Last Updated: 1 decade 4 year ago
Last Updated:
1 decade 4 year ago
ފުލުހުންގެ އަނިޔާއާ ދެކޮޅަށް އަޑުއުފުލައި އެމްޑީޕީން ހިނގާލައިފި
ފުލުހުންނާ އާއްމުންނާ ދެމެދު ހިނގާފައިވާ އެކިއެކި ކުރިމަތިލުންތަކުގައި ވެފައިވާ އަނިޔާތައް ދައްކުވައިދޭ ފޮޓޯތަކާއި އަނިޔާއާ ދެކޮޅު ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން އަމީނީ މަގުން ހުޅަނގަށް ދިޔަ އިރު އެކަމާ ގުޅޭ ޝުއޫރުތަކުގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާ ޑ.ރ. މުހައްމަދު ވަހީދުގެ އިސްތިއުފާއަށް ވެސް ދިޔައީ ގޮވަމުންނެވެ.
" އިންތިހާބު އަވަސް ކުރޭ! އިންތިހާބު އަވަސް ކުރޭ!" މުޒާހަރާއިން އެންމެ ގިނައިން އިވުނީ މިއަޑެވެ. އަމީނީ މަގުން ގޮސް އައިޖީއެމް އެޗްގެ ފުރަގަހުން މަޖީދީމަގަށް މުޒާހަރާގެ ބައިވެރިން ނުކުތުމުން އިތުރު އެތައް ބަޔަކު މުޒާހަރާގައި ބައިވެރި ވިއެވެ.
ސުލްހަވެރިކަމާއެކު ހިނގާލާފައި ގޮސް މުޒާހަރާ ފެށި ތަނަށް ނިންމަން ކުރިން ހަމަޖެހިފައި ވީ ނަމަވެސް މަޣުރިބު ނަމާދުގެ ބަންގިއާއެކު މުޒާހަރާގެ ގާތްގަނޑަކަށް ހުރިހާ ބައިވެރިން ހެން މަޖީދީ މަގުގައި އިށީނެވެ. " އިންތިހާބު އަވަސްކުރޭ! އިންތިހާބު އަވަސް ކުރޭ!" އިށީނދެ ތިބި އިރުވެސް އެއް އަޑަކަށް އިވުނީ މިއަޑެވެ.
ހާލުހާލުން ބައެއް މީހުން މުޒާހަރާއާ ވަކިވެގެން އެތާ ދާދި ކައިރީގައި ހުރި މިސްކިތަށް ދިޔަ ނަމަވެސް، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރި މީހުން ފައިބައިގެން ދަންދެން ވެސް ގިނަމީހުން ތިބީ އިށީނދެ އެވެ. ގަލޮޅު ދަނޑުގެ އިރު އުތުރު ކަނާ ހިސާބުން ފެށިގެން ގޮސް އަލިކިލެގެފާނު މަގަށް ވުރެ ތަންކޮޅެއް ހުޅަނގާ ހަމަށް އިށީނދެ ތިބި މީހުން ފެތުރިފައި އޮތެވެ.
ގާތްގަނޑަކަށް ވިއްސަކަށް މިނެޓް އެގޮތަށް އިށީނދެ ތިބުމަށް ފަހު ތެދުވެގެން ކުރިއަށް ދިޔަ އިރު އެއް ގްރޫޕަކުން ދިޔައީ ޑަބިޔަލާ ކައްކާ ތެޔޮ ހުސްކުރި ހަން ފަދަ ތަކެތި ބޭނުންކޮށްގެން އެއް ރާގަކަށް ބެރު ޖަހަމުންނެވެ.
ރާޅުގަނޑު ސަރަހައްދަށް ގޮސް މުޒާހަރާ ނިންމާލުމަށް ފަހު ދިން ބައެއް އެނައުންސްމަންޓް ތަކުގެ ތެރޭގައި " ފަރިތަ ކުރުން ތަކަކަށް ހުރިހާ ޔުނިޓްތައް މާދަމާ ރޭ 8.00 ޖަހާއިރު މިސަރަހައްދަށް ފޯލް ވާން ވާނެ" ކަމަށް ބުނެ ދިން އެނައުންސްމަންޓެއް ހިމެނެއެވެ.
ނަމަވެސް ފަރިތަކުރަނީ ކޮން ކަމަކަށް ކަމެއް ނުބުނެއެވެ.
މުޒާހަރާ ނިންމާލުމުން މުޒާހަރާގެ ބައިވެރިންނަށް ޝުކުރު އަދާކުރައްވާ ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފު ވާހަކަފުޅު ދެއްކެވިއެވެ.
" ހޯމަ ދުވަހުން [ރައީސް] ވަހީދުއަށް އޮތީ ދެގޮތެއް، އެއީ އިންތިހާބެއްގެ ތާރީހެއް ދިނުން ނުވަތަ އަޅުގަނޑުމެން އޭނާ އެގޮނޑިން ބޭލުން" އަފީފު ވިދާޅުވި އެވެ.
ޣައިރު ގާނޫނީ އަމުރުތަކަށް ތަބާ ނުވުމަށް ވެސް ވާހަކަފުޅުގެ ތެރޭގައި އަފީފު ގޮވާލެއްވި އެވެ. މިއަދުގެ މުޒާހަރާގައި އެމްޑީޕީގެ ރައީސް ޑރ. އިބުރާހީމް ދީދީއާއި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުންނާއި އެމްޑީޕީ ސަރުކާރުގައި ވަޒީރުކަން ކުރެއްވި ބައެއް ބޭފުޅުން ބައިވެރިވަޑައިގަތެވެ.