އެމްއެންޔޫއެސްޔޫ އިންޓަ ފެކަލްޓީ ވޮލީ ބޯޅަ މުބާރާތުގައި މިރޭ ކުޅުނު އަންހެން ޑިވިޝަންގައި ސްކޫލް އޮފް ނާސިން(އެސްއެން)އާއި ސްކޫލް އޮފް މެޑިސިން (އެސްއެމް) ބައްދަލުކުރި މެޗު އެސްއެން އިން ކާމިޔާބު ކޮށްފިއެވެ.

އެސްއެންއިން މި މެޗު ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ސެޓު އެސްއެންއިން ކާމިޔާބުކުރީ 25-0ގެ ނަތިޖާއަކުން ބެލުންތެރިން ސިއްސާލުމަށްފަހުއެވެ. ދެވަނަ ސެޓު ވެސް އެ ޓީމުން ކާމިޔާބުކުރީ 25-3ގެ ފަރަގުބޮޑު ނަތީޖާއަކުންނެވެ.

މިއީ މި މުބާރާތުގައި އެސްއެންއިން ހޯދި ދެވަނަ މޮޅެވެ. ރޭގައި ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފްޗްއެސް)ގެ މައްޗަށް އެ ޓީމުންވަނީ ކުރިހޯދައިފައެވެ.

އެ މެޗުގެ ފުރަތަމަ ސެޓުގައި ވާދަވެރި ކުޅުމެއް ވަނީ ފެނިފައެވެ. އެ ސެޓު އެސްއެން ކާމިޔާބުކުރީ 25-16 ގެ ނަތީޖާއަކުންނެވެ. ނަމަވެސް ދެވަނަ ސެޓު އެސްއެން ކާމިޔާބުކުރީ 25-09 ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ.

އެމްއެންޔޫއެސްޔޫ އިންޓަފެކަލްޓީ ވޮލީ ބޯޅަ މުބާރާތަކީ 2015 ވަނަ އަހަރުން ފެށިގެން ސިލްސިލާ ގޮތެއްގައި ޤައުމީ ޔުނިވާސިޓިގެ ދަރިވަރުންގެ ޔުނިއަންގެ ފަރާތުން އެ ޔުނިވާސިޓީގެ ދަރިވަރުންނަށް ބާއްވަމުން އަންނަ މުބާރާތެކެވެ.

މި އަހަރު މި ބޭއްވޭ އަށް ވަނަ އެޑިޝަންގެ މުބާރާތުގައި އަންހެން އަދި ފިރިހެން ހިމެނޭހެން 16 ޓީމެއް ވަނީ ބައިވެރިވެފައެވެ.

މިއަހަރު އެމްއެންޔޫއެސްޔޫ އިންޓަފެކަލްޓީ ވޮލީ މުބާރާތުގެ މީޑީއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ސަންމީޑިއާއެެވެ.