ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންގެ އާއިލާއަށް ހެލްތް އިންޝުއަރެންސް ދޭން ހުށަހެޅި އިސްލާހު ފާސް ނުކުރަން މަޖިލީހުން މިއަދު ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގޮތެއް ކަނޑައަޅައި ދިނުމަށް އެދި ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ކުރީގެ މެންބަރުންގެ އަނބިމީހާއާއި ފިރިމީހާގެ އިތުރުން އުމުރުން 18 އަހަރު ނުފުރޭ ދަރީންނަށް އެ މެންބަރުން އަމިއްލައަށް ޕްރިމިއަމް ދައްކައިގެން ހެލްތު އިންޝުއަރެންސް ސްކީމުގައި ބައިވެރިކޮށްދިނުމަށް އެދިއެވެ.

ހެލްތް އިންޝުއަރަންސް ސްކީމްގައި ބައިވެރިކޮށްދިނުމަށް އެދި ފޮނުވާފައިވާ މައްސަލަ ދިރާސާކޮށް ނިންމުމަށްފަހު އާއްމު ކޮމެޓީން އެކުލަވައިލި ރިޕޯޓް މަޖިލީހަށް އިއްވީ އާންމު ކޮމިޓީގެ މުޤައްރިރު ކަން ކުރައްވާ، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

މަޖިލީހުގެ ކުރީގެ މެމްބަރުކަން ކޮށްފައިވާ ބައެއް މެންބަރުންގެ އާއިލާތަކަށް ހެލްތް އިންޝުއަރެންސް ހަމަޖައްސައިދޭން ނުފެންނަކަމަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤެވެ.

މި މައްސަލައާ ގުޅޭގޮތުން މަޖިލީހުގެ ތަޅުމުގައި ވާހަކަ ދެއްކެވި ގިނަ މެންބަރުން ވަނީ ކުރީގެ މެމްބަރުންގެ އާއިލާތަކަށް ހެލްތް އިންޝުއަރެންސް ހަމަޖައްސައި ދިނުމާ ދެކޮޅު ހައްދަވާފައެވެ.

މިއަދު ޖަލްސާގައި އެފަދަ ސްކީމެއް ހަމަޖެއްސުމާއި ދެކޮޅަށް 26 މެންބަރުން ވޯޓު ދެއްވިއިރު، އިންޝުއަރެންސް ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ދެ މެންބަރުންނެވެ.