ނިޒާމު ރަނގަޅަށް އެނގިގެން އެ ނިޒާމުގެ ލޫޕް ހޯލްތައް ގަސްތުގައި ބޭނުން ކޮށްގެން ގޯސް ހަދާ މީހުން ދައުލަތް ތެރޭގައި އެބަތިބި ކަމަށް އެޓާނީ ޖެނަރަލް އިބްރާހިމް ރިއްފަތު ވިދާޅުވި ވާހަކަ، ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ދޮގުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިދިޔަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު ބަންޑާރަ ނައިބު ވިދާޅުވީ "ޓެކްނިކަލް މައްސަލަތަކާ" ހެދި މީހުން ދޫވާ ދެ ސަބަބެއް އޮންނަ ކަމަށެވެ.

އޭގެ ތެރެއިން އެއް ސަބަބަކީ ދައުލަތުގެ ތެރޭގައި ރޭވި އިންތިޒާމު ވެގެން ގޯސް ހަދާ މީހުން ތިބުން ކަމަށް ރިއްފަތު ވިދާޅުވިއެވެ.

"ނިޒާމު ރަނގަޅަށް އެނގިގެން ނިޒާމުގެ ތެރޭގައި ހުރި ލޫޕް ހޯލްތައް ހޯދައިގެން ގަސްތުގައި އެކަމުގެ ނިޔަތެއް ބާއްވައިގެން އެބަ ކުރިޔަށް ގެންދެވޭ. އެ ހަގީގަތް އަޅުގަނޑުމެން އެބަޖެހޭ ގަބޫލުކުރަން،" ބަންޑާރަ ނައިބު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިކަމާ ގުޅޭ ގޮތުން މިނިސްޓަރު ޢިމްރާނާ ސުވާލު ކުރެއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު، ޙަސަން ލަޠީފެވެ.

ޙަސަން ލަޠީފު ވަނީ އޭޖީ ވިދާޅުވި ކަންކަމާ ގުޅޭ ގޮތުން، ފުލުހުންގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން އެ އިދާރާއާ އެއްވެސް މަޝްވަރާއެއް ކޮށްފައިވޭތޯއާ އެފަދަ މައްސަލަތަކުގައި މިހާތަނަށް ފުލުހުންނަށް ފިޔަވަޅު އަޅައިފައިވޭތޯ ސުވާލުކުރައްވައިފައެވެ.

މި ސުވާލުތަކަށް ހޯމް މިނިސްޓަރު ޢިމްރާން ލިޔުމުން ދެއްވެވި ޖަވާބުގައި ވަނީ ބަންޑާރަ ނައިބު ވިދާޅުވިފަދަ މައްސަލައެއް ފުލުހުންގެ ތެރޭގައި ފާހަގަވެފައިނުވާ ކަމަށް ވިދާޅުވެފައެވެ.

"އެ ފަދަ [ފުލުހުންގެ ތެރޭގައި ނިޒާމު ރަނގަޅަށް އެނގި، ނިޒާމުގެ ތެރޭގައި ހުރި ލޫޕްހޯލްތައް ހޯދައިގެން ގޯސް ހަދާ ] މީހުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ތެރޭގައި ތިބި ކަން މިހާތަނަށް ފާހަގަކުރެވިފައިނުވާތީ، ބަންޑާރަ ނައިބު ވިދާޅުވިކަމަށް ބަޔާން ކުރައްވައިފައިވާ ވާހަކަފުޅާ ގުޅޭ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅޭ ގޮތުން ބަންޑާރަ ނައިބާ އެއްވެސް މަޝްވަރާއެއް މިހާތަނަށް ކޮށްފައިނުވޭ،" ޢިމްރާން ވިދާޅުވިއެވެ.

ފުލުހުންގެ ވަޒީފާ އަދާކުރާ މީހުންނަކީ ތައުލީމާއި ތަމްރީން ލިބިގެންވާ ގާބިލް ބައެއް ކަން ފާހަގަކުރައްވައި ޢިމްރާން އިތުރަށް ވިދާޅުވީ ފުލުހުންގެ އެފަދަ ބަޔަކު އުޅެޔޭ ބުނުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

"ބަންޑާރަ ނައިބު އިޝާރާތް ކުރައްވާ ފަދައިން ނުނިޔަތެއް ބާއްވައިގެން، ގަސްދުގައި ގޯސް ހަދާ ބަޔަކު ފުލުހުންގެ ޚިދުމަތުގައި ތިބެޔޭ ބުނުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި އަޅުގަނޑު ނުދެކެން،" ޢިމްރާން ވިދާޅުވިއެވެ.

ހަމައެހެންމެ ފުލުހުންގެ މަސައްކަތުގެ ޕާފޮމަންސް ދަށް ވެގެން ބައެއް ފުލުހުންނާ މެދު އިދާރީ ފިޔަވަޅު އަޅައިފައިވީ ނަމަވެސް މައްސަލައެއްގައި ނުނިޔަތެއް ބާއްވައިގެން އެއްވެސް ފުލުހެއްގެ މައްސަލަ ބަލައި، މިހާތަނަށް ފިޔަވަޅު އަޅައިފައިނުވާ ކަމަށް ވެސް ޢިމްރާން ވިދާޅުވިއެވެ.

"ފުލުހުންގެ ތެރޭގައި ނިޒާމު ރަނގަޅަށް އެނގި، ނިޒާމުގެ ތެރޭގައި ހުރި ލޫޕްހޯމްތަކުގެ ބޭނުން ކޮށްގެން ގަސްތުގައި ނުނިޔަތެއް ބާއްވައިގެން ގޯސް ހަދާ ބަޔަކު ފުލުހުންގެ ޚިދުމަތުގައި ތިބެ، ފިޔަވަޅު ނާޅާ ދޫކޮށްލައިފައި ނުވާނެ،" މިނިސްޓަރު ޢިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.

ޢިމްރާން އިތުރަށް ވިދާޅުވީ އެފަދަ ފުލުހަކު އެ ޚިދުމަތުގެ ތެރޭގައި ހުރި ކަމަށް ފާހަގަ ކުރެވޭނަމަ އެ ފުލުހަކާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމުން އެ މައްސަލަ ބަލާނެ ކަމަށެވެ.

މިނިސްޓަރު ޢިމްރާންގެ ޖަވާބާ ގުޅިގެން ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

"ކޮންމެވެސް އެއް ވަޒީރަކު ތި އިތުރުފުޅު ހައްދަވަނީ،" ނަޝީދު ވިދާޅުވިއެވެ.