ކަންކަން ކުރުމުގައި ރައްޔިތުންނަށް ލުއިވާނެގޮތަށް އަބަދުވެސް ވިސްނަންޖެހޭކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ބޮޑު މަރާމާތަކަށްފަހު އެސްޓީއޯ ޕީޕަލް ޗޮއިސް ހުޅުވުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަފުޅުދައްކަވަމުން ފައިސަލް ވިދާޅުވީ ސަރުކާރުން ހުރިހާ ކަމެއް ވެސް ބައްޓަން ކުރަނީ ރައްޔިތުންނަށް ލުއި ފަސޭހަވާނެގޮތަށް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ކޮވިޑް-19 ގެ އެންމެ ޙައްސާސީ ވަގުތުގައި އެސްޓީއޯއިން ޤައުމަށް ކޮށްދެއްވީ ޝުކުރު ހައްޤު މަސައްކަތެއް ކަމަށެވެ.

އެ އުންދަގޫ ދަނޑިވަޅުގައި ވެސް ދިވެހިރާއްޖޭގައި ދިރިއުޅޭ އެއްވެސް ރައްޔިތަކަށް އަސާސީ ޚިދުމަތެއް ލިބުމުގައި ބުރޫއެރިޔަ ނުދީ ހާލަތު ކޮންޓްރޯލް ކުރަން އެސްޓީއޯ ބުރަ މަސައްކަތެއް ކުރި ކަމަށް ފައިސަލް ވިދާޅުވިއެވެ.

"އޭގެ ތެރޭގައި އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ކަންތައްތައް ކަމުގައިވާ ބޭސް އަދި ތެޔޮ، ފިޔާ، ބިސް އަދި ކާޑުގެ ބާވަތްތައް ވަރަށް ބޮޑަށް ފޯރުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވި،" ނައިބު ރައީސް ވިދާޅުވިއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެމަނިކުފާނު ވިދާޅުވީ ގައުމެއްގެ އިޤްތިސާދު ރަނގަޅުކޮށް ކޮޅަށް ޖެހުމަށް އެންމެ މުހިންމު އެއްބަޔަކީ އަމިއްލަ ވިޔަފާރިކުރައް ކަމަށެވެ.

މިއަދު އެސްޓީއޯން އަމިއްލަ ވިޔަފާރިތަކާއެކު އެއްބަސްވެ އެ ވިޔަފާރިތައް ގޮވައިގެން ކުރާ މަސައްކަތަކީ ތައުރީފު ހައްޤު މަސައްކަތްތަކެއްކަމަށް ފައިސަލް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ވިޔަފާރީގެ ދާއިރާގައި އެންމެބޮޑަށް ވިސްނަން ޖެހޭނެ އެއްކަމަކީ އަމިއްލަ ވިޔަފާރިތައް ކުރިއަރުވައި އެ ވިޔަފާރިތައް ހަރުދަނާކުރުން ކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ކުރިއަށް އޮތް ރޯދަމަހާ ދިމާކޮށް ތަކެތީގެ އަގު އުފުލުނަ ނުދީ ރައްޔިތުން އަތްފޯރާ ފަށުގައި ތަކެތީގެ އަގު ހިފެހެޓުމަށް އެސްޓީއޯއަށް އިލްތިމާސްކުރައްވާފައެވެ.