އެމްއެންޔޫއެސްޔޫ އިންޓަ ފެކަލްޓީ ވޮލީ ބޯޅަ މުބާރާތުގައި ރޭ ކުޅުނު ފިރިހެން ޑިވިޝަންގެ މެޗުގައި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ (އެފްއެސްއެލް) އާއި ސެންޓާ ފޯ މެރިޓައިމް ސްޓަޑީޒް (ސީއެމްއެސް) ބައްދަލުކުރި މެޗު އެފްއެސްއެލްއިން ކާމިޔާބު ކޮށްފިއެވެ.

އެފްއެސްއެލް އިން މި މެޗު ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ސެޓު އެފްއެސްއެލް ކާމިޔާބުކުރީ 25-22ގެ ނަތިޖާއަކުންނެވެ. ދެވަނަ ސެޓު އެ ޓީމުން ކާމިޔާބުކުރީ 27-25 ގެ ނަތީޖާއަކުންނެވެ. އެ ސެޓު ފެނިފައިވަނީ ފޯރިގަދަ ކުޅުމެއް ކުޅުނު މެޗެއްގެ ގޮތުގައެވެ.

މިއީ މި މުބާރާތުގައި އެފްއެސްއެލް ހޯދި ފުރަތަމަ މޮޅެވެ. މިދިޔަ ހޮނިހިރު ދުވަހު އެ ޓީމު ވަނީ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް)ގެ އަތުން ބަލިވެފައެވެ.

އެ މެޗުގެ ފުރަތަމަ ސެޓު އެފްއެޗްޓީއެސް ކާމިޔާބުކުރީ 25-13ގެ ނަތީޖާއަކުންނެވެ. ދެވަނަ ސެޓު އެފްއެޗްޓީއެސްއިން ކާމިޔާބުކުރީ 25-10 ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ.

މީގެ އިތުރުން ސީއެމްއެސް ވަނީ ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގައި ފެކަލްޓީ އޮފް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ (ފެސްޓު) އަތުން ވެސް ބަލިވެފައެވެ.

އެ މެޗުގައި ފެސްޓުން ސެޓުތައް ގެންދިޔައީ 25-12 އަދި 25-14 އިންނެވެ.

އެމްއެންޔޫއެސްޔޫ އިންޓަފެކަލްޓީ ވޮލީ ބޯޅަ މުބާރާތަކީ 2015 ވަނަ އަހަރުން ފެށިގެން ސިލްސިލާ ގޮތެއްގައި ޤައުމީ ޔުނިވާސިޓިގެ ދަރިވަރުންގެ ޔުނިއަންގެ ފަރާތުން އެ ޔުނިވާސިޓީގެ ދަރިވަރުންނަށް ބާއްވަމުން އަންނަ މުބާރާތެކެވެ.

މި އަހަރު މި ބޭއްވޭ އަށް ވަނަ އެޑިޝަންގެ މުބާރާތުގައި އަންހެން އަދި ފިރިހެން ހިމެނޭހެން 16 ޓީމެއް ވަނީ ބައިވެރިވެފައެވެ.

މިއަހަރު އެމްއެންޔޫއެސްޔޫ އިންޓަފެކަލްޓީ ވޮލީ މުބާރާތުގެ މީޑީއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ސަންމީޑިއާއެެވެ