ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ހުށަހެޅުމެއް އދގެ ތިމާވެއްޓާއި ބެހޭ އެސެމްބްލީގައި އިއްވައިފިއެވެ.

އެމްއެންޔޫއިން ބުނީ މި ހުށަހެޅުމުގައި އަލި އަޅުވައިލީ އެމެރިކާގެ ޑިއުކް ޔުނިވާސިޓީއާއި ގުޅިގެން އެ ޔުނިވާސިޓީއިން ހިންގި އެއާ ކޮލިޓީ މޮނިޓަރިން ޕްރޮޖެކްޓެއްގެ މައްޗަށް ކަމަށެވެ.އެއީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޑުން ފަންޑުކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެކެވެ.

ރާއްޖޭގެ އެއާ ކޮލިޓީ މޮނިޓަރިންގެ ހާލަތު މިހާރު އޮތް ވަރާއި އަދި މިހާރު އެކަން ވަރުގަދަކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ވެސް ވަނީ މި ހުށަހެޅުމުގައި ތަފްސީލުކޮށްދީފައިވެއެވެ.

މީގެ އިތުރުން، ސާކް ސަރަހައްދުގެ ގައުމުތަކުގައި ސްޓޭޓް ޑިޕާޓްމަންޓުން ހިންގާ މީހުން ބިނާކުރުމުގެ ޕްރޮގުރާމްތަކާ ބެހޭ މައުލޫމާތު ވެސް މި ހުށަހެޅުމުގައި ވަނީ ދެވިފައެވެ.

މި ހުށަހެޅުން ކުރިއަށް ގެންދެވީ އެމްއެންޔޫގެ ފެކަލްޓީ އޮފް އިންޖިނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީގެ ލެކްޗަރާ ނޫރާ ޚަލީލެވެ.

އދގެ ތިމާވެއްޓާބެހޭ އެސެމްބްލީގެ މިއަހަރުގެ ސެޝަން ކުރިއަށް ދަނީ "ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ގުދުރަތީ ހަރަކާތްތައް ވަރުގަދަކުރުން" މި ތީމުގެ ދަށުންނެވެ.