ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލި 12 ކިލޯ މަސްތުވާތަކެތީގެ މަސްތުވާތަކެއްޗާއި އޭނައާ އެއްވެސް ގުޅުމެއް ނުވާކަމަށް ލަވަކިޔުންތެރިޔާ އަދި ފިލްމީތަރި ޙުސައިން ޞަބާހު ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ 12 ކިލޯ މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން މިއަދު ވަނީ ޖުމްލަ ތިން މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ. ނަމަވެސް އެ މީހުންގެ ތެރޭގައި ވެސް ޞަބާހު ހިމެނިފައެއް ނުވެއެވެ.

"ސަން"އަށް އެނގިފައިވާގޮތުގައި އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޞަބާހުއާ ވަނީ ސުވާލުކޮށްފައެވެ. ނަމަވެސް އޭނާ ހައްޔަރުކޮށްފައެއްނުވެއެވެ.

"އަޅުގަނޑުގެ ލޯންޗެއް ކުއްޔަށް ހިފަން އަޅުގަނޑު ދަންނަ ބަޔަކު ގުޅައިގެން ށ. އަތޮޅަށް ދަތުރެއް ކުރަން ބުނީމަ އެ ދަތުރުކޮށްދެވޭނެ ކަމަށް ބުނިން," ފޭސްބުކްގައި އާންމުކޮށްފައިވާ ވީޑިއޯއެއްގައި ޞަބާހު ބުނެފައިވެއެވެ.

އެ ދަތުރު ކޮށްފައިވަނީ ކޮން ރަށަކުން ކޮން ރަށަކަށް ކަން އެ ވީޑިއޯގައި ޞަބާހު ބުނެފައި ނުވި ނަމަވެސް ލޯންޗް ކުއްޔަށް ދޫކޮށްފައިވަނީ 46,800 ރުފިޔާއަށް ކަމަށް އޭނާ ވަނީ ބުނެފައިވެއެވެ. އެހާ ބޮޑު އަދަދެއް އަރަނީ އެއީ ލޯންޗު ކުއްޔަށް ދޫކުރާ އާންމު ރޭޓަށްވުމުން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ދަތުރު ފެށުމުގެ ކުރިން އެޑްވާންސްގެ ގޮތުގައި 20,000 ރުފިޔާ ދިން ކަމަށް ޞަބާހު ބުންޏެވެ.

ދަތުރަށް ފުރިފަހުން އެ ލޯންޗުގެ އިންޖީނު މައްސަލައެއް ދިމާވެގެން އޭނާއަށް އެންގި ކަމަށް ޞަބާހު ބުންޏެވެ. އަދި ހުޅުމާލެއަށް އެ ލޯންޗް ރޭ އަންނަ ކަމަށް ބުނުމުން ލަފާތަނަށް އޭނާ ދިއަކަމަށް ވެސް ބުންޏެވެ.

"އެތަނަށް ދިޔައިރު ފުލުހުން އެ ސަރަހައްދުގައި އުޅުނު. ދެން އެތަނުގައި ހުއްޓަ އައިސް ސުވާލު ކުރީ ސަބާގެ ލޯންޗެއްހޭ މިއީ. އަޅުގަނޑު ބުނިން އާ އެނކޭ. އަދި ވީގޮތް ވެސް ކިޔައިދިނިން," ޞަބާހު ބުންޏެވެ.

ހަތަރު ގަޑިއިރަށް ފުލުހުން އޭނާ ހިފެހެއްޓިކަން ފާހަގަކޮށް ޞަބާހު ބުނީ އޭނާ ގެންދިޔައީ މައުލޫމާތު ސާފުކުރަން ކަމަށާއި އެކަމާ އެއްވެސް ގުޅުމެއް އޮވެގެން ނޫން ކަމަށެވެ.

"އަޅުގަނޑު އޭގެތެރޭގައި ހިމެނޭކަމަށް އެއްވެސް ތުހުމަތެއް ކުރެވޭ ނަމަ އަޅުގަނޑު މިވަގުތު މިތަނުގައެއް ނޯންނާނެ," ޖޯއްޔެއްގައި އޮވެ ވާހަކަ ދައްކަމުން ޞަބާހު ބުންޏެވެ.