15 Mar 2022, 13:18
އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް އޮނެޑް ޕިނެޑާ މަރުވިއިރު އޭނާގެ ދަރިފުޅު ހުރީ އެ ގޭގައި ކަމަށް ވާތީ ދަރިފުޅަށް އެއްވެސް މަންޒަރެއް ފެނުތޯ ބެލުމަށް ސައިކޮލޮޖިކަލް އެސެސްމެންޓެއް ހެދުމަށް ނިންމައިފިއެވެ.
މިދިޔަ އޮކްޓޯބަރު މަހު ދަންޖެހިގެން މަރުވި ކަމަށް ބުނި މޭރީގެ މަރުގައި ޝައްކު ކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުން އޭނާގެ ފިރިމީހާ މާވީން ހައްޔަރު ކުރީ އެ މަހު 27ގައެވެ. އަދި މާވިންގެ ދިވެހި ލޯބިވެރިޔާ ހަލީމަތު ލަމްހާ ހައްޔަރު ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.
އެ މައްސަލައިގެ މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި, ދިފާއުން ދައުވާއަށް ޖަވާބުދާރީވެފައި ނުވަނީ ދައުލަތުގެ ފަރާތުން ލިބެން ޖެހޭ ބައެއް ލިޔެކިޔުންތައް ލިބިފައި ނުވާތީއެވެ. އަދި ދައުވާއަށް ޖަވާބުދާރީ ވެވޭނީ ހުރިހާ ލިޔެކިޔުމެއް ލިބުމުން ކަމަށް ވެސް ދިފާއުން ވަނީ ބުނެފައެވެ.
ދިފާއަށް ނުލިބިވާ މުހިންމު އެއް ލިޔުމަކީ މޭރީއާއި މާވިންގެ ދަރިފުޅު, އޮލިވިއާ ގްރޭސްގެ ސައިކޮލިިޖިކަލް އެސެސްމެންޓް ރިޕޯޓެވެ. އެ ރިޕޯޓް ލިބުން ލަސްވަނީ ކުއްޖާ ފިލިޕީންސްގައި ހުރުމުން ކަމަށް ދައުލަތުން މިއަދު ވަނީ ބުނެފައެވެ.
ޕީޖީގެ ވަކީލް ވިދާޅުވީ, އެ ރިޕޯޓް މުހިންމު ވަނީ ހާދިސާ ހިނގިއިރު އެ ދެ މީހުންގެ ދަރިފުޅު ހުރީ ގޭގެ ކޮޓިރެއްތެރޭގައި ކަމަށް މާވިން ބުނެފައިވާތީ ކަމަށެވެ. އަދި އެ ކުއްޖާއަށް ހާދިސާގެ އެއްވެސް މަންޒަރެއް ފެނުކަން ކަށަވަރުވާނީ އެ ރިޕޯޓް ހެދުމުން ކަމަށް ވެސް ދައުލަތުން ވަނީ ބުނެފައެވެ.
އެކަމަށް ރައްދު ދެއްވައި ލަމްހާގެ ވަކީލް އަބްދުالله ޝާއިރު ވަނީ ކުއްޖާ ރާއްޖޭގައި ހުރިއިރު އެހާ މުހިންމު ރިޕޯޓް ނުހެދުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެފަދަ ރިޕޯޓެއް ތައްޔާރުކުރެވޭ ވަރުގެ ގާބިލް ސައިކޮލޮޖިސްޓުން ރާއްޖޭގައި ހުރި ކަމަށް ވެސް ޝާއިރު ވިދާޅުވިއެވެ.
އެ ރިޕޯޓް ނިންމައި ކޯޓަށް ހުށަހެޅޭނެ ތާރީހެއް ބުނަން ވެސް ދައުލަތަކަށް ނޭންގެއެވެ. ސަބަބަކީ އެ ރިޕޯޓް ތައްޔާރުކުރަނީ ފިލިޕީންސްގެ ކަމާބެހޭ ފަރާތްތަކުން ކަމަށް ވާތީއެވެ.
މޭރީގެ މަރާ ގުޅިގެން އޭނާގެ ފިރިމީހާ މާވީންއަށް ވަނީ މަރުގެ ދައުވާ ކޮށްފައެވެ. އަދި މާވިންގެ ދިވެހި ލޯބިވެރިޔާ ލަމްހާއަށް ވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން އިތުރު ދެ ދައުވާއެއް އުފުލައިފައެވެ. އެއީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ.
ލަމްހާގެ މައްޗަށް މީހަކު މެރުމުގައި ބައިވެރިވިކަމުގެ ދައުވާ އުފުލައިފައިވަނީ މޭރީ މަރާލުމުގައި އޭނާ މާވިންއަށް އެއްބާރުލުން ދީ ބައިވެރިވި ކަމަށް ތުހުމަތުކުރެވޭތީއެވެ.
އެ ދައުވާގެ އިތުރުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ ވެސް ވަނީ އުފުލައިފައެވެ.
ލަމްހާގެ މައްޗަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާ އުފުލީ ލަމްހާ ދިރިއުޅުނު ކޮޓަރި ބަލައި ފާސްކުރިއިރު ހޮސްޕިޓަލުން ބޭރަށް ގެންދިޔުން މަނާ، އަދި އައިޖީއެމްއެޗްގެ ބޭނުމަށް އެކަނި ދޫކުރެވޭ އިންޖެކްޝަންތަކެއް ފެނިފައިވާތީއެވެ.
ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ އުފުލީ ލަމްހާ ދިރިއުޅުނު ކޮޓަރި ބަލައި ފާސްކުރި އިރު، ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ފެނިފައިވާތީއެވެ.
ލަމްހާގެ މައްޗަށް ކުރި ދައުވާތައް ސާބިތުވެއްޖެނަމަ ހަ އަހަރަށްވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެއެވެ.
ދިވެހި ނަރުސް ހަލީމަތު ލަމްހާ މީގެ ކުރިން "ސަން"އަށް ދިން އިންޓަވިއުއެއްގައި ވެސް ވަނީ އެ ދެ މީހުންގެ ދެމެދުގައި ލޯބީގެ ގުޅުމެއް އޮތް ކަމަށް ބުނެފައެވެ. މޭރީ ގްރޭސް މަރުވުމުގެ އެއް ދުވަސް ކުރިން އެ ދެ މީހުންގެ ގުޅުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވެސް ލަމްހާ ކިޔައިދިނެވެ. އަދި މޭރީގެ މަރަށް ފަހު އެ ދެ މީހުން ލޯބީގެ ގޮތުން އަލުން ގުޅެން އޮތީ ނިންމާފައެވެ.
މޭރީ ދަންޖެހިގެން މަރުވީކަމަށް ބުނެ ހޮސްޕިޓަލަށް ހަށިގަނޑު ގެންދިޔައީ ވެސް އޭނާގެ ފިރިމީހާ މާވިންއެވެ. އެއީ މޭރީ ހޮސްޕިޓަލުގައި ޑިއުޓީގައި ހުރެފައި ބްރޭކަށް ދިޔަތާ އިރުކޮޅެއް ފަހުންނެވެ.