިތްހަމަ ނުޖެހުނުކަން އަހަންނަށް އެނގުނެވެ. އެހެންނަމަވެސް، މިންހާ ބައްޕަގެ އެދުމުގައި ކޮޅުފައިން ނުޖަހާނެކަމުގެ ޔަޤީންކަންވެސް އަހަންނަށް އޮތެވެ. ބައްޕަ ބަލި ތަންމަތީގައި އޮތްއިރު، މިންހާއަށް އެ ބައްޕަ ހިތުގައި ޖެހޭފަދަ އެއްވެސް ކަމެއް ކުރަން ނުކެރޭނެކަން އަހަންނަށް ޔަޤީންވިއެވެ. އެއަށްވުރެ ބޮޑަށް މިންހާ އޭނާގެ ބައްޕަ ދެކެ ލޯބިވާކަން އަހަންނަށް ޔަޤީންވިއެވެ. ބައްޕަ ކައިވެނީގެ ވާހަކަ މިންހާއާ ދެއްކި ވަގުތު މިންހާގެ ހިތުގައި ޖެހުނުކަން އަހަންނަށް ޔަޤީންވިއެވެ. އެ ދެލޮލުން އަހަރެން ރިހުން ދުށީމެވެ. މިންހާގެ މޫނުން ފެނުނު ކުލަވަރުތަކުން އަހަންނަށްވެސް އުނދަގޫވިއެވެ. މިންހާއަށް މަޖުބޫރުކުރުވެނީއޭ ހިތަށް އެރިއެވެ. އެހެންނަމަވެސް އަހަރެން އެއަށް އެއްޗެއް ނުބުނަމެވެ. ބައްޕަގެ ދެލޮލުން އެކަމަށް ބޭނުންވެފައި ހުރިވަރު އަހަންނަށް ފެނުނެވެ. އަނެއްކޮޅުން މިންހާ އާހިލްގެ އަތްމައްޗަށް ދޫކޮށްލާކަށް އަހަރެން ބޭނުމެއް ނޫނެވެ. މިންހާއަށް އާހިލްގެ ހަޤީގަތް ނޭނގުނުނަމަވެސް، އަހަރެންގެ ކުރިމަތީގައި އެ ހަޤީގަތް ވަނީ ބޭޒާރުވެފައެވެ.
މިންހާ ދޭނެ ޖަވާބަކަށް އަހަރެންގެ ކެތްތެރިކަން ކޮޅުންލަމުން ދިޔައެވެ. އެހެންނަމަވެސް އެއްޗެއް ނުބުނެ އަހަރެން އިނީމެވެ. މިންހާ ކައިވެނި ކުރަން އެއްބަސްވުމާއެކު އަހަރެންގެ ހިތަށް ހިތްހަމަޖެހުން ލިބުނުނަމަވެސް، ހިނިތުންވެލާކަށްވެސް އަހަންނަކަށް ނުކެރުނެވެ. އެއީ މިންހާގެ ހިތުގައި ހިނގާނޭ އަސަރުތައް އަހަންނަށް އަންދާޒާކޮށްލެވެއެވެ. ބައްޕަ މިންހާއާ ވާހަކަ ދެއްކިއެވެ. މިންހާއަށް ރޮވެން ފެށުމާއެކު، އޭނާ އެތަނުން ނުކުތުމާއެކު، އަހަރެންވެސް މިންހާގެ ފަހަތުން ހިނގައިގަންނަން ބޭނުންވިއެވެ. އެހެންނަމަވެސް ބައްޕަ އެކަމަށް ހުރަސްއެޅިއެވެ. މިންހާއަށް ވަގުތު ބޭނުންވާނެކަން ބައްޕަ އަހަންނަށް ވިސްނައިދިނެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް ރަންކިޔާ ކައިވެނިވެސް ކުރެވުނެވެ. އަހަރެން ހުރީ ކައިވެންޏަށްފަހު ބައްޕަ ގޮވައިގެން މާލެ ބަދަލުވާން ނިންމައިގެންނެވެ. ބައްޕަގެ ބައްޔަށް ބޭސް ކުރެވޭނީ އޭރުންނެވެ. މިންހާއާ ބައްޕައާ ދުރުކުރުވުމަކީ ފަހަރެއްގައިވެސް އަހަރެން ބޭނުންވާ ގޮތެއް ނޫނެވެ. އެކަން ބައްޕައަށް ވެސް އެނގޭނެއެވެ. ކައިވެނިކުރަން މޭޒުކައިރީގައި އަހަންނާ މިންހާއާ އެރޭ ތިބިއިރު، މިންހާގެ މޫނުމަތިން ފެނުނު މާޔޫސްކަން އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. އެ ދެލޮލުން ރޮއިފައިހުރިކަން އަހަންނަށް އެނގުނެވެ. ކެތްކުރެވޭނޭ އެންމެ މައްޗަކަށް އަހަރެން ކެތްކުރީމެވެ. އަހަރެން އެންމެ ލޯބިވާ އަންހެން ކުއްޖާ އެގޮތަށް މަޑުމޮޅިވެފައި އިންނަތަން ބަލަން އަަހަންނަށް ކެތްވާނީ ކިހިނެއް ހެއްޔެވެ؟ އަނބި ގަބޫލުކޮށްފީމޭ ބުނި ވަގުތު މިންހާ އަހަންނަށް ބަލައިލިކަން އަހަންނަށް އެނގެއެވެ. ނަމަވެސް އެއީ ދެތިން ސިކުންތަށެވެ. އަހަރެން މިންހާއަށް ރަނގަޅަށް ބަލައިލިއިރު މިންހާ އިނީ އިސް ޖަހައިލައިގެންނެވެ.
ކައިވެނީގެ ސަޔަށް ދަޢުވަތު ދެެވިގެން އައި މެހެމާނުންތައް ގޮސް ނިމުމާއެކު ބައްޕަވެސް ކޮޓަރިއަށް ވަންނަނީކަމަށް ބުނެ ހިނގައިގަތެވެ. އަހަރެން މިންހާއަށް ބަލައިލީމެވެ. އަހަންނާއެކު އެއްކޮޓަރިއެއް ހިއްސާކުރަން މިންހާ ތައްޔާރުނޫންކަން އަހަންނަށް އެނގެއެވެ. އަހަރެން އެކަމަކަށް މިންހާއަކަށް މަޖުބޫރެއް ނުކުރާނަމެވެ. އެކަމަކު ބައްޕައަށް ވެސް ވިސްނަން ޖެހޭނެއެވެ. ކުއްލިއަކަށް އިވުނު އަޑުފައްގަނޑާއެކު އަހަރެމެން ދެމީހުންނަށް ވެސް އެ ދިމާލަށް ބަލައިލެވުނެވެ. ބައްޕަ ވެއްޓުމާއެކު އެ ދިމާލަށް ދެވުނެވެ. އެރޭ ބައްޕަ ހޮސްޕިޓަލަށް ގެންދެވުނެވެ. ސިއްޚީ މަރުކަޒަށް ގެންދެވުމާއެކު ޑޮކްޓަރު ބުނީ ހާރޓްއެޓޭކެއް ކަމުގައެވެ. މާލެ ގެންދަން ވާންޖެހޭ ތައްޔާރީތައް ވަމުން ދަނިކޮށް ބައްޕަ ނިޔާވި ޚަބަރު ލިބުމާއެކު މިންހާއަށް ވީ ގޮތް އަހަރެންނަށް އަދިވެސް ފެންނަކަހަލައެވެ.
ބައްޕަ ނިޔާވުމާއެކުއެކީ، އަހަރެންވެސް މާލެ އަންނަން ޖެހުމާއެކު މިންހާއާ އެވާހަކަ ދެއްކީމެވެ. މިންހާ އެގޮތް ބޭނުން ނޫންނަމަވެސް، އަހަރެން މިންހާ އެއްބަސްކުރުވީމެވެ. މިންހާ މާލެ އައި ނަމަވެސް، މިންހާ ބޭނުންވަނީ އަހަރެންގެ ގާތުން ވަރިވާންކަން އަހަންނަށް އެނގެއެވެ. އަހަރެން މިންހާއަށް ވަކިން ކޮޓަރިއެއް ދިނީމެވެ. މިންހާގެ ނުރުހުމުގައި މިންހާގެ ގައިގައި އިނގިލި ކުރިވެސް ޖައްސައިލަން އަހަރެން ބޭނުމެއް ނޫނެވެ. މިންހާއަށް ފުރިހަމަ މިނިވަންކަން ދިނީމެވެ. އެމިނިވަންކަމުގެ ފައިދާ މިންހާ ނެގިއެވެ. ފޯނުން ގުޅާ އާހިލްއާ ގުޅުން ބާއްވަމުން މިންހާ ދިޔައިރު، އެ ހުރިހާ ކަމެއްވެސް އަަހަންނަށް އެނގެއެވެ. ރާއްޖޭން ބޭރުގައި ހޭދަކުރި ދުވަސްތަކުގައި ވެސް އެގުޅުން އެގޮތުގައި ކުރިއަށް ދިޔައެވެ.
އަހަރެން އެ ހުރިހާކަމަކަށް ވެސް ކެތްކުރީމެވެ. ވަރަށް ކެތްކުރީމެވެ. މިންހާއަށްޓަކައި އިންތިޒާރުކުރީމެވެ. މިންހާގެ ލޯތްބަށްއެދި އާދޭސްކުރަން ބޭނުންވިއެވެ. އަހަރެންގެ ބަސްނާހާ ހިތަކީ ހަމައެކަނި މިންހާގެ އެއްޗެއްކަމުގައި ބުނަން ބޭނުންވިއެވެ. އަހަރެންގެ ހިތަށް އޯގާވެދޭށޭ މިންހާގެ ކައިރީގައި ބުނަން ބޭނުންވިއެވެ. މިންހާއަށް ނޭނގުނު ކަމުގައި ވީނަމަވެސް، އާހިލްއާ ދައްކާ ހުރިހާ ވާހަކައެއް އަހަންނަށް އެނގެއެވެ. އަހަރެން ހީކުރީ ދުވަސްވަމުން ދާ ވަރަކަށް މިންހާގެ ހިތުގައި އަހަންނަށްޓަކައި ކޮންމެވެސް ކަހަލަ އިޙްސާސްތަކެއް ވިންދު ޖަހަން ފަށާނެ ކަމުގައެވެ. އެހެންނަމަވެސް އެއީ ކުށްހީއެއްކަން މިހާރު އަހަންނަށް އެބަ އިޙްސާސްވެެއެވެ. އެ ހުރިހާކަމަކަށް ކެތްކޮށްގެން ހުއްޓައި އަހަންނަށް އެންމެ އުނދަގޫވީ މިންހާ އާހިލްއާ ބައްދަލުކުރަން ދިޔަކަން އެނގުނު ހިސާބުންނެވެ. އެ ހިސާބުން އަހަރެން އެކަމާ ނުުރުހުން ފާޅުކުރީމެވެ. އެހެންނަމަވެސް، އެކަމުން މިންހާއަށް ލިބުނީ އުފަލެކެވެ. މިންހާ އާހިލްއާ ބައްދަލުކުރަނީ ރުޅި އައިސްގެންވެސް އަހަރެން މިންހާ ވަރިކުރާނެކަމަށް މިންހާއަށް ހީވާތީކަން އަހަންނަށް އެނގެއެވެ. އެހެންނަމަވެސް މިންހާއަށް ނޭނގުނު ކަމަކީ އަހަރެން މިންހާ ދުވަހަކުވެސް ވަރިނުކުރާނެކަމެވެ.
އަހަރެން ހުރީ ހުރިހާކަމަކަށް ވެސް ކެތްކުރަން ނިންމައިގެންނެވެ. އަހަރެން މިންހާ ދެކެ ވާ ލޯބީގެ ޙައްޤުގައެވެ. އެހެންނަމަވެސް، ރޭގައި އަހަރެން މިންހާގެ ދެލޮލުން ބުނެދޭން ނޭނގޭ ރިހުމެއް ދުށީމެވެ. މިންހާ ރޮމުން ދިޔަ މަންޒަރުބަލާކަށް އަހަންނަކަށް ކުޅަދާނެއެއް ނުވިއެވެ. މިންހާ އަހަރެން ގާތުން ވަރިވާން ބޭނުންވާއިރު، އެގޮތަށް މިންހާ ގެންގުޅުން ރަނގަޅެއް ނޫނޭ އަހަރެންގެ ހިތް ބުނެލިއެވެ. މިންހާ ގެނެސް މޭގައި ޖައްސައިލަން އުޅުނުނަމަވެސް، މިންހާ ރޮމުން އަހަރެން ދުރުކޮށްލުމާއެކު، މިންހާ އަހަންނާއެކު އުޅެން ބޭނުންނުވާކަން އަހަންނަށް އެނގުނެވެ. އެވަގުތު އަހަރެންގެ ހިތުގެ ހިނގުންވެސް ހީވީ ހިނދުކޮޅަކަށް މަޑުޖެހިލިހެންނެވެ. ހަދާނެ ގޮތެއް، ބުނާނެ އެއްޗެއް ނޭނގި އަހަންނަށް ހުރެވުނެވެ. އެންމެ ފަހުން ހިތާ ދެކޮޅަށް އަހަރެން މިންހާ ވަރިކުރަން ނިންމީމެވެ. ކޮންމެވެސް ވަރެއްގެ އުންމީދެއް ލިބުނުނަމަވެސް، މިހާރު އެ އުންމީދުގެ ހުޅުކޮޅުވެސް ނިވެނީއެވެ. މިންހާގެ ލޯބި ދުވަހަކު އަހަންނަށް ނުލިބޭނެކަން މިއަދު އަހަންނަށް ޔަޤީން ވެއްޖެއެވެ.
އަހަރެން މިންހާއަށް ކިޔައިދޭން ބޭނުންވާ ބައިވަރު ވާހަކަތައް އެބަހުއްޓެވެ. އާހިލްއާ މިންހާގެ ކޯލު ތަކުން، މިންހާގެ ހުވަފެންތަކާ ބެހޭ ބައިވަރު އެއްޗެހި އަހަންނަށް އެނގުނެވެ. މިންހާ ބޭނުންވާ ގޮތަށް ގެއާ ކޮޓަރި ހަދަމުންދިޔައިރު، އަމިއްލަ މޮޔަކަމަށް އަހަރެން މަލާމާތްވެސް ކުރަމުން ދިޔައީމެވެ. އިނުމަށްފަހު މިންހާ އަހަންނަށް އެތަކެއް ޖެއްސުމެއް ކުރިނަމަވެސް އަހަރެން އިތުރު އެއްޗެއް ނުބުނަނީ މިންހާ ދެކެ އިންތިހާ ލޯބިވާތީއެވެ.
މިންހާ ފެންނަ ހިސާބުގައި ހުރެ ވަރިކުރުމަކީ އަހަންނަށް ކުރެވޭނެ ކަމެއް ނޫންހެން ހީވިނަމަވެސް، އެއީ ކުރަންޖެހޭނެ ކަމެއްކަން އަހަންނަށް އެނގެއެވެ. މިންހާގެ އުފާވެރިކަން ގުޅިފައިވަނީ އެކަމާ ކަމަށްވާނަމަ، އަހަރެން އެގޮތަށް ކަންތައް ކޮށްދޭނަމެވެ. އެކަމަކު އަހަރެން މިންހާއަށް އާހިލްގެ މަކަރުވެރިކަން ކިޔައިދޭނަމެވެ. މިންހާއަށް ދެރައެއް ލިބުމަކީ އަހަރެން ދުވަހަކުވެސް އެދޭނެ ގޮތެއް ނޫނެވެ. އެހެންނަމަވެސް، އެވާހަކަތައް އަހަރެން ކިޔައިދޭނީވެސް ކިހިނެއްހެއްޔެވެ؟ މިންހާ ދެކެ އަހަރެން އަބަދުވެސް ލޯބިވާނަމެވެ. ދުވަހަކުވެސް އެ ލޯބި އަހަރެންގެ ހިތުން ފުހެވިގެން ނުދާނެއެވެ. މިންހާގެ ތިޔަ ލޯބި އެދިގެން އަހަރެން އަބަދުވެސް ހުންނާނަމޭ ކިތަންމެ ފަހަރަކު ބުނަން ބޭނުންވެއެވެ. އެހެންނަމަވެސް، މިއަދު އުންމީދުގެ ހުޅުކޮޅު ނިވިއްޖެއެވެ. މިޑައިރީގައި އަހަރެންގެ ހިތުގެ އަޑު ހިއްސާމިކޮށްލީ ކޮންމެވެސް ދުވަހަކުން މިންހާއަށް އަހަރެންގެ ހިތުގެ އަޑު އިވޭނެކަމުގެ އުންމީދުގައެވެ. އަހަރެން ރާއްޖެ ދޫކޮށް މިދަނީ ދާހިތަކުން ނޫނެވެ. އެހެންނަމަވެސް، މިންހާއާ އެއްފަސްގަނޑެއްގެ ވަކިން އުޅޭނެ ހިތްވަރު ނެތިގެންނެވެ.
** * * * *
ޑައިރީ ކިޔާ ނިމުނުއިރު، މިންހާއަށް ގިސްލެވެއެވެ. އަނގަމަތީގައި އަތް އެޅީ އަޑު ބޭރުވިޔަ ނުދިނުމަށް ނަމަވެސް، އެކަންވެސް ކާމިޔާބެއް ނުވިއެވެ. މޭގައި އުފެދުނު ތޫނު ރިހުމުގެ އަސަރު މުޅި ހަށިގަނޑަށްވެސް ކުރަން ފެށިއެވެ. ޝިޒާންއަށްޓަކައި އޭނާގެ ހިތް ރޯން ފެށިއެވެ. ޝިޒާން އެވީ ލޯބީގެ ބަދަލު އޭނާއަށް އެ ދެވުނީ ކިހިނެއްހެއްޔެވެ؟ އާހިލްފަދަ ބޭވަފާތެރިއަކަށްޓަކައި އޭނާ ޝިޒާންފަދަ މީހަކާ ދުރުވާން އުޅެވުނުކަމުގެ މޮޔަކަން މިންހާއަށް އިޙްސާސްވިއެވެ. އެެހެންނަމަވެސް މިހާރު ވަގުތު މިއޮތީ ފާއިތުވެފައެވެ. މިންހާ ހިތްވަރުކޮށްފައި ތެދުވެ ހިނގައިގަތެވެ. ދުވެފައި ކަހަލަ ގޮތަކަށް ސިޑިން ފޭބިއިރު، ރާމިޒާއާއި ނީނާ އާ ދެމީހުން ތިބީ ސިޓިން ރޫމުގައެވެ. ރޮމުން ރޮމުން ފޭބި މިންހާ ފެނުމާއެކު އެމީހުން ދެމީހުންނަށްވެސް މިންހާއަށް ބަލައިލެވުނެވެ.
"ޝިޒާން... ޝިޒާން..." މިންހާއަށް ގޮވެމުން ދިޔައެވެ.
"މިންހާ..." ރާމިޒާ މިންހާއަށް ގޮވައިލިއެވެ.
"ޝިޒާން ކޮބާ؟" މިންހާއަށް ސުވާލުކޮށްލެވުނެވެ. ނީނާއަށް ބަލައިލެވުނީ ރާމިޒާއާ ދިމާލަށެވެ. ރަތްވެފައިވާ ދެޮލޮލުން މިންހާ ރާމިޒާއަށް ބަލައިލުމާއެކު އެ ދެލޮލުގައި ވި ހިތްދަތި އަސަރުތައް ރާމިޒާއަށް ވެސް ވަޒަންކޮށްލެވުނެވެ. އޭރުވެސް މިންހާއަށް ގިސްލެވެމުން ދިޔައެވެ. ކަރުނަތައް ފޮހުނުނަމަވެސް، ތާޒާ ކަރުނައިން އެ ކޯތާފަތް ތެމެމުން ދިޔައެވެ.
"ޝިޒާން ކޮބާތަ؟" މިންހާއަށް އަނެއްކާވެސް ބާރަށް ހަޅޭއްލަވައިގަނެވުނެވެ.
"ޝިޒާން އެދިޔައީ ފުރަން. މިއޮތީ ޝިޒާން މިންހާއާ ހަވާލުކޮށްލަން ބުނި އެއްޗެއް..." ރާމިޒާ އޭނާގެ އަތުގައި އޮތް ފައިލް މިންހާއަށް ދިއްކޮށްލިއެވެ. މިންހާ އެ ފައިލްގައި ހިފިއެވެ. އެއަށްފަހު އެއަށް ބަލައިލިއެވެ. އެއީ އެ ގެ މިންހާގެ ނަމުގެ މައްޗަށް ބަދަލުކޮށްފައިވާ ކަމުގެ ލިޔުމެވެ. މިންހާއަށް ބޭއިޚްތިޔާރުގައި އެގެއަށް ވަށައިގެން ބަަލައިލެވުނެވެ. އެގޭގެ ކޮންމެ ތަނެއްވެސް އޭނާއަށް ސިފަކޮށްދެނީ އޭނާގެ ޚިޔާލީ ގަނޑުވަރެވެ. ޝިޒާންއަށް އޭނާ ނުވެސް އެނގި އެވަނީ އޭނާގެ ހުވަފެނުގައި ކުލަ ޖައްސައިދީފައެވެ. މިންހާއަށް އިތުރަށް ރޮވޭ ގޮތްވިއެވެ. އެކަަމަކު މިއަދު އޭނާ އެހެން އެއްވެސް އެއްޗެއް ބޭނުމެއް ނޫނެވެ. އޭނާ ބޭނުންވަނީ ހަމަ އެކަނި ޝިޒާންއެވެ. ޝިޒާންގެ ލޯތްބެވެ. އެ އޯގާތެރިކަމެވެ. ޝިޒާން އޭނާ ދެކެވީ ކޮންފަދަ މަތިވެރި ލޯތްބެއްހެއްޔެވެ؟ އެހެންނަމަވެސް، އޭނާއަށް ޝިޒާން އަށް ދެވުނީ ހިތްދަތިކަން ނޫން ކޯންޗެއްހެއްޔެވެ؟ ރިހުން ނޫން ކޯންޗެއްހެއްޔެވެ؟ މިންހާއަށް ތުންފަތުގައި ދަތް އަޅައިލެވުނެވެ. ޝިޒާންއާ މެދު އެ ހިތުގައި އިޙްސާސްތަކެއް ވާކަށް އޭނާއަށް ފަހުމްވެއްޖެއެވެ. އަދި އެއީ ލޯބިކަންވެސް އެ ހިތަށް އިލްހާމުވެއްޖެއެވެ.
"މިންހާ!" ހުއްޓުން އަރާފައި މިންހާ ހުންނަން ފެށުމުން ރާމިޒާ އޭނާއަށް ދެފަހަރަކު ގޮވައިލިއެވެ.
"ޝިޒާން..." މިންހާއަށް ކިޔެނީ ޝީޒާންގެ ނަމެވެ.
"ޝިޒާން ބުނި މިންހާ އެދުނު ކަންތައް އެކޮޅަށް ގޮސްފައި ކޮށްދޭނެކަމަށް..." ރާމިޒާގެ އެ ވާހަކައާއެކު މިންހާއަށް ހިތާ ދިމާ މޭގައި އަތް އަޅައިލެވުނެވެ. އޭނާގެ މުޅި އެތެރެހަށިވެސް ހީވަނީ ފުނޑުފުނޑުވެދާނެހެންނެވެ. ހިތުގެ ތެޅުން ވަނީ އިންތިހާ ބާރުވެފައެވެ. ޝިޒާން ގެއްލިދާނެކަމުގެ ބިރު އެހިތުގައި ވަނީ ބޮޑުވެފައެވެ. ރާމިޒާއަށް ބަލައިލުމަށްފަހު، މިންހާ ފައިލް މޭޒުމަތީގައި ބާއްވާފައި ބޭރަށް ދުއްވައިގަތެވެ. އޭނާ ފޯނުން ޝިޒާންއަށް ގުޅަން މަސައްކަތްކުރި ނަމަވެސް ގުޅޭގޮތެއް ނުވެއެވެ. ރާމިޒާ އޭނާއަށް ގޮވައިލިނަމަވެސް، މިންހާ އެ އަޑަށް ސަމާލުކަމެއް ނުދިނެވެ. އޭނާ ދުވެފައި ނުކުތެވެ. މަގުމަތިން ދިޔަ ޓެކްސީއެއްހުއްޓުވާ އޭނާގެ މިސްރާބަކަށްވީ އެއާރޕޯޓަށް ދިޔުމެވެ. ޓެކްސީގައި އެ ހޭދަވި ވިއްސަކަށް މިނެޓްވެސް ބާރަށް ދުއްވުމަށް ޑްރައިވަރު ކައިރީގައި ބުނެވުނު އަދަދެއް މިންހާއަކަށް ނޭނގެއެވެ. ދަތުރު މަތީގައި ވެސް މިންހާއަށް ރޮވެމުން ދިޔައެވެ. އޭނާ ކަރުނަތައް ފުހެލިނަމަވެސް، އެއަށް ނިމުމެއް ނައެވެ.
އެއާޕޯޓަށް އާދެވުމާއެކު މިންހާ ޓެކްސީއިން ފޭބިއެވެ. އޭނާ ވަށައިގެން ބަލައިލިއެވެ. އެ އެންމެންގެ ތެރެއިން އޭނާ ޝިޒާން ހޯދާނީ ކިހިނެއްބާއޭ މިންހާގެ ހިތަށް އެރިއެވެ. އެތައް އިރަކު މިންހާ ޝިޒާން ހޯދިއެވެ. ގުޅި ނަމަވެސް ފޯނަށް ޖަވާބެއް ނުދެއެވެ. އެހެންނަމަވެސް، އޭނާއަށް ޝިޒާންއެއް ނުފެނުނެވެ. ޝިޒާން އަނެއްކާ ފުރީހެއްޔެވެ؟ ޝިޒާން އަބަދުގެ އަބަދަށް އޭނާއާ ވަކިވީހެއްޔެވެ؟ އެފަދަ ޚިޔާލުތަކުން މިންހާގެ ހިތްކުދި ކުދި ވަމުން ދިޔައެވެ. މުޅިތަން ބެލި ނަމަވެސް، މިންހާއަށް ޝިޒާންއެއް ނުފެނުނެވެ. އެންމެ ފަހުން ހުސްއަތާ އޭނާއަށް އަންނަން ޖެހުނީ ގެއަށެވެ.
(ނުނިމޭ)