15 Mar 2022, 23:07
ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ހިނގައިފާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް ގަވާއިދުން ބާއްވާ ފުލްސްކޭލް އިމަޖެންސީ އެކްސަސައިޒް މާދަމާ ހަވީރު ފަށާ ގޮތަށް ހަމަޖައްސައިފިއެވެ.
ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް)އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނި ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި، އެއާޕޯޓް އެމާޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޗެއާމަން، އިބްރާހީމް ޠާހާ ވިދާޅުވީ ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ އެ އެއެކްސަސައިޒް ބޭއްވުމަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ) އިން ލާޒިމު ކުރާ ހަރަކާތެއްކަމަށެވެ.
ވެލާނާ އިންޓަނެޝަލް އެއާޕޯޓު ހިންގުމާ ހަވާލުވެފައިވާ ކުންފުނީގެ ހައިސިއްޔަތުން އެމްއޭސީއެލްއިން އޭރޮޑްރޯމްގައި އެއާކްރާފްޓް އޮޕަރޭޓް ކުރުމުގައި އެމްސީއޭއޭ އަދި އައިކާއޯގެ މިންގަނޑުތަކާއި އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ހުރިކަން ކަށަވަރުކޮށް ދެނެގަތުން ލާޒިމުކުރާކަމެއް ކަމަށް ވެސް ތޯހާ ވިދާޅުވިއެވެ.
އެ ކުންފުނިން ބުނިގޮތުގައި އެއާޕޯޓް ފުލްސްކޭލް އިމަޖެންސީ އެކްސަސައިޒްގެ ބޭނުމަކީ ކުއްލި ނުރައްކަލުގެ ހާލަތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އިމަޖެންސީ ޕްލޭން އަދި ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖާސްކާ، މި ހަރަކާތުގައި ބައިވެރިވާ އެއާލައިންގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓްކުރުމެވެ.
އެމްއޭސީއެލްގެ ޑިޕާޓްމަންޓްތަކާއި، ސަރުކާރުގެ އެކި އިދާރާތަކާއި، ކަމާ ގުޅޭ އެހެން މުއައްސަސާތަކުގެ މެދުގައި ކޯޑިނޭޝަން އޮންނަ މިންވަރު ވެސް ވަޒަން ކުރެވޭނެ ކަމަށް ވެސް ޠާހާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތެއްގައި އެހީތެރިވާނެ އިދާރާތަކާއި ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ ކެޝުއަލްޓީ މެނޭޖްމެންޓް ކެޕޭސިޓީ އަމިއްލައަށް ވަޒަން ކޮށްލަން ލިބޭނެ ފުރުސަތަކަށް އެ ހަރަކާތް ވާނެ ކަމަށެވެ.
އެ އެކްސަސައިޒްގައި އެމްއޭސީއެލްގެ މީޑިއާ މެނޭޖްމެންޓާއި ފަޔަ އެންޑް ރެސްކިއު ސާވިސަސްގެ ހަރަކާތްތައް މިފަދަ ހަލަތަކަށް ތައްޔާރުވެފައިވާ މިންވަރު ވަޒަންކުރެވޭނެއެވެ.
އެއާޕޯޓްގެ އެކި ދާއިރާތަކުގެ އިތުރުން ސިއްހީ ޚިދުމަތްދޭ ތަންތަން ހިމެނޭގޮތުން 30 އިދާރާއަކުން ބައިވެރިވާ އެ އެކްސަސައިޒްގައި ހުރިހާ މުއައްސަސާތަކުގެ އިމަޖެންސީ ޕްލޭން ހަރަކާތްތެރި ކުރެވޭނެއެވެ.
"މި ހަރަކާތް ކުރިއަށް ގެންދިޔުމުގެ އެންމެފަހުގެ ތައްޔާރީތައް މިހާރު ނިމިފައިވާއިރު، މި ޙަރަކާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ވަނީ މައުލޫމާތު ދިނުމާއި ތަމްރީން ބައްދަލުވުންތައް ކުރިއަށް ގެންދެވިފައި،" ޠާހާ ވިދާޅުވިއެވެ.
އެމްއޭސީއެލް އިން ބުނީ ނެޝަނަލް ޑިޒާސްޓަ މެނޭޖްމެންޓް އޮތޯރިޓީއާ ގުޅިގެން ކުރިއަށްގެންދާ، ރާއްޖޭގެ އެވިއޭޝަން ދާއިރާގައި ބާއްވޭ އެންމެ ބޮޑު މި ހަރަކާތުގައި އެކި ދާއިރާތަކުން 400 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށެވެ.
މާދަމާ ފަށާ އެއާޕޯޓް ފުލްސްކޭލް އިމަޖެންސީ އެކްސަސައިޒްގެ ރަސްމީ އެއާލައިންގެ ގޮތުގައި އެމިރޭޓްސް އެއާލައިން ބައިވެރިވާނެއެވެ. އަދި ހަރަކާތް ކުރިއަށް ގެންދާއިރު އެމިރޭޓްސްގެ ސެފްޓީ އޮޕަރޭޝަން ޕްލޭން ހަރަކާތްތެރިކޮށް އެއާޕޯޓްގެ އެމަޖެންސީ ސާވިސަސްއާ އެކު ބައިވެވެރިވާނެ އެވެ. އަދި މިއީ ރާއްޖޭގައި ބާއްވާ މިފަދަ ހަކާތެއްގައި ބައިނަލްއަގުވާމީ އެއާލައިނަކުން ބައިވެރިވާ ފުރަތަމަ ފަހަރެވެ.