ޔަންގުން (މާޗް 15) : މިޔަންމާގެ ގާނޫނު އަސާސީއަށް އިސްލާޙީ ބޮޑެތި ބަދަލުތަކެއް ގެނައުމަށް އެޤައުމުގެ އިދިކޮޅު ޒަޢީމާ އަންސަން ސޫޗީ ގޮވާލައްވައިފިއެވެ.

މިޔަންމާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައިވާ ރަސްމީ ޓީވީ މެދުވެރިކޮށް ދެއްވި ޚިތާބެއްގައި ސޫޗީ ވިދާޅުވީ ދާދިފަހުން އެކުލަވާލި މިޔަންމާގެ ދަސްތޫރަކީވެސް ކުރީގެ ދަސްތޫރަށްވުރެ ޑިމޮކްރެޓިކް ދަސްތޫރެއް ކަމަށާ ނަމަވެސް ފުރިހަމަ ޑިމޮކްރަސީއެއް ޤާއިމްކުރުމަށްޓަކައި މިހާރުގެ ދަސްތޫރަށްވެސް އިސްލާޙީ ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމުގައެވެ.

މިޔަންމާއަށް ޑިމޮކްރަސީ ގެނައުމަށްޓަކައި އެންމެފަހުން އެކުލަވާލި ދަސްތޫރުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމާއި މީޑިޔާގެ މިނިވަންކަން ދީފައިވެއެވެ. އަދި އިދިކޮޅު ޕާޓީތައް އުފެއްދުމާއި އިދިކޮޅު ސިޔާސީ ޙަރަކާތްތަކަށް ޤާނޫނީ ޙައްސިއްޔަތު ލިބިދީފައިވެއެވެ. އަދި މިނިވަން ކަމާއެކު އިންތިޚާބުތައް ބޭއްވުމަށްވެސް ފުރްސަތު ދީފައިވެއެވެ.

ނަމަވެސް ޕާލަމެޓްގެ 25 ޕަސެންޓް މެންބަރުންނަކީ އިންތިޚާބުނުކޮށް ސިފައިންގެ މުއައްސަސާއިން ޢައްޔަންކުރާ ބައަކަށްވާންޖެހެއެވެ. އަދި އިޤްތިސާދާއި ދިފާޢީ ކަންކަމަށް އަސަރުކުރާ ބިލްތަކަށް ހުރަސްއެޅުމުގެ ޤާނޫނީ ބާރު ޢަސްކަރީ މުއައްސަސާ ތަމްސީލްކުރާ މެންބަރުންނަށް ލިބިދީފައިވެއެވެ. މިއީ ޑިމޮކްރަސީގެ އަސާސްތަކާ މުޅިންފުށުއަރާ ކަންތައްތަކެއް ކަމަށާއި މިކަންބަދަލުކުރަންޖެހޭ ކަމަށް ސޫޗީ ވިދާޅުވިއެވެ. މިޔަންމާއަކީ 1962 ން ފެށިގެން ޢަސްކަރީ ވެރިކަމެއް ކުރަމުން އަންނަ ޤައުމެކެވެ.

މިޔަންމާގެ ޢަސްކަރީ ވެރިކަން ނިމުމަކަށްއައީ ޑިމޮކްރަސީއަށްޓަކައި ސޫޗީ ކުރެއްވި މަސައްކަތްތަކެއްގެ ނަތީޖާއެއްގެ ގޮތުން 2010 ވަނަ އަހަރު އަސްކަރީ ވެރިން އެޤައުމަށް ގެންނެވި ޑިމޮކްރެޓިކް އިސްލާހްތަކާގުޅިގެންނެވެ. ޢަސްކަރީ ވެރިން އިސްތިއުފާ ދެއްވުމަށްފަހު 2010 ވަނައަހަރު މިޔަންމާގައި އިންތިޚާބެއް ބާއްވައިގެން އެކުލަވާލި މަދަނި ސަރުކާރުގެ ވެރިއަކީ ކުރީގެ ޢަސްކަރީ ވެރިޔާ ތިން ސިން އެވެ. އޭނާވަނީ ސޫޗީ އާ ބައްދަލުކުރައްވައި މިޔަންމާގެ ސިޔާސީ ކަންތައްތަކުގައި ބައިވެރިވެވަޑައިގަތުމަށް ސޫޗީއަށް ހިއްވަރުދެއްވާފައެވެ.
ސޫޗީ މިހާރު ގެންދަވަނީ ޕާލަމެޓްރީ އިންތިޚާބުގައި ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަމުންނެވެ. ސޫޗީގެ ޕާޓީގެ މެންބަރުންވެސް މިއިންތިޚާބުގައި ވާދަކުރައްވައެވެ. އިންތިޚާބު ކާމިޔާބުކުރައްވާނެ ކަމަށް ބެލެވިފައިވަނީ ސޫޗީގެ ޕާޓީއެވެ. -- ނޫސްއެޖެންސީތައް