14 Mar 2022, 12:48
ތިލަފުށީގައި މިއަދު ހިނގި ނުރައްކާތެރި ހާދިސާއެއްގައި އެކަކުގެ ފައި ޗިސްވެ، އިތުރު ދެ މީހަކަށް އަނިޔާވުމުން އެމީހުންނަށް އައިޖީއެމްއެޗުގައި ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން ބުނީ, ތިލަފުށީ ސައިޓެއްގައި މަސައްކަތްކުރަމުންދިޔަ ތިން ބިދޭސީއަކަށް އަނިޔާވެގެން މިއަދު މެންދުރު 11 ހާއިރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެތަނުން އެކެއްގެ ކަނާއަތު ފައި ބިންދައިގެން ގޮސް، ކަކުލުން ތިރި ވަނީ 'ޗަސް' ވެފައެވެ. އަދި ފައިތިލައަށް ވެސް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ.

ތިލަފުށީގައި މިއަދު ހިނގި ނުރައްކާތެރި ހާދިސާއެއްގައި ބިދޭސީއެއްގެ ފަޔަށް އަނިޔާވެފައި --- ފޮޓޯ: މިހާރު
އެއް ބިދޭސީއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު އަނެއް ދެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ. އަދި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ވެސް އަދި އެނގިފައެއް ނުވެއެވެ.
ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު، ތިލަފުށީގައި އިމާރާތް ކުރަމުންދިޔަ ތަނަކުން ވެއްޓި ބިދޭސީއަކު މަރުވެފައިވެއެވެ.