ނެޓްފްލިކްސްގެ އައިއޯއެސް އަދި އެންޑްރޮއިޑް މޯބައިލް ގޭމްތައް ބޭނުންކުރާ މީހުންނަށް ގޭމް ހެންޑްލްސް ތައާރަފުކޮށްފިއެވެ.

ޓެކްކްރަންޗުން މީގެ ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ފީޗާ ޑިވެލޮޕް ކުރުމުގެ މަސައްކަތް ކުރަމުންދިޔައިރު ނެޓްފްލިކްސްގެ ބައެއް ގޭމްތައް ކަމަށްވާ ދަ ބްރީޗް، ބައުލިން ބޯލާސް، މަހްޖޮންގް ސޮލިޓޭއާ އަދި ހެޑްސް އަޕްގައި އެފީޗާ ޓެސްޓްކޮށްފައިވެއެވެ. މިހާރު އައިއޯއެސް އަދި އެންޑްރޮއިޑް ޑިވައިސްތަކުގެ މެމްބަރުންނަށް ވެސް މި އޮޕްޝަން އިތުރަށް ފުޅާކޮށް ތައާރަފު ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ގޭމް ހެންޑްލްސްގެ ސަބަބުން ނެޓްފްލިކްސްގެ ސަބްސްކްރައިބަރުންނަށް ނެޓްފްލިކްސްގެ ގޭމްތަކުގެ ތެރެއިން ބޭނުންކުރެވޭނެ ޔުނިކް ޔޫޒަނޭމެއް އުފެއްދުމުގެ ފުރުސަތު ލިބޭނެއެވެ.

އަދި ގޭމް ހެންޑްލްސްއިން ކުޅުންތެރިންނަށް އެހެން ގޭމަރުން ހޯދުމާއި، ރައްޓެހިން ހޯދުމާއި، އެކަކު އަނެކަކާ އޮންލައިންކޮށް ގޭމް ކުޅެވޭނެ ގޮތް ހެދުމަށް އެހީތެރިވެދޭނެ ކަމަށް ވެސް ނެޓްފްލިކްސްއިން ފާހަގަކުރެއެވެ.

ނެޓްފްލިކްސްގެ ގޭމް ކުޅެން އެކަކު އަނެކަކަށް ދައުވަތު ދިނުމާއި އޮންލައިން ސްޓޭޓަސްއެއް ފެންނަ ގޮތް ހަދަން އުޅޭ ކަމުގެ ޚަބަރުތައް ދާދި ފަހުން ފެތުރުނެވެ. ނަމަވެސް އޭރު ނެޓްފްލިކްސްއިން މި ކަންކަމާ ބެހޭ ގޮތުން އެއްޗެއް ނުބުނެ ހަމައެކަނި ބުނީ "ނެޓްފްލިކްސްގެ މޯބައިލް ގޭމްތަކުގެ ތަޖުރިބާ މުއްސަނދި ކުރުމަށް ތަފާތު ފީޗާތައް ހޯދަމުންދާ" ކަމަށެވެ.

އާ ގޭމް ހެންޑްލްސް ފީޗާ ބޭނުން ކުރުމަށް ނެޓްފްލިކްސް ބޭނުންކުރާ ފަރާތްތަކުން ފުރަތަމަ މޯބައިލް ގޭމްތައް އެމީހުންގެ ޑިވައިސްއަށް ޑައުންލޯޑް ކުރުމަށް ފަހު ނެޓްފްލިކްސްއަށް ސައިން-އިން ކުރަން ޖެހޭނެއެވެ.

އައިއޯއެސްގައި ރައިވަލް ޕައިރޭޓްސް އަދި ލަކީ ލޫނާ ފަދަ ގޭމްތައް ލޯންޗުކުރުމުން އިން-ގޭމް ހެންޑްލް ސެލެކްޓް ކުރެވޭނެ އެވެ. އެންޑްރޮއިޑްގައި، ނެޓްފްލިކްސް އެޕްގެ ތެރޭގައިވާ ގޭމްސް ޓެބަށް ވަދެ "ކްރިއޭޓް ޔޫއާ ނެޓްފްލިކްސް ގޭމް ހެންޑްލް" ލިޔެފައިވާ ބެނާއަށް ފިތާލުމުން ފަސޭހަކަމާއެކު ކުރިއަށް ދެވޭނެއެވެ.

ގޭމް ހެންޑްލްސް ބޭނުންކޮށްގެން ނެޓްފްލިކްސްގެ މެމްބަރުންނަށް ނެޓްފްލިކްސް އެކައުންޓް ނަން ނުވަތަ އަސްލު ނަން ފަދަ ޒާތީ މައުލޫމާތު ހާމަނުކޮށް ގޭމް ކުޅެ، ރައްޓެހިންވެސް ހޯދައިލެވޭނެއެވެ. އެކަމަކު އަދި ކުރިއަށް އޮތްތަނުގައި ގޭމް ހެންޑްލްސް އަކީ ގޭމްޕްލޭއަށް ކޮންމެހެން ބޭނުންތެރި އެއްޗަކަށް ވެދާނެއެވެ. ނުވަތަ އެކުވެރި ގޭމަރުންނާ މުއާމަލާތް ކުރުމުގެ އެހެން ގޮތްތަކަށް ފުރުސަތު ލިބިދާނެ އިތުރު ހަރުދަނާ ގޭމިން ތަޖުރިބާތަކަށް ވެސް މަގުފަހިކޮށްދޭ އެއްޗެކަށް ވާނެއެވެ.

ނެޓްފްލިކްސްއިން ބުނާ ގޮތުގައި ގޭމްތަކަށް އަދި އިތުރު ކަންތައްތައް ވެސް ތައާރަފު ކުރާނެއެވެ. އަދި މިހާރު ތައާރަފު ކުރި ފީޗާއަކީ ފެށުމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.