21 Jul 2010, 11:22
14:30
ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމު ރާއްޖެ ދޫކުރައްވައި ވަޑައިގެންނެވުން ނޫން ގޮތެއް ނެތް ކަމަށް ވިދާޅުވެ، ރައީސް ނަޝީދު އިންޒާރު ދެއްވައިފައި ވަނީ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތޮފާ މެދުވެރި ކުރައްވާ ކަމަށް ނާޒިމް ވިދާޅުވެއްޖެ އެވެ.
ކޮރަޕްޝަންގެ ތުހުމަތެއްގައި މިދިޔަ އަންގާރަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ފުލުހުން ހައްޔަރުކުރި ނާޒިމް ޖިނާއީ ކޯޓުން އިއްޔެ މިނިވަންކުރުމާ ގުޅިގެން، ޖަސްޓިސް ބިލްޑިން ބޭރުގައި ސަންއެފްއެމްގެ ބްރޭކިން ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ނާޒިމް ވިދާޅުވީ، މި ސަރުކާރުގެ އިސް ބޭފުޅުންތަކަކަށް ހަމަލާދިނުމަށް ރާވައިފައިވާކަމުގެ ތުހުމަތާއި ކޮރަޕްޝަންގެ ތުހުމަތުގައި ފުލުހުން އޭނާ ހައްޔަރުކުރި މައްސަލާގައި އެންމެ ފުރަތަމަ ވެސް ސުވާލެއްކޮށްފައި ވަނީ ބަންދުގައި ހުންނަވާތާ ދިހަ ދުވަސް ފަހުން ކަމަށެވެ. އަދި އެންމެ ފުރަތަމަ ވެސް ކޮށްފައިވާ ސުވާލަކީ އެ އޯޑިއޯ ކްލިޕާ ބެހޭ ގޮތުން ކަމަށާއި ނަމަވެސް އެ އޯޑިއޯ ކްލިޕަކީ ޤާނޫނާ ހިލާފަށް ހޯދައިފައިވާ އެއްޗަކަށްވާތީ އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުންފުޅުނުވާ ކަމަށް ވިދާޅުވެފައިވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުން މީސްމީހުންގެ ފޯން ކޯލްތައް ލީކުކުރަމުންދާއިރު، ހުދު ރައީސް ނަޝީދު މުސްތަފާ އަށް ގުޅުއްވައި، މި ޤައުމުގެ ދޫކޮށްދިއުން ނޫން ގޮތެއް ނާޒިމަށް ނެތް ކަމަށް ވިދާޅުވެ، މުސްތޮފާ މެދުވެރިކޮށް އިންޒާރު ދެއްވައިފައިވާ ފޯން ކޯލް ލީކްކޮށްލެއްވުން މާރަނގަޅުވާނެ ކަމަށެވެ.
ޖިނާއީ ކޯޓުން ނުކުންނަވައި، ނާޒިމް އެ ވާހަކަ ދެއްކެވިއިރު ނާޒިމާ ޖެހިގެން ހުންނެވި މުސްތޮފާ އަށް ސަންއެފްއެމުން އެ ސުވާލު ދެންނެވުމުން މުސްތޮފާ ފުރަތަމަ ވިދާޅުވީ އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނޫން ކަމަށެވެ. ނަމަވެސް ވަކި ޖަވާބެއް ދެއްވުމަށް ސަންއެފްއެމުން ދެންނެވުމުން މުސްތޮފާ ވިދާޅުވީ ނާޒިމްގެ އެ ވާހަކަތައް އެ ދެއްކެވީ އޭނާގެ ވެސް ކުރިމަތީގައި ކަމަށެވެ. އަދި ނާޒިމް ދެއްކެވި އެ ވާހަކަތައް ދޮގެއް ނުކުރައްވާ ކަމަށް ވެސް މުސްތޮފާ ވިދާޅުވި އެވެ.
ނާޒިމް ރައީސް ނަޝީދުގެ މައްޗަށް ކުރައްވާފައިވާ އެ ތުހުމަތުތައް ދޮގުކުރައްވާ ރައީސް އޮފީހުގެ ޕްރެސް ސެކެޓްރީ މުހައްމަދު ޒުހެއިރު މިއަދު ވިދާޅުވީ ރައީސް ނަޝީދު އެއްވެސް ބޭފުޅަކާ މެދު ޒާތީ ތައައްސުބެއް ނުވަތަ ޖާތީ ގޮތުން އެއްވެސް ފިޔަވަޅެއް ނާޅުއްވާނެ ކަމަށެވެ. އަދި ސިޔާސީ އެއްވެސް ބޭފުޅަކަށް އެއްވެސް ކަހަލަ ގިލަންވެރިކަމެއް މެދުވެރިވާން ރައީސް ނަޝީދު ބޭނުންފުޅުނުވާ ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.
ޒުހެއިރުގެ އިތުރުން ރައީސް ނަޝީދުވެސް މިއަދު ވަނީ ނާޒިމް އެމަނިކުފާނުގެ މައްޗަށް ތުހުމަތުކުރައްވާފައިވާ އެވާހަކަތައް ދޮގުކުރައްވާފަ އެވެ.
ނަމަވެސް ނާޒިމް ވިދާޅުވެފައި ވަނީ ރައީސް ނަޝީދުގެ ސަރުކާރުން ނާޒިމާ ދޭތެރޭގައި ގެންގުޅުއްވަނީ ޒާތީ ގޮތެއް ކަމަށެވެ. އަދި ފާއިތުވި ދުވަސްތަކުގެ ތެރޭގައި ނާޒިމްގެ މައްޗަށް ފުލުހުން ކޮށްފައިވާ ތުހުމަތުގެ މައްސަލާގައި މި ސަރުކާރުން އެމަނިކުފާނާ މެދު ކަންތައްތައް ކޮށްފައި ވަނީ ވަރަށް ވެސް އިހާނާތްތެރިކޮށް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.