14 Mar 2022, 00:27
ކޮވިޑާ ގުޅިގެން ރާއްޖޭގައި އިޢުލާނު ކުރަމުން އައި ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާ ގުޅިގެން، ސްކޫލު ދަރިވަރުން ސްކޫލަށް ހާޒިރުވާއިރު މާސްކް އެޅުން މަޖުބޫރު ނޫންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ދަރިވަރުން މާސްކު އެޅުން މަޖުބޫރު ނޫން ނަމަވެސް ދަރިވަރުގެ ސަލާމަތަށްޓަކައި މާސްކް އަޅައިގެން ސްކޫލަށް އާދެވޭނެކަމަށެވެ.
"އަދި ހައި ރިސްކް ދަރިވަރުން ސްކޫލަށް ހާޒިރުވާއިރު މާސްކް އެޅުމަކީ އެދެވިގެންވާކަމެއް" އެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ މާސްކް އެޅުން މަޖުބޫރު ނޫން ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސްކޫލުތަކުގައި ހުންބެލުމާއި ގިނަގިނައިން އަތްދޮވުންފަދަ ކަންކަން ކުރިއަށްދާނެކަމަށެވެ.
މިރޭ ޤައުމާ މުޚާތަބު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ ކޮވިޑާ ގުޅިގެން އިއުލާން ކުރަމުން އައި އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މިއަދުން ފެށިގެން އުވާލިކަން އިއުލާން ކުރައްވާފައެވެ.
އެއާ އެކު އާންމު ތަންތަނުގައި މާސްކު އެޅުން މަޖުބޫރު ނޫންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވެސް ވަނީ މިރޭ ބުނެފައެވެ.