ޕީޕީއެމާއި ޕީއެންސީގެ ގުޅިފައިވާ ކައުންސިލްގެ ބައްދަލުވުމެއް ބާއްވައިފިއެވެ.

މިއީ ރައީސް ޢަބްދުﷲ ޔާމީން ޖަލުން މިނިވަންވި ފަހުން އެމަނިކުފާނު ބައިވެރިވެވަޑައިގެން ރިޔާސަތު ބެލެހެއްޓެވި ފުރަތަމަ ކައުންސިލް ބައްދަލުވުމެވެ.

މަނީ ލޯންޑަކުރި ކަމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރީ 28، ނޮވެމްބަރު 2019 ވަނަ ދުވަހުގައެވެ. އެއަށްފަހު، ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލް ކުރުމުން އެމަނިކުފާނު މިނިވަންވެވަޑައިގަތީ 2021 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 30 ވަނަ ދުވަހުގައެވެ.

ޕީޕީއެމް، ޕީއެންސީގެ ކައުންސިލް ބައްދަލުވުން -- ފޮޓޯ ޕީޕީއެމް

ރޭ ބޭއްވި ޕީޕީއެމާއި ޕީއެންސީގެ ގުޅިފައިވާ ކައުންސިލްގެ ބައްދަލުވުމުގައި އިދާރީ ގޮތުން ޕާޓީގެ ހިންގުން ހަރުދަނާ ކުރުމާބެހޭ ގޮތުން މަޝްވަރާ ކުރިއެވެ. އަދި ޤައުމު މިހާރު އޮތް ހާލަތާއި މިހާލަތުން އަރައިގަތުމަށް ޓަކައި އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން ކުރެވެން ހުރި ކަންކަމާއި ބެހޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރިއެވެ.

މީގެ އިތުރުން ޕާޓީގެ އިދާރީ ދާއިރާތަކުގެ ހިންގުން ހަރުދަނާކޮށް ޕާޓީގެ ހަރަކާތްތައް އިތުރަށް ފުޅާ ކުމާބެހޭ ގޮތުން ވެސް މި ކައުންސިލް ބައްދަލުވުމުގައި މަޝްވަރާ ކުރިއެވެ.