15 Mar 2022, 18:29
ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފ. އަތޮޅުގެ ފިރިހެން ޑިވިޝަންގައި މިއަދު ހަވީރު ދަރަނބޫދޫއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީ (އެފްޑީއެސް) އިން އުންމީދު އައުކޮށްފިއެވެ.
މި މެޗު އެފްޑީއެސް އިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.
މިއަދުގެ މެޗަށް ނިކުތްއިރު ދެ ޓީމު ވެސް ވަނީ ފުރަތަމަ މެޗުން ބަލިވެފައެވެ. ދަރަނބޫދޫ ބަލިވެފައިވަނީ ބިލެއްދޫ އަތުންނެވެ. އަދި ވާދަވެރި ކުޅުމަކަށްފަހު އެފްޑީއެސް ބަލިވެފައިވަނީ މަގޫދޫ އަތުންނެވެ.
މެޗުގެ ފުރަތަމަ ސެޓު އެފްޑީއެސް އިން ކާމިޔާބުކޮށްފައިވަނީ 25-19 އިންނެވެ. މި ސެޓުގައި ލީޑުގައި އޮވެ ކުޅެމުން ދިޔައީ އެފްޑީއެސް އިންނެވެ. ދެ ވަނަ ސެޓު ވެސް ފަށައިގެން ލީޑުގައި އޮވެ ކުޅެމުން ދިޔައީ އެފްޑީއެސް އިންނެވެ. ފުަރަތަމަ ސެޓާ އެއް ގޮތަށް މި ސެޓުގައި ވެސް ރަނގަޅު ކުޅުމެއް ކުޅި އެފްޑީއެސް އިން ސެޓު ކާމިޔާބުކުރީ 25-16 އިންނެވެ.
އެފްޑީއެސް އިން ތިން ވަނަ ސެޓު ވެސް ފަށާފައިވަނީ ރަނގަޅު ރޫހެއްގައެވެ. ކުރީ ދެ ސެޓާ އެއް ގޮތަށް މި ސެޓުގައި ވެސް ލީޑުގައި އޮވެ ކުޅުނީ އެފްޑީއެސް އިންނެވެ. މި ސެޓު އެފްޑީއެސް އިން ކާމިޔާބުކުރީ 25-15 އިންނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެފްޑީއެސް ޓީމުގައި މޮޅު ކުޅުމެއް ދެއްކި އަޙުމަދު ޝާހުއެވެ.
މުބާރާތުގެ އަންހެން ޑިވިޝަންގައި މާދަމާ ހަވީރު މަގޫދޫ ނިކުންނާނީ ނިލަންދޫއާ ދެކޮޅަށެވެ. ފިރިހެން ޑިވިޝަންގައި މާދަމާ ރޭ ނިލަންދޫ ނިކުންނާނީ މަގޫދުއާ ދެކޮޅަށެވެ.