ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ހުރި ތަކެތީގެ ތެރެއިން ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.

މިތަކެތި ނައްތައިލާފައިވަނީ މި މަހުގެ 14 ވަނަ ދުވަހު ވިލިނގިލި ޕޮލިސް ސްޓޭޝަނުގައެވެ.

ފުލުހުން ނައްތާލާފައިވަނީ 246 ފުޅި ބަނގުރަލާއި 106 ދަޅު ބިޔަރެވެ.

ފުލުހުން ބުނީ އެ ތަކެއްޗަކީ މިދިޔަ އަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހުން ފަށައިގެން މި އަހަރުގެ ފެބްރުއަރީ ހަތް ވަނަ ދުވަހާ ހަމައަށް ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ނެގުމަށްފަހު، އެމްއެންޑީއެފް އިން ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވާނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށް ޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.