15 Mar 2022, 14:49
ވޮޝިންޓަން (15 މާޗް 2022) : އެމެރިކާގެ ޒަމާންވީ އަރަބި ރަހްމަތްތެރިން ކަމަށްވާ ސައޫދީ އަރަބިއާއާއި ޔޫއޭއީގެ ސިޔާސަތަށް ޔުކްރޭން ހަނގުރާމައިގެ ސަބަބުން ބޮޑެތި ބަދަލުތަކެއް އަންނަތަން އެމެރިކާގެ މަސްއޫލުވެރިން ކަންބޮޑުވުމާއެކު ފާހަގަ ކުރައްވާކަމަށާ ސައޫދީން ޗައިނާގެ ރައީސަށް ދިން ކުއްލި ދައުވަތަކީ ވެސް އެމެރިކާގެ ކަންބޮޑުވުމެއް ކަމަށް އެމެރިކާގެ މަޝްހޫރު ނޫހެއްކަމަށްވާ "ވޯލްސްޓްރީޓް ޖޯނަލް" ބުނެފިއެވެ.
އެ ނޫސް ބުނާގޮތުން އެމެރިކާ ކަންބޮޑު ވަނީ ދާދިފަހުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާނަށް ކުރެއްވި ފޯނަށް ޖަވާބު ދެއްވުމަށް ދެކޮޅު ހެއްދެވުމަށްފަހު ސައޫދީ ރަސްގެފާނުގެ ކުއްލިގޮތަކަށް ޗައިނާގެ ރައީސަށް ރަސްމީ ދައުވަތެއް ދެއްވުމުންނެވެ.
ޗައިނާގެ ރައީސް ޝީޖިންޕިން ސައޫދީ އަށް ވަޑައިގަންވާނީ ރޯދަމަހުގެ ފަހުން ކަމަށްވެއެވެ. ޗައިނާގެ ރައީސް ޝީ އަށް މަރުހަބާ ދެންނެވުމަށް ސައޫދީ ތައްޔާރުވަނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދެންނެވި ފަދަ ހޫނު މަރުހަބާއަކަށް ކަަމަށާ މިއީ އާންމުގޮތެއްގައި ގައުމުތަކުގެ ރައީސުންނަށް ސައޫދީން ކިޔާ މަރުހަބާއަށް ވުރެ ހޫނު އަދި ކުލަގަދަ މަރުހަބާ އެއްކަމަށް ނަންހާމަކުރަން ނޭދޭ އެމެރިކާގެ މަސްދަރުތަކާ ހަވާލާދީ "ވޯލްސްޓްރީޓް ޖޯނަލް" ބުނެއެވެ.

ބިން ސަލްމާން، ޗައިނާގެ ރައީސް އާއެކު
ޔުކްރޭން ހަނގުރާމައަކީ ޔުކްރޭން ފަދަ މިނިވަން މުސްތަގިއްލު ގައުމަކާ ދެކޮޅަށް ރަޝިއާ އިސްވެ ފެށި އުދުވާނީ ހަނގުރާމައެއް ކަމަށް ވިޔަސް ރަޝިއާގެ މިއަމަލު ކުށްވެރި ކުރުމަށް ސައޫދީއެކޭ އެއްގޮތަށް އަރަބި ގިނަ ގައުމުތައް ވަނީ ފަސްޖެހިފައެވެ.
އަދި ޔުކްރޭން ހަނގުރާމައަށްފަހު އެމެރިކާގެ ރައީސް ޖޯ ބައިޑެން ކުރެއްވި ފޯނުތަކަށް ޖަވާބު ދެއްވަން ދެކޮޅު ހެއްދެވުމަށްފަހު ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން ދެފަހަރެއްގެ މަތިން ރަޝިއާގެ ރައީސް ވްލަޑީމީރު ޕޫޓިންނާ ފޯނުން ގުޅުއްވި ކަމަށް ރިޕޯޓްތައް ބުނެއެވެ. ސައޫދީ ފަދައިން އެމެރިކާއާ ގާތްގުޅުމެއް ބާއްވާ ގަލްފުގެ އަރަބި އެެހެން ގައުމެއް ކަމަށްވާ ޔުނައިޓެޑް އަރަބް އިމަރޭޓްސް(ޔޫއޭއީ) އިންވެސް ޔުކްރޭން ހަނގުރާމައަށް ފަހު އެމެރިކާގެ ރައީސް ޖޯ ބައިޑެން އާ މެދު ވަނީ މިފަދަ އިހާނާތްތެރި ގޮތަކަށް މުއާމަލާތް ކުރައްވާފައެވެ.
ޔޫއޭއީގެ ބާރުގަދަ ވެރިޔާ ކަމަށްވާ ވަލީއުލްއަހްދު މުހައްމަދު ބިން ޒާޔިދު ވެސް އެމެރިކާގެ ރައީސް ޖޯ ބައިޑެން ކުރެއްވި ފޯނުތަކަށް ޖަވާބު ދެއްވަން ދެކޮޅު ހެއްދެވުމަށްފަހު ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިންއާ ފޯނުން ގުޅުއްވާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޔޫއޭއީ ދާދި ފަހުން ވަނީ އެމެރިކާއިން ގަންނަން ނިންމާފައިވާ ފައިޓަރ ޖެޓްގެ ބަދަލުގައި ޗައިނާގެ ފައިޓާ ޖެޓް ގަތުމަށްވެސް ނިންމާފައެވެ.
މީގެ އިތުރުން ސައޫދީއާއި ޔޫއޭއީ ވަނީ ޔުކްރޭން ހަނގުރާމައާއެކު ތެލުގެ އަގު މަތިވުމުން އެކަން ކޮންޓްރޯލް ކުރުމަށްޓަކައި އޯޕެކް ޕްލަސްއިން ބޭރުން އިތުރު ތެޔޮ ބާޒާރަށް ނެރުމަށް އެމެރިކާ އެދުނު އެދުންތަކަށް އިޖާބަ ދިނުމަށް ވެސް ފަސްޖެހިފައެވެ. ޔޫއޭއީ މިކަމަށް އިޖާބަދޭނެ ކަމަށް ކުރިން ބުނި ނަމަވެސް އޯޕެކް ޕްލަސް އިން ބޭރުން އިތުރު ތެޔޮ ބާޒާރަށް ނެރެވެން ނެތްކަން ފަހުން އެ ގައުމުން ވަނީ ހާމަކޮށްފައެވެ. މިއީ އެމެރިކާއަށް ސިހުން ލިބިގެންދިޔަ ކަމެއްކަމަށް މުރާސިލުން ބުނެއެވެ.
ރަޝިއާ މައިތިރި ކުރުމަށް އދ.ގެ ނިޒާމުގެ ތެރޭން އެމެރިކާ މުޅިން ނުކުޅެދިފައިވާއިރު އެމެރިކާއާއި އެމެރިކާގެ ޔޫރަޕްގެ ބައިވެރިންނަށް ކުރެވޭ ހަަމައެކަނި ކަމަކީ ރަޝިއާއާ ދެކޮޅަށް ފާޑުފާޑުގެ ފިޔަވަޅުތައް އެޅުމެވެ. ނަމަވެސް ރަޝިއާގެ ހަނގުރާމައިގެ އާލާތްތައް ހުއްޓުވުމުގައި މިއިން އެއްވެސް ފިޔަވަޅެއްގެ މާ ބޮޑު ބާރެއްނެތެވެ.
އަނެއްކޮޅުން ރަޝިއާގެ މަސްއޫލުވެރިން ވަނީ ހުޅަނގުގެ ފިޔަވަޅުތަކާމެދު ރަޝިއާ "ޑަރުވެސް" ހީނުވާ ކަމަށް ވިދާޅުވެ ބަޔާންތައް ދެއްވާފައެވެ. ހުޅަނގުގެ ފިޔަވަޅުތަކުގެ ނޭދެވޭ އަސަރު ކޮންމެވެސް ވަރަކަށް ރަޝިއާއަށް ކުރިނަމަވެސް މިފިޔަވަޅުތަކަށް ދުނިޔޭގެ އެހެން ގައުމުތަކުގެ އެއްބާރުލުން ނުލިބޭތީ މިކަމުގެ އަސަރު ކައިރި މުސްތަގްބަލެއްގައި ރަޝިއާއަށް ކުރާނެކަމަށް ތަޖްރިބާކާރުން ދެކެވަޑައިނުގަންނަވައެވެ.
އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުސްތަޝާރު ޖޭކް ސްލީވަން އިއްޔެ ވަނީ ޗައިނާގެ ގައުމީ ސަލާމަތާބެހޭ ވެރިޔާ ޔާންގް ޖެއިޝީއާ ރޯމްގައި ބައްދަލުކުރައްވައި ހުޅަނގުން ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ބާރު ކެނޑޭ ފަދަ އެހީތަކެއް ރަޝިއާއަށް ނުދިނުމަށް ޗައިނާއަށް އިންޒާރު ކުރައްވާފައެވެ.
ނަމަވެސް ޗައިނާ އޮތީ އެމެރިކާގެ މިފަދަ އިންޒާރުތަކަށް ބޯލަނބާ ގޮތަށް ނޫންކަމާއި ޗައިނާ އޮތީ އަސްކަރީ ގޮތުންނާއި މާލީ ގޮތުން ރަޝިޔާއަށް އެހީތެރިވާ ގޮތަށް ކަމަށް، ބެއިޖިންގައި ތިއްބަވާ އެމެރިކާއާއި ޔޫރަޕްގެ ޑިޕްލޮމޭޓުންނާ ހަވާލާދީ ސީއެންއެން ބުނެފައިވެއެވެ.