މިދިޔަ އަހަރު ބަނދަރު ހަދަން ކަނޑައަޅާފައިވާ ރަށްތަކަށް މިއަހަރަށް ކަނޑައެޅި ބަޖެޓްގައި އެންމެ ރުފިޔާއެއް ވެސް ހިމަނާފައި ނުވާކަމަށް ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓަރީގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނސްޓަ މުއިއްޒު ވިދާޅުވީ މިދިޔަ އަހަރު ރައީސް ނަޝީދުގެ ސަރުކާރުން މަސައްކަތް ފައްޓަވާފައި ހުރި ރަށްތަކުގެ މަސައްކަތް ހުއްޓިފައި ހުރީ ބަޖެޓްގައި ފައިސާ ނެތިގެން ކަމަށާއި ނަމަވެސް އެ ރަށްރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާމެދު މިހާރު ފިނޭންސް މިނިސްޓަރާއިއެކު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

"މިއަހަރަށް ފާސްކޮށްފައި އޮތް ބަޖެޓުން މި މިނސްޓްރީއާ ހާވަލުކޮށްފައިވާ ބަޖެޓްގައި އެންމެ ރުފިޔާއެއް ވެސް ނެތް ހިމަނާފައި. އަޅުގަނޑު ބޭނުން ވަރަށް ސާފުކޮށް އެވާހަކަ ދަންނަވަން. އެހްނެވީމަ އެކަން ކުރިއަށް ނުގޮސް އޮތް ސަބަބު އަދި މިއެނގުނީ،" މުއިއްޒު ވިދާޅުވި އެވެ.

މިނސްޓަރު ވިދާޅުވީ މިހާރުގެ ސަރުކާރުގެ ސިޔާސަތަކީ ފަށާފައިވާ އެއްވެސް ޕްރޮޖެކްޓެއްގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުން ކަމަށާއި އެ މައްސަލަ ހައްލުކުރުމަށް ހައުސިންގް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީއާއި ދެމދު ބުރޯޑް އެގުރިމެންޓަކާއި ހަމައަށް ދެވިފައިވާ ކަމށެވެ.

މުއިއްޒު ވިދާޅުވީ ރަށްތަކުގެ ބަނދަރުހެދުމުގެ މަސައްކަތަށް ބޭނުންވާ ފައިސާ ބަޖެޓްގައި ހިމަނާފައިނެތް ނަމަވެސް އެހެނިހެން ގޮތްގޮތުން ފައިސާ ހަރަދުކޮށްގެން ރަށްރަތުގެ ބަނދަރު ޕްރޮޖެކްޓް ކުރިއަށް ގެންދަވާނެ ކަމަށެވެ. ނަމަވެސް އެ ޕްރޮޖެކްޓަށް ސީދާ ހަރަދުވާނެ ފައިސާގެ އަދަދު ވިދާޅެއް ނުވެއެވެ.

ޕްރޮޖެކްޓަތައް ހުއްޓިފައިވާ ރަށްތަކަކީ ހދ. ކުރިނބީ އާއި އެއަތޮޅު ނެއްލައިދޫ އާއި ނ. ކުޑަފަރީ އާއި ރ. ފައިނާއި ޅ. ކުރެންދޫ އާއި ކ. ދިއްފުއްޓާއި އާއި ގދ. ގައްދޫ އާއި ފަރެސްމާތޮޑާ އާއި ސ. ހުޅުމީދޫއާއި ހިތަދޫ އެވެ.

ކުރީގެ ސަރުކާރުން އެ ޕްރޮޖެކްތައް ވޯކްސް ކޯޕަރޭޝަނާއި ހަވާލުކޮށްފައިވަނީ ކޮންޓްރެކްޓަރަ ފައިނޭންސްގެ އުސޫލުންކަމަށް ވިދާޅުވި ނަމަވެސް ވޯކްސް ކޯޕަރޭޝަނުގެ މަސައްކަތްތައް ހުރިގޮތަށް ބަލާއިރު ކޮންޓްރެކްޓަރް ފައިނޭންސްގެ އުސޫލުން މަސައްކަތް އޮންނަންޖެހޭ ގޮތަށް ނޫންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ސީދާ ސަރުކާރުން ހުރިހާ ހަރަދެއްކުރެވިގެން ހަމައެކަނި ހަރަދުކުރެވެނީއަކީ ނޫން އެތައް ގުނައެއް ހަރަދު ބޮޑުކޮށް ގެންދާ ގޮތަށް މިކަން ރާވަފައިއޮތީ،" މުއިއްޒު ވިދާޅުވި އެވެ. ރަށްތައް އަލުން މަސައްކަތް ފަށާއިރު ވޯކުސް ކޯޕަރެޝަނާއި ސީދާ މަސައްކަތްތަށް ހަވާލުކުރާނެ ވާހަކައެއް މިނިސްޓަރު ވިދާޅެއްނުވެ އެވެ.