15 Mar 2012, 17:13
ކުއާލަލަންޕޫރު (މާޗް 15) : އިސްރާއީލާއެކު އެއްވެސް ބާވަތެއްގެ ޑިޕްލޮމެޓިކް ގުޅުމެއް ޤާއިމްނުކުރާނެކަން މެލޭޝިޔާއިން ހާމަކޮށްފިއެވެ.
މެލޭޝިޔާގެ ޕާލަމެންޓްގައި ވާހަކަ ދައްކަވަމުން ޚާރިޖީވަޒީރު ދާތޫސެރީ ޙަނީފާ އަމާން ވިދާޅުވީ އިސްރާއީލަކީ ފަލަސްތީނުގެ ބިންތައް އިސްތިޢްމާރީގޮތުން ހިފައި ފަލަސްތީނު ރައްޔިތުން އަޅުވެތިކޮށް އެމީހުންގެ އިންސާނީ ޙައްޤުތަކަށް އަރައިގަންނަމުންދާ ޤައުމެއް ކަމުގައެވެ.
މީގެއިތުރުން އިސްރާއީލަކީ މުސްލިމުންގެ ތިންވަނަ ޙަރަމްފުޅު ކަމަށްވާ މާތްވެގެންވާ މަސްޖިދުލްއަޤްސާ ހިފައި އެމިސްކިތުގެ ޙުރްމަތްކަނޑައި އެތަނުގައި އަޅުކަންކުރުމަށް ހުރަސްއަޅައި އިސްލާމްދީނަށާއި މުސްލިމުންނާ ދެކޮޅަށް ފާޅުގައި ހަނގުރާމަކުރަމުން ގެންދާ ޢުދުވާނީ ޤައުމަކަށްވެސްވާތީ އެހެންޤައުމުތަކާ ޚިލާފަށް އިސްރާއީލަކީ ފާޅުކަންބޮޑުގޮތެއްގައި މުސްލިމުންނާ ޢަދާވަތްތެރިކަން ގެންގުޅޭ ދުޝްމަން ޤައުމެއް ކަމަށްވެސް މެލޭޝިޔާގެ ޚާރިޖީ ވަޒީރު ސިފަކުރެއްވިއެވެ.
ދާދިފަހުން އިސްރާއީލުން ޣައްޒާއަށް ޙަމާލާދީ ފަލަސްތީނުގެ 26 މީހަކު އެއްވެސް ޙައްޤަކާނުލާ ޝަހީދުކޮށްލި ޖަރީމާވެސް ޙަނީފާ ކުށްވެރިކުރެއްވިއެވެ. އަދި ހިފާފައިވާ ފަލަސްތީނުގެ ބިންތައް ދާއިމީ ގޮތަކަށް އަތްދަށުލުމަށްޓަކައި ދުނިޔޭގެ ކަންކޮޅުތަކުން ޔަހޫދީން ގެނަސް އެބިންތަކުގައި ވަޒަންވެރިކުރުވުމަށް އިސްރާއީލުން ހިންގާ ޣައިރުޤާނޫނީ ޙަރަކާތްތައްވެސް ޙަނީފާ ކުށްވެރިކުރެއްވިއެވެ.
އިސްރާއީލާއެކު އާދައިގެ ގުޅުންތައް މެލޭޝިޔާއިން އުފައްދާނީ ކޮންއިރަކުތޯ މެލޭޝިޔާގެ ޕާލަމެންޓް މެންބަރަކު ކުރެއްވި ސުވާލުގެ ޖަވާބުގައި ޙަނީފާ ވިދާޅުވީ އިސްރާއީލާއެކު އެއްވެސް ބާވަތެއްގެ ގުޅުމެއް މެލޭޝިޔާއިން ޤާއިމްކުރާނީ ހިފާފައިވާ ފަލަސްތީނުގެ ބިންތައްކަމަށްވާ ހުޅަނގު އައްސޭރިއާއި ޣައްޒާއިން ފޭބުމަށާއި އެބިންތަކުގައި ޔަހޫދީ އާބާދީތައް ބިނާކުރުން ހުއްޓާލުމަށް ގޮވާލާ އދ. ގެ ޤަރާރުތައް އިސްރާއީލުން ތަންފީޒުކުރުމުން ކަމުގައެވެ. އަދި ވަޒަނުން ބޭރުކޮށްލާފައިވާ ފަލަސްތީނުގެ ރައްޔިތުން އެނބުރި ވަޒަނަށް ރުޖޫޢަކުރުމުގެ ޙައްޤުދިނުމަށް އިސްރާއީލުން އެއްބަސްވުމަކީވެސް އިސްރާއީލާ ގުޅުންތައް އުފެއްދުމުގެ ޝަރުތެއް ކަމަށް ޙަނީފާ ވިދާޅުވިއެވެ.
އިސްރާއީލަކީ ބައިނަލްއަޤްވާމީ ޤާނޫނަށް ބޯނުލަނބާ އަދި އދ. އަށް ނުކިޔަމަންތެރި ޤައުމެއް ކަމަށާ ބައިނަލްއަޤްވާމީ ދުނިޔޭގައި އިސްރާއީލަށް ކުރިމަތިވެފައިވާ އެކަހެރިކަން ނިމުމަކަށް ގެނެވޭނީ ބައިނަލްއަޤްވާމީ ޤާނޫނަށާއި އދ. ގެ ޤަރާރުތަކަށް އިސްރާއީލު ބޯލަނބައިގެން ކަމަށްވެސް މެލޭޝިޔާގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
އިސްރާއީލާ ގުޅުންތައް އުފެއްދުމާބެހޭގޮތުން އިސްލާމީ ޤައުމުތަކުގެ ޖަމްޢިއްޔާ އިން އިސްލާމީ ޤައުމުތަކަށް އިލްތިމާސްކޮށްފައިވަނީ ފަލަސްތީނުގެ ހިފާފައިވާ ބިންތަކުން ފާބައި ވަޒަނަށް އެނބުރި ރުޖޫޢަވުމުގެ ޙައްޤުތައް ފަލަސްތީނުގެ ރައްޔިތުންނަށް ދިނުމުން މެނުވީ އިސްރާއީލާއެކު އެއްވެސް ބާވަތެއްގެ ގުޅުމެއް ޤާއިމްނުކޮށް އިސްރާއީލު އެކަހެރިކޮށްފައި ބޭއްވުމަށެވެ. – އަލްޖަޒީރާ، އަލްޢާލަމް