15 Mar 2022, 20:31
މޮސްކޯ (15 މާޗް 2022): ރަޝިއާގެ އަސްކަރީ އަމާޒަކީ ޔުކްރޭންގެ ބޮޑެތި ސިޓީތައް ކޮންޓްރޯލްގެ ދަށަށް ގެނައުންކަމަށާ ރަޝިއާގެ ލަޝްކަރުތައްވަނީ އެއަމާޒު ހާސިލް ކުރުމުގެ މަގުމަތީގައި ކަމަށް އެގައުމުން ބުނެފިއެވެ.
ރަޝިއާގެ ރިޔާސީ މަރުކަޒު ކްރެމްލިން ގެ ތަރުޖަމާން ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ ޔުކްރޭން ހަނގުރާމަ ކުރިޔަށްދަނީ ރަޝިއާގެ ޕްލޭންތަކާ އެއްގޮތަށްކަމަށާ އެޕްލޭންތައް ކާމިޔާބު ވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމުގައެވެ. ޕެސްކޯވް ވިދާޅުވީ ކިޔޭވް ނުހިފި ލަސްވާކަމަށް ރަޝިއާ ގަބޫލުނުކުރާ ކަމަށާ ރަޝިއާއިން ޔުކްރޭންގައި ހިންގާ އަސްކަރީ އެއްވެސް އޮޕރޭޝަނަކަށް ސީދާ ގޮތެއްގައި ހުރަސްއަޅަން އެމެރިކާއަށާ ނޭޓޯގެ ބާރުތަކަށް ނުކެރޭނެކަމުގައެވެ.
ރަޝިއާގެ ހަމަލާތަކުން ޔުކްރޭންގެ މަދަނީ ތަންތަނަށްވެސް ގެއްލުން ލިބުމަކީ އެކަށީގެންވާ ކަމެއްކަން ހަމަކުރައްވަމުން ޕެސްކޯވް ވިދާޅުވީ ރަޝިއާގެ އަސްކަރީ އޮޕަރޭޝަން ކުރިޔަށްގެންދަނީ އަދި ގެންދާނީވެސް އާންމުންނަށް ލިބޭ ގެއްލުންތައް އެންމެ ކުޑަވާނެގޮތްތަކަށް ރިއާޔަތް ކޮށްގެންކަމުގައެވެ.

ރަޝިއާގެ ކުރުރާސްތާގެ މިސައިލް އެއްކަމަށްވާ އިސްކަންދަރު މިސައިލް
ރަޝިއާގެ ހަމަލާތައް ޔުކްރޭންގެ އެކި ސިޓީތަކުގެ ސްކޫލްތަކާއި ހޮސްޕިޓަލްތަކާ އަދި އާންމުންގެ ގެދޮރަށް އަރާކަމަށާ އެ ހަމަލާތަކުގައި ގިނަ އަދަދެއްގެ އާންމުން މަރުވަމުންދާކަމަށް މުސްތަގިއްލު ރިޕޯޓްތައް ބުނެއެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާ އެއްކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލް އިންވެސްވަނީ ރަޝިއާގެ ހަމަލާތައް މަދަނީ ތަންތަނަށް އަރައި އާންމުންގެ އެތަށްބަޔަކު މަރުވަމުންދާކަން ބަޔާންކޮށް އެއީ ހަނގުރާމައިގެ ޖަރީމާއަށް ވުމަކީވެސް އެކަށީގެންވާ ކަމަށް ތުހުމަތުކޮށްފައެވެ.
ރަޝިއާ ބުނާގޮތުން އާންމުންނަށް ގެއްލުންތައް ލިބެނީ އާންމުންގެ ގެދޮރާއި ހޮސްޕިޓަލްތަކާ އަދި ސްކޫލްތައްފަދަ މަދަނީ ތަންތަނުގައި ތިބެގެން ޔުކްރޭން ސިފައިން ހަމަލާތައް ދެމުން ގެންދާތީއެވެ. ނަމަވެސް ޔުކްރޭނުން މިކަން ދޮގުކުރެއެވެ. ރަޝިއާ ސިފައިން ކިޔޭވް އަށް ނުވަދެ ލަސްވަނީވެސް އާންމުންގެ ފުރާނައަށް ބަލާތީ ކަމަށް ރަޝިއާ ބުނެއެވެ. ނަމަވެސް ޔުކްރޭން ބުނާގޮތުން ރަޝިއާ ސިފައިންނަށް ކިޔޭވްއަކަށް ނޭރޭނެއެވެ. އަދި ޔުކްރޭންގެ އަތްދަށުން ރަޝިއާ ބަލިވާނެއެވެ.
ތަޖްރިބާކާރުން ވިދާޅުވާގޮތުގައި ރަޝިއާ ސިފައިންނަށް ކިޔޭވް އަށް ނޭރިގެން އަދި އުޅެނީ ޔުކްރޭންގެ ސިފައިންނާއި ހަތިޔާރުއެޅި އާންމުން ގެ ރައްދު ހަމަލާތައް ވަރުގަދަވުމާއެކު ރަޝިއާގެ ލަޝްކަރުތަކަށް ބޭނުންވާ ލޮޖިސްޓިކް ސަޕްލައި ބަލިކަށި ކަމުންނެވެ. މީގެއިތުރުން އެތަށް ސަތޭކަ ކިލޯމީޓަރެއްގެ ދުރުމިންހުރި ޔުކްރޭންގެ އެކި ސިޓީތައް އެއްވަގުތަކު ހިފަން މަސައްކަތްކުރާއިރު އެހާ ބޮޑު ސަރަހައްދެއް ކޮންޓްރޯލް ކުރަންބޭނުންވާ ވަރަށް ރަޝިއާގެ ލަޝްކަރުތަކުގައި ސިފައިން މަދުވުމަކީވެސް އެސިޓީތައް ހިފުމުގައި ރަޝިއާއަށް ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ.
ނަމަވެސް އަސްކަރީ ބާރުވެރިކަމުގެ ތިލަފަތުގައި ރަޝިއާ އަޅާބަލާއިރު ޔުކްރޭން އެތަށް ގުނައެއް ބަލިކަށިވެފައި ރަޝިއާގެ ހަމަލާތަކުގައި ޔުކްރޭންގެ އަސްކަރީ އިންފްރާސްޓްރަކްޗަރ ގެ ބޮޑުބައި ހަލާކުކޮށްލާފައިވާތީ ދިގުމުއްދަތަކަށް ރަޝިއާ ކުރިމަތީގައި ޔުކްރޭންގެ ލަޝްކަރުތަކަށް ހިފަހައްޓައެއް ނުލެވޭނެއެވެ. ރަޝިއާ ސިފައިން ޔުކްރޭންގެ އިރުމައްޗާއި ދެކުނުގެ ބައެއް ސިޓީތަކަށް ވަދެގެންފައިވާއިރު ވެރިރަށް ކިޔޭވްވެެސް ދަނީ ވަށާލަމުންނެވެ. އަދި ރަޝިއާގެ ބާރުގަދަ މިސައިލް ހަމަލާތަކުގައި ޔުކްރޭން ފުނޑުފުނޑުވަމުން ދަނީ އާދަޔާ ޚިލާފު ބާރު މިނެއްގައެވެ.

ރަޝިއާގެ ހަމަލާތަކުގައި ކިޔޭވް ފުނޑުފުނޑުވަނީ
ނޭޓޯގެ ހަތިޔާރު ލިބުން މަހްރޫމް ވެއްޖެނަމަ ކުއްލި ގޮތަކަށް ޔުކްރޭންގެ ލަޝްކަރުތައް ރޫޅިގެން ދާނެކަމަށް ފަރަންސޭސި ސިފައިންގެ ވެރިޔާ ވަނީ ވިދާޅުވެފައެވެ. ރަޝިއާ ބުނާގޮތުން ޔުކްރޭން 4 ހާހަށްވުރެ ގިނަ އަސްކަރީ މަރުކަޒުތައްވަނީ ހަލާކުކޮށްލާފައެވެ. އަދި ޔުކްރޭން ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލް މަރުކަޒުތަކުގެ ގިނަ ތަންތަން ހަލާކުކޮށްލެވުމުން ޔުކްރޭން ސިފައިންގެ ލަޝްކަރު ވިއްސިވިހާލި ކޮށްލެވިފައިވާ ކަމަށްވެސް ރަޝިއާ ބުނެއެވެ. ނަމަވެސް ރަޝިއާ ލަފާކުރި ވަރަށްވުރެ ބޮޑަށް ޔުކްރޭންގެ ދިފާއީ ހަމަލާތައް ވަރުގަދަ ކަމަށް ތަޖްރިބާކާރުން ދެކެއެވެ.
ޕޮލެންޑް ފަދަ ގައުމުތަކުގެ ސަރަހައްދީ ރޮނގު ހުރަސްކޮށް އެމެރިކާއާއި ނޭޓޯގެ އެހެން ބާރުތަކުން ޔުކްރޭނަށް ގިނައަދަދަކަށް ހަތިޔާރު އެތެރެކުރުމަކީވެސް ރަޝިއާއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. މިކަން ހުއްޓުވުމަށްޓަކައި ރަޝިއާ މިހާރު ވަނީ ސަރަހައްދީ ރޮނގު ހުރަސްކޮށް އެމެރިކާއާއި ނޭޓޯގެ އެހެން ބާރުތަކުން ޔުކްރޭނަށް ވައްދާ ހަތިޔާރުގެ ގާފިލާތަކަށް ހަމަލާތައް ވަރުގަދަ ހަމަލާތަކެއް ދޭންފަށާފައެވެ.
ރަޝިއާ ސިފައިން އިއްޔެވަނި ޔުކްރޭނާއި ޕޮލެންޑްގެ ސަރަހައްދީ ރޮނގުގައި މިފަދަ ހަތިޔާރުތައް ގުދަން ކުރުމަށާއި ޔުކްރޭން ހަނގުރާމައަށް ނޭޓޯގެ ގައުމުތަކުން އަންނަ ވޮލަންޓިއަރ ހަނގުރާމަވެރިން ވަގުތީގޮތުން ތިބުމަށް ބޭނުންކުރާ މަރުކަޒަކަށް ބާރުގަދަ މިސައިލް ހަމަލާތަކެއްދީ އެމަރުކަޒު ބިމާ ހަމަކޮށްލާފައެވެ. ރަޝިއާ މި ހަމަލާތަކުގައި ޔޫރަޕްގެ ވޮލަންޓިއާ ހަނގުރާމަވެރިންގެ 130 އަށްވެރެ ގިނަ މީހުން މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
ޕޮލެންޑް ގެ ސަރަހައްދީ ރޮނގު ހުރަސްކޮށް އެމެރިކާއާއި ނޭޓޯއިން ޔުކްރޭނަށް ފޮނުވާ ހަތިޔާރުގެ ޝިޕްމަންޓްތައް ދަތުރުކުރަނީ ލޮރީ ފަދަ މަޑުން ދުވާ ވެހިކަލްތަކުގައެވެ. މިތަކެއްޗަކީ މަޑުން ދަތުރުކުރާ އުޅަނދުތަކަށް ވުމަކީ ވައިގެ މަގުންނާ އަދި މިސައިލާއި ރޮކެޓުން މިތަކެއްޗަށް ހަމަލާދޭން ރަޝިއާއަށް ފަސޭހަވާ ސަބަބެއް ކަމަށްވެއެވެ.
ރަޝިއާ ސިފައިން ކިޔޭވް ވަށާލި ނަމަވެސް އެސިޓީއަށް ރަޝިއާ ސިފައިން ވަދެގަންނާނީ ސަރަހައްދީ ރޮނގު ހުރަސްކޮށް ޔުކްރޭނަށް ވައްދާ ނޭޓޯގެ ހަތިޔާރުގެ ޝިޕްމަންޓްތަކަށް ހުރަސްއެޅުމުގެ ފުރިހަމަ ގާބިލްކަން ހޯދުމަށްފަހުގައި ކަމަށާ ހަތިޔާރުތައް ވައްދާ މަގުތަކާއި ރޫޓުތައް ޖާސޫސީ ސެޓަލައިޓްތަކުގެ އެހީގައި ރަޝިއާ މިހާރު ދެނެގަނެ މިހަފްތާއިން ފެށިގެން ރަޝިއާގެ އެޝިޕްމަންޓްތަކަށް ހަމަލާތައް ދެމުންގެންދާކަމަށް ރިޕޯޓްތައް ބުނެއެވެ.
ހަތިޔާރުގެ ޝިޕްމަންޓްތަކާއި ހަތިޔާރުގެ ސަޕްލައި ޗެއިންއަށް ރަޝިއާ ދޭންފެށި މި ހަމަލާތަކާބެހޭގޮތުން ޔުކްރޭންވެސް އަދި ނޭޓޯވެސް މާބޮޑަކަށް ވާހަކައެއް ނުދައްކައެވެ.