14 Mar 2022, 10:03
އެމްއެންޔޫއެސްޔޫ އިންޓަ ފެކަލްޓީ ވޮލީ ބޯޅަ މުބާރާތުގައި ރޭ ކުޅުނު ފިރިހެން ޑިވިޝަންގެ މެޗުގައި ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފްއެޗްއެސް) އިން ސްކޫލް އޮފް ނާސިން (އެސްއެން)ގެ މައްޗަށް ކުރި ހޯދައިފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ޕީއީ ހޯލުގައި ރޭ ކުޅުނު ދެމެޗުގެ ތެރެއިން އެފްއެޗްއެސް އާއި އެސްއެން ބައްދަލުކުރި މެޗު ނިމުނީ ސީދާ ދެ ސެޓުން އެފްއެޗްއެސް މޮޅުވެގެންނެވެ.
އެ މެޗުގެ ފުރަތަމަ ސެޓު އެފްއެޗްއެސްއިން ކާމިޔާބުކުރީ 25-18އިންނެވެ. އަދި ދެވަނަ ސެޓު ގެންދިޔައީ 25-19 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްއެޗްއެސްގެ ޖާޒީ ނަންބަރު 13، މުޙައްމަދު އަނޫފެވެ.
އެންމެ ފަހުން މި ދެ ޓީމު މި މުބާރާތުގައި ކުޅުނު މެޗުން ދެ ޓީމު ވަނީ ބަލިވެފައެވެ. އެގޮތުން އެފްއެޗްއެސް އެމްއެންޔޫ ބިޒްނަސް ސްކޫލު އަތުން ބަލިވީ 3-1 ސެޓުންނެވެ. އަދި އެސްއެން، ސީއެފްއެސް އަތުން ބަލިވީ ސީދާ ދެ ސެޓުންނެވެ.
މިއަދު ވެސް އެ މުބާރާތުގެ މެޗުތައް ކުޅެން ވަނީ ހަމަޖެހިފައެވެ. އެގޮތުން 20:00ގައި ފެކަލްޓީ އޮފް އެޑިއުކޭޝަން އަދި ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ އަންހެން ޓީމު ކުޅޭއިރު، 21:30 ގައި ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްގެ އަންހެން ޓީމު ނިކުންނާނީ އެމްއެންޔޫ ބިޒްނަސް ސުކޫލުގެ އަންހެން ޓީމާ ދެކޮޅަށެެވެ.
އެމްއެންޔޫއެސްޔޫ އިންޓަފެކަލްޓީ ވޮލީ ބޯޅަ މުބާރާތަކީ 2015 ވަނަ އަހަރުން ފެށިގެން ސިލްސިލާ ގޮތެއްގައި ޤައުމީ ޔުނިވާސިޓިގެ ދަރިވަރުންގެ ޔުނިއަންގެ ފަރާތުން އެ ޔުނިވާސިޓީގެ ދަރިވަރުންނަށް ބާއްވަމުން އަންނަ މުބާރާތެކެވެ.
މި އަހަރު މި ބޭއްވޭ އަށް ވަނަ އެޑިޝަންގެ މުބާރާތުގައި އަންހެން އަދި ފިރިހެން ހިމެނޭހެން 16 ޓީމެއް ވަނީ ބައިވެރިވެފައެވެ.
މިއަހަރު އެމްއެންޔޫއެސްޔޫ އިންޓަފެކަލްޓީ ވޮލީ މުބާރާތުގެ މީޑީއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ސަންމީޑިއާއެެވެ.