15 Mar 2022, 23:47
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ދޮރު ވަނީ އާންމު ވިޔަފާރިތަކަށް ހުޅުވާލައިފައިކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުޙައްމަދު ރަޝާދު ވިދާޅުވެއްޖެއެވެ.
ބޮޑު މަރާމާތަކަށްފަހު އެސްޓީއޯ ޕީޕަލްސް ޗޮއިސް އަލުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އަމްރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ އާންމު ވިޔަފާރިތަކަށް ދޮރު ހުޅުވާލައި، އެ ވިޔަފާރިތަކަށް ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ.
"އެގޮތުން އަޅުގަނޑުމެން މިރޭ ޕީޕަލްސް ޗޮއިސް އަނެއްކާ ހުޅުވާއިރު، އަޅުގަނޑަށްލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އާންމު ވިޔަފާރިތަކެއް އަޅުގަނޑުމެނާ އެކީ މިރޭ ބައިވެރިވާކަން،" އޭނާ ވިދާޅުވިއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
މީގެ އިތުރުން މިރޭ އެސްޓީއޯގެ ޕީޕަލްސް ޗޮއިސް އަލުން ހުޅުވާއިރު ރާއްޖޭގެ މަޝްހޫރު ނުވަ ވިޔަފާރިއެއް ބައިވެރިވާނެކަމަށް އަމްރު ވިދާޅުވިއެވެ. އަދި އެސްޓީއޯއިން މަސައްކަތް ކުރަނީ ކުރިއަށް އޮތްތަނުގައި އިތުރު ވިޔަފާރިތައް މިކަމުގައި ބައިވެރިކުރުވަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުގެ އުންމީދަކީ އަޅުގަނޑުމެންނާ އެއްކޮށް ބައިވެރިވާ ވިޔަފާރިތައް އަދި އިތުރު ހަރުފަތަކަށް ގެންދިއުން. އަދި އިރާދަކުރެއްވިއްޔާ އިތުރު ފައިދާތަކެއް ކުންފުނިތަކަށް ލިބުން،" އަމްރު ވިދާޅުވިއެވެ.