15 Mar 2022, 23:19
މަރާމާތަށް ފަހު، ބޮޑެތި ބަދަލުތަކާއެކު އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓް މިރޭ ހުޅުވައިފިއެވެ.
ސުޕަމާޓުގައި މިރޭ އޮތް ހަފްލާއެއްގައި އެ ފިހާރަ ހުޅުއްވައިދެއްވީ ނާއިބު ރައީސް ފައިސަލް ނަސީމާއި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުޙައްމަދު ރަޝާދުގެ އިތުރުން ސުޕަމާޓުގެ ވިޔަފާރީގައި ބައިވެރިވާ ޕާޓްނަރުންނެވެ.
މިފަހަރު ސުޕަމާޓް ހުޅުވިއިރު، އެ ފިހާރައިން ކުރިން ވެސް ލިބެން ހުރި އުފެއްދުންތަކުގެ އިތުރުން، އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓު ފިހާރައާއި، ފާމަސީގެ އުފެއްދުންތައް ވެސް ލިބެން ހުރެއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުވުމަށްފަހު ނައިބު ރައީސް އެ ފިހާރަ ބައްލަވައިލައްވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
މީގެ އިތުރުން އަމިއްލަ ބައެއް ވިޔަފާރިތަކަށް ވެސް ވަނީ އެ ފިހާރަ މެދުވެރިކޮށް ޚިދުމަތް ދިނުމުގެ ފުރުސަތު ދީފައެވެ. މިގޮތުން ޚިދުމަތް ދޭ ވިޔަފާރިތަކަކީ:
ސިޓީ ބޭކަރީ
- ނޯޓް ކޮސްމެޓިކްސް
- ޕޮއިސް
- މެކްސްކޮމް
- މެރަތަން
- އަސްރަފީ ބުކްޝޮޕް
- ޕީކަބޫ
މި ވިޔަފާރިތަކުން ފާހަގަކުރަނީ މި ފުރުސަތަކީ އެ ފަރާތްތަކުގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް ލިބުނު ފުރުސަތެއް ކަމަށެވެ.
ސިޓީ އިންވެސްޓްމަންޓުގެ އޮޕަރޭޝަން މެނޭޖަރު ޢަބްދުﷲ ޒުބައިރު ވިދާޅުވީ މިއީ އެ ބޭކަރީގެ ޚިދުމަތް އަދިވެސް އިތުރު ފަރާތްތަކަށް ދިނުމަށް ހުޅުވާލެވުނު ފުރުސަތެއް ކަމަށެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
"އަޅުގަނޑުމެންގެ 200ވަރަކަށް ޕްރޮޑަކްޓްސް އެބަހުރި، އެ ހުރިހާ އެއްޗެއް ވެސް މިކޮޅުން ލިބޭނެ" އޭނާ ވިދާޅުވިއެވެ.
ނޯޓު ކޮސްމެޓިކްސްގެ ޗީފް މާކެޓިން އޮފިސަރު އިސްމާޢީލް އަޒްމީ ވިދާޅުވީ ގިނަ ވިޔަފާރިތަކަކާއި އެކު މިފަދަ ސުޕަމާޓެއް ހުޅުވުމަކީ ލިބުނު ތަރައްގީއެއް ކަމަށާއި، އެ ކަމަށް އެސްޓީއޯއަށް ޝުކުރުއަދާ ކުރާކަމަށެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
"މިބަލަނީ މިއީ މާލެއަށް ބަލައިފިނަމަ އެންމެ ރަނގަޅު ލޮކޭޝަން ކަމަށް ސާވްކުރަން، ރަށްރަށުން އަންނަ ފަރާތްތައް ވެސް މިތަނަށް ވަދެލާނެ އެހެންވީމަ އެފަރާތްތަކަށް ވެސް މި ޚިދުމަތް ލިބޭނެ" އަޒްމީ ވިދާޅުވިއެވެ.
ޕޮއިސްގެ މެނޭޖިން ޑިރެކްޓަރު އިލްޔާސް މުޙައްމަދު ވިދާޅުވީ މިއީ އަމިއްލަ ވިޔަފާރިތަކުގެ ކުރިއެރުމަށް އެސްޓީއޯއިން ހުޅުވާލި ބޭނުންތެރި ފުރުސަތެއް ކަމަށެވެ.
"ސަރުކާރުގެ ފަރާތުން މިކަހަލަ ސަޕޯޓެއް ލިބިގެން މިފަދަ ދަނޑިވަޅެއްގައި އަމިއްލަ ވިޔަފާރިތަކަށް ކުރިއެރުމެއް ލިބޭނީ،" އޭނާ ވިދާޅުވިއެވެ.
ބޮޑެތި މަރާމާތުތަކަކަށް ފަހު، ޕީޕަލްސް ޗޮއިސް ފިހާރަ އަލުން ހުޅުވިއިރު، އެ ފިހާރައިގެ ރޯދަ ސޭލް ވެސް ވަރަށް އަވަހަށް ފެށުމަށް ވަނީ ހަމަޖެހިފައެވެ.