އެމްޑީޕީގެ ނައިބު ރައީސް އަލްހާން ފަހުމީ މިއަދު ދެއްކެވި ވާހަކަތަކަށް ޕީޕީއެމުން މަރުހަބާ ކިޔައިފި އެވެ.

ޕީޕިއެމް އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ނައިބު ރައީސް އުމަރު ނަސީރު ވިދާޅުވީ އެމްޑީޕީގެ ނައިބު ރައީސް އަލްހާން ފަހުމީ މިއަދު ދެއްކެވި ވަހާކަފުޅަކީ އެމްޑީޕީ އިން ގައުމު ހަމަނުޖެހުމުގެ ތެރެއަށް ވައްޓާލައި މަގުމަތީގައި ހިންގަމުންގެންދާ ހަރަކާތްތައް ހުއްޓާލުމަށް ބޭނުންވާ ކަމުގެ އިޝާރާތެއް ދެއްވުން ކަމަށާއި އެވާހަކަތަކީ މިގައުމު ހިއްހަމަޖެހޭ ފަދަ ވާހަކަތަކެއް ކަމަށެވެ.

"ޕީޕީއެމްގެ ނަމުގައި އަލްހާން ފަހުމީ އަށާއި އެމަނިކުފާނުގެ އަރިހުގައި އެ ފިކުރުގައި މަސައްކަތްކުރައްވާ ބޭބޭފުޅުންނަށް ވެސް މަރުހަބާ ދަންނަވަން،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ އެމްޑީޕީ އިން ގެންގުޅޭ މިލިޓަންޓު ގޮތް ދޫކުރުމަށް ފަހު ގައުމީ ހިދުމަތުގައި މަސައްކަތްކުރާ ޕާޓީއަކަށް ވުމަކީ ޕީޕީއެމުން އެދޭ އެދުމެއް ކަމަށާއި މި ގައުމުގެ މަސްލަހަތަށް މަސައްކަތްކުރާ ޕާޓީއެއް ކަމުގައި އެމްޑީޕީވުމަކީ ޕީޕިއެމުން އެދޭ އެދުމެއް ކަމަށެވެ.

"އަޅުގަނޑުމެން އުއްމީދުކުރަން އަލްހާން ފަހުމީ އާއި ޒުވާން ބޭބޭފުޅުން އެ ކުރައްވާ މަސައްކަތަށް މުހައްމަދު ނަޝީދު އެއްބާރުލުން ދެއްވައި ބައިވެރިވެ ވަޑައިގެންނަވާނެ ކަމަށް،" އުމަރު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާ މިއަދު ރައީސް އޮފީހުގައި ބައްދަލު ކުރެއްވުމަށް ފަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އަލްހާން ވިދާޅުވީ އަވަސް އިންތިހާބަކަށް ދިއުމުގެ މަގު ފެންނަން އޮތީ މަޖިލީހުގެ ތެރެއިން ގާނޫނު އަސާސީ އިސްލާހުކޮށްގެން ކަމަށެވެ. އަދި އަވަސް އިންތިހާބަކަށްދާ ނަމަ ސިޔާސީ ޕާޓީތަކުން ވެސް ގާނޫނު އަސާސީ އިސްލާހު ކުރުމަށް ބުނަމުންދާ އިރު، ރައީސް ވަހީދު ވެސް އެކަމަށް އެއްބަސްވެ ވަޑައިގަންނަވާ ކަމަށް އަލްހާން ވިދާޅުވި އެވެ.

އަލްހާން ވިދާޅުވީ ރައީސް ވަހީދު ހުންނެވީ "އިންތިހާބެއް ނުބާއްވަން ގަދަފައި ވިއްދައިގެން ނޫން" ކަމަށެވެ.
އޭނާ ވިދާޅުވީ މަޖިލިސް މިހާރު ހުއްޓުވާފައި ބޭއްވުމަކީ ގައުމަށް އެންމެ މަސްލަހަތު ހުރި ގޮތެއް ނޫން ކަމަށް އަމިއްލަފުޅަށް ގަބޫލުފުޅުކުރައްވާ ކަމަށާއި ނަމަވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އެކަމަށް ގޮތެއް ނިންމުން އޮންނާނީ އަންނަ އާދީއްތަ ދުވަހު ކަމަށެވެ.