15 Mar 2012, 17:01
ރިޔާސީ އިންތިހާބެއް ބާއްވާނެ ތާރީހެއް ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި ރާއްޖޭގައި އޮތީ ހުދުމުހުތާރު ވެރިކަމެއް ނޫން ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
" ބީބީސީ ހާޑްޓޯކް" ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ވަހީދު ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވަނީ ވަރަށް ގިނަ ސިޔާސީ ޕާޓީތަކަކާ އެކުގައި ކަމަށާއި އެހެންވީމާ ތާރީހެއް ދެއްވޭނީ އެ ޕާޓީތަކުން ވެސް އެއްބަސް ވުމުން ކަމަށެވެ.
އިންތިހާބެއް ބާއްވަން އެމަނިކުފާނު އެދިވަޑައިގަންނަވަނީ ކޮން އިރަކުންތޯ ސުވާލުކުރުމުން ވިދާޅުވީ "ރައްޔިތުންގެ މަޖިލީހުން އެކަމާ މެދު ގޮތެއް ނިންމުމުން" ކަމަށެވެ.
ކޮންމެސް ވަރަކަށް ލީޑަޝިޕް ދައްކަވަ ބައްލަވާ، މަނިކުފާނަކީ މިހާރު ރައީސް،! އަޅުގަނޑަށް ވިދާޅުވެ ދެއްވާ އިންތިހާބެއް އެންމެ އަވަހަށް ބޭއްވޭނީ ކޮން އިރަކުން ކަމަށްތޯ، މަނިކުފާނު ގަބޫލުކުރައްވަނީ ؟ ރައީސް ވަހީދުގެ ޖަވާބާ ގުޅިގެން ބީބީސީގެ ސްޓީވެން ސުވާލުކުރި އެވެ.
"... އަޅުގަނޑުމެންގެ އެބަ ތިބި އެތައް ސިޔާސީ ޕާޓީއެއް، މީ ހުދުމުހުތާރު ވެރިކަމެއް ނޫން، އަޅުގަނޑު އަމިއްލައަކަށް ނުނިންމޭނެ، އަޅުގަނޑުމެންގެ އެބަތިބި ގިނަ ސިޔާސީ ޕާޓީތަކެއް، އަޅުގަނޑު މަސައްކަތް މިކުރަނީ އޭގެ ތެރެއިން ގިނަ ޕާޓީތަކާ އެކުގައި، ތާރީހަކާ މެދު އެޕާޓީތަކުން އެމްޑީޕީއާ އެކު އެއްބަސްވުމަކަށް އަންނަން ޖެހޭ، އިންތިހާބެއް ބާއްވާނެ ތާރީހަކީ މިވެނި ތާރީހެކޭ ދެންނެވުމުގެ ބާރުވެރިކަން އަޅުގަނޑަކަށް ނެތް، މިކަން ޖެހޭނީ މަޝްވަރާކޮށްގެން ހައްލުކުރަން،" ސްޓީވެންގެ ސުވާލަށް ރައީސް ޖަވާބު ދެއްވެވި އެވެ.
މުޒާހަރާ ކުރާ ފަރާތްތަކާ ދެކޮޅަށް އެކަށީގެންނުވާ ބާރުގެ ބޭނުންކޮށްފައި ވަނީ ކީއްވެތޯ ސުވާލުކުރުމުން ރައީސް ވިދާޅުވީ ފެބްރުއަރީ އަށްވަނަ ދުވަހު ބައެއް ކުރިމަތިލުންތައް ހިނގާފައިވާ ކަމަށާއި އެއީ ތަންތާ ހުޅުޖަހައި އަންދަން ފެށީމާ އެކަން ހުއްޓުވުމުގެ ތެރޭގައި ހިނގި ކަމެއް ކަމަށެވެ.
" ފެބްރުއަރީ އަށްވަނަ ދުވަހު ބައެއް ކުރިމަތިލުންތައް ހިނގި، އެއީ އަޅުގަނޑު ކެބިނެޓް އެކުލަވާލުމުގެ ކުރިން، ނަޝީދު އޭނާއަށް ތާއީދުކުރާ މީހުންނާ އެކު މަގުމައްޗަށް ނުކުތް، ތަންތަން އަންދާނެ ކަމަށާއި ތަކެތި ހަލާކުރާނެ ކަމަށް ބުނެ ބިރު ދައްކަމުން، މާލޭގައި ތިބޭ ގޮތަށް ސަލާމަތީ ބާރުތައް ނެތް ރަށްރަށުގައި، ގިނަ ފުލުހުންގެ އިމާރާތްތަކާ ކޯޓް އިމާރާތްތަކުގައި އެމީހުން ހުޅުޖެހި، ދެކުނުގެ ސަރަހައްދުތަކުގައި ޝަރުއީ ނިޒާމުގެ ހުރިހާ ލިއުމެއް ވަނީ ނައްތާލާފައި، އެކަށީގެންނުވާ ބާރު ކޮންމެވެސް ވަރަކަށް ބޭނުންކޮށްފައި ވެދާނެ،" ޑރ. ވަހީދު ވިދާޅުވި އެވެ.
ފެބްރުއަރީ 20 ވަނަ ދުވަހާ ފެބްރުއަރީ 26 ވަނަ ދުވަހު ވެސް އެކަށީގެން ނުވާ ބާރުގެ ބޭނުންކޮށްފައިވާ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލްގެ ރިޕޯޓްގައިވާ ކަމަށާއި ރައީސްގެ ހައިސިއްޔަތުން އެ ދުވަސްތަކުގައި ހިނގި ކަންތައްތަކުގެ ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވާ ނޫންތޯ ދެންނެވުމުން ރައީސް ވަހީދު ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި ވެސް އެފަދަ ކަންތައްތައް ހިނގާފައިވާ ކަމަށެވެ.
"ފުލުހުންނާ، ގާނޫނު ހިންގާ އެޖެންސީތައް ގާނޫނު އަސާސީއާ ގާނޫނުތަކުގެ ތެރޭގައި ތިބުމަށް އަޅުގަނޑު އައީ ބާރު އަޅަމުން، މި ހިނގައި ދިޔަ ފަދަ ބައެއް ކަހަލަ ކަންތައްތައް ވަނީ މާޒީގައި ވެސް ހިނގާފައި، ނަޝީދުގެ ވެރިކަމުގައި ވެސް، ތިން ހަފުތާ ވަންދެން ކުރި މުޒާހަރާތައް ވެސް ރޫޅާލާފައި ވަނީ ވެސް ހަމަ އެގޮތަށް، އެއްވެސް މީހަކު އެކަން ބޮޑު ކަމަކަށް ނުހަދާ،" ރައީސް ވެއެވެ.
ނަޝީދުގެ ސަރުކާރުން އިސްލާމް ދީން ހަލާކުރުމުގެ ރޭވުމެއް ގެންގުޅުނު ކަމަށް ދެކެވޭ ވާހަކައިން ބަރީއަ ވެވަޑައިގަންނަވާ ކަމަށާއި އެހެން ވިދާޅުވެފައި ނުވާނެ ކަމަށް ވެސް އެ ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަހީދު ވިދާޅުވި އެވެ.
ރާއްޖޭގެ އިސްލާމީ އަގީދާ ހަލާކުކުރަން ނަޝީދުގެ ސަރުކާރުން މަސައްކަތް ކުރި ކަމަށް ދައްކާ ވާހަކައިން މަނިކުފާނު ބަރީއަވެވަޑައިގަންނަވަން ތޯ؟ ސްޓީވަން ސުވާލުކުރި އެވެ.
"އާދެ، އާދެ، ދެނެވަޑައިގަންނަވަން ވީ ކަމަކީ ހަމަ އެމެރިކާގައި ވާހެން، ހަމަ ޔޫރަޕްގައި ވާހެން، ރާއްޖޭގައި ވެސް ދީނީ އުސޫލުތައް ތަމްސީލުކުރާ ޕާޓީތައް ހުރޭ، އޭގެ ސަބަބުން ރާއްޖެއަކީ ފަންޑަމެންޓަލިސްޓް ގައުމަކަށް ނުވާނެ" ރައީސް ޖަވާބު ދެއްވެވި އެވެ. ބީބީސީ ހާޑްޓޯކަށް އެމަނިކުފާނު އިންޓަވިއު ދެއްވާފައި ވަނީ މާލޭގައި ހުންނަވައިގެނެވެ.